ފޯނު ކަވަރުން ޗާޖުކުރެވޭ ހެޑްފޯނެއް
ފޯނު ކަވަރުން ޗާޖުކުރެވޭ ހެޑްފޯނެއް

ފޯނާއެކު ހެޑް ފޯން ގެންގުޅުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. އެކަމަކު ބައެއް ފަހަރު މިއީ އުނދަގުލަކަށް ވެސް ވެ އެވެ. ވާގަނޑު ލީ އެއްޗެއް ނަމަ އެ އޮޅިދާނެ އެވެ. ވާގަނޑު ނެތް، ވަޔަލެސް އެއްޗެއް ނަމަ ފަސޭހައިން ގެއްލުމުގެ ބިރު ބޮޑެވެ.

ފޯނު ކަވަރުން ޗާޖުކުރެވޭ ހެޑްފޯނެއް
ފޯނު ކަވަރުން ޗާޖުކުރެވޭ ހެޑްފޯނެއް

މިކަމުގެ ހައްލަކަށް އެސްކޭޕް އޯޑިޔޯއިން ބާޒާރަށް ނެރުނީ ސައުންޑްފްލޯ ވަޔަލަސް އިއާބަޑްއެވެ. މިއީ ފޯނު ކަވަރެއްގެ ތެރޭ ރީތިކޮށް ފައްތާލެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެޑްފޯނެކެވެ.

ހެޑްފޯންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދަނީ އެޕްލް އެއާޕޮޑެވެ. އެކަމަކު ބައެއް މީހުންގެ ޝަކުވާއަކީ ފަސޭހައިން ކަންފަތުން ދޫވެ، ވެއްޓޭގޮތްވުމެވެ. އެސްކޭޕް އޯޑިޔޯގެ އިއާބަޑް އަށް މި މައްސަލަ ދިމާ ނުވާނެ ކަމަށް އެ މީހުން ބުނެ އެވެ. މި އުފައްދާފައިވަނީ ކަންފަތުތެރޭ ރަގަޅަށް ފެތިފައި ހުންނަ ގޮތަށެވެ. މި ބައްޓަންކޮށްފައި ވަނީ އަނބުރާލެވޭ ގޮތަކުން އަމިއްލައަށް ކަންފަތުތެރޭ ބެދި، ހަމަޖެހޭކަހަލަ ގޮތަކަށެވެ. ކަންފަތުން ދޫވެ، މި ނުވެއްޓޭނެކަމުގެ ޔަގީންކަން އެސްކޭޕް އޯޑިޔޯއިން ދެއެވެ. އަދި އެ ކުންފުނިން ބުނާ ގޮތުގައި މި ގެއްލުނަސް ހޯދާކަށް އުނދަގުލެއް ވެސް ނުވާނެއެވެ. މީގެ ސްމާޓްފޯން އެޕްގެ ތެރޭން 1500 ފޫޓުގެ ދުރުމިނުގައި ވިޔަސް ހޯދައިދޭނެއެވެ.

ސައުންޑްފްލޯ އިއާބަޑްއަކީ މިވަގުތު ބާޒާރުގައި ހުރި މި ބާވަތުގެ ތަކެތީގެ ތެރޭން އެންމެ ސާފުކޮށް އަޑު ފޯރުކޮށްދޭނެ ހެޑްފޯނު ކަމަށް މި އުފެއްދި ކުންފުނިން ބުނެއެވެ. އެއް ފަހަރުގެ ޗާޖުން 8 ގަޑިއިރު މެދުނުކެނޑި ބޭނުންކުރެވޭނެއެވެ. ފުރިހަމައަށް ޗާޖުކުރަން ހޭދަވާނީ އެންމެ ބައިގަޑިއެއްހާއިރެވެ. ޗާޖުކުރަންވުމުން، ސައުންޑްފްލޯ ސްމާޓްކޭސްގެ މަތީ ކޮޅުގައި މިއަށް ޚާއްސަކޮށްފައިވާ ޖާގައިގަ ބާއްވާލުމުން ކަރަންޓާ ނުލައި ޗާޖުކުރެވޭނެއެވެ.

ސެމްސަންގާއި އެޕަލް އާއި ގޫގްލްގެ އެންމެ ފަހުގެ ފޯނުތަކަށް މި ސްމާޓްކޭސް ހެޔޮވަރުވާނެއެވެ. މި ކޭސްގެ ހުރީ ހަމައެކަނި އިއާބަޑް ޗާޖުކުރުމުގެ ބާރެއް ނޫނެވެ. ފޯނު ޗާޖުކުރުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. ސައުންޑްފްލޯ ސްމާޓްކޭހަށް ޗާޖުކުރުމުގެ ބާރު ލިއްބައިދިނުމަށްޓަކައި ޔޫއެސްބީ ސީ ޕޯޓަކަށް ނޫނީ ވަޔަލަސް ޕެޑެއް މަތީ ބާއްވައިގެންވެސް މި ސްމާޓްކޭސް ޗާޖުކުރެވޭނެއެވެ.

ކޮންމެހެން ފޯނަށް ސްމާޓްކޭހެއް ހޯދަން ބޭނުން ނެތިއްޔާ ހަމައެކަނި ހެޑްފޯނަށް ޚާއްސަ ކުޑަ ދަޅު ވެސް ލިބެންހުރެއެވެ. ޕަވަޑޮކްގެ ނަމުން ނަންދީފައިވާ މި ކުޑަކުޑަ ދަޅުގައި އިއާބަޑް ހަ ފަހަރަށް ޗާޖުކުރުމުގެ ބާރު ހުންނާނެއެވެ. އެއަށްފަހު ދެން އެވީ ޕަވަޑޮކަށް ބާރު ހޯދަން ޗާޖުކުރާށެވެ.

ސައުންޑްފްލޯ ސްމާޓްކޭހާއި ކަންފަތު އުނގުރިއާއި ޕަވަޑޮކް ބާޒާރަށް އާންމުކޮށް ނުކުންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ.