06 ނޮވެމްބަރ 2018 - 07:20

މި އަހަރު މަރުވި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްރީދޭވީ ވެގެން ގޮސްފައި ވަނީ ބޮލީވުޑްގެ ވަރަށް ގިނަ އެކްޓަރުން އެކުގައި މަސައްކަތްކޮށްލަން ބޭނުންވި ބަތަލާއަކަށެވެ. ރީތިކަމާއި މޮޅު އެކްޓިންގެ އިތުރުން ނެށުމަށް ވެސް ސްރީދޭވީއަކީ އެއް ވަނައިގެ ބަތަލާއެކެވެ.
ނަސީބު ދިމާކުރި ގޮތުން، އަދިވެސް ބޮލީވުޑްގައި ރަސްކަން ކުރަމުން އަންނަ އެންމެ ވަރުގަދަ ހާނުންގެ ތެރޭގައި ހިމެނޭ ޝާހްރުކް ހާނާއި ސަލްމާން ހާން ފަދަ އެކްޓަރުންނަށް ސްރީދޭވީއާ އެކު ފިލްމު ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފައިވެ އެވެ.
ސަލްމާން ސްރީދޭވީއާ އެކު ކުޅުނީ ޗަންދުރަމުކީ (1993) އެވެ.
ޝާހްރުކަށް ސްރީދޭވީއާ އެކު ސްކްރީން ހިއްސާކޮށްލަން ލިބުނު ފުރަތަމަ ފިލްމަކީ އާމީ (1996) އެވެ. އަނެއްކޮޅުން ސްރީދޭވީ ސްކްރީނުން ފެންނާނެ އެންމެ ފަހު ފިލްމަކީ ޝާހްރުކްގެ ފިލްމެކެވެ. އެއީ އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން އަނެއްކާ ވެސް ސްރީދޭވީގެ ހަނދާންތައް އާކޮށް ދޭނެ އެވެ.
ސްރީދޭވީއާ އެކު ފިލްމެއް ކުޅުމުގެ ހުވަފެން ދެކެމުން ދިޔަ ނަމަވެސް ކަން ދިމާވި ގޮތުން އާމިރު ހާނަށް އެ ފުރުސަތު ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ އެކަމާ އަދިވެސް ވަރަށް މާޔޫސްވާ ކަމަށް އާމިރު ބުންޏެވެ.
ނަމަވެސް އާމިރު ފިލްމީ ދާއިރާ އަށް ނުކުތްތާ ވަރަށް ކުރީކޮޅު ފިލްމީ މަޖައްލާއެއްގެ ކަވަރަށް ސްރީދޭވީއާ އެކު ފޮޓޯ ޝޫޓަކުން ފުރުސަތު ލިބުނެވެ.
"އެއީ އަދިވެސް ވަރަށް ހަނދާންވާ ހުންނަ ދުވަހެއް. އެ ދުވަހު ހަމަ ސްރީދޭވީ ފެނިފައި އޭނާ އަށް ގެއްލިފައި ހުރެވުނީ. ފޮޓޯ ޝޫޓްގެ ތެރޭގައި ވެސް ސްރީދޭވީގެ ލޮލަށް ބެލުން ނޫން ކަމެއް އަހަންނަކަށް ނުކުރެވޭ،" އަންނަ ހުކުރު ދުވަހު ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިން ގާތު އާމިރު ބުންޏެވެ. "ސްރީދޭވީގެ ވަރަށް ބޮޑު ކްރަޝްއެއް އަހަންނަކީ. އަނެއްކާ އެއީ އެހާ މޮޅު ބަތަލާއެއް."
މިހާރު އުމުރުން 53 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ސްރީދޭވީއާ އެކު ކޮންމެވެސް ދުވަހަކުން ފިލްމެއް ކުޅުމަކީ އޭނާ ވަރަށް ބޮޑަށް ދެކެނު ހުވަފެނެކެވެ. އެގޮތުން ޑައިރެކްޓަރު މަހޭޝް ބަޓްގެ ކައިރީގައި ދެ މީހުން ލީޑް ރޯލަށް ލައިގެން ފިލްމަށް ހަދަން އެދުނު ކަމަށް އާމިރު ބުންޏެވެ.
"އަހަރެން ބުނިން ހިނގާށޭ ރޯމަން ހޮލިޑޭ [1953 ގައި ރިލީޒް ކުރި ހޮލީވުޑް ފިލްމު] ގެ ހިންދީ ރިމެކެއް ހަދަން. އަހަންނާއި ސްރީދޭވީ އާއި ދެ މީހުންނޭ ލީޑް ކުޅޭނީ،" އާމިރު ބުންޏެވެ.
އޭނާ ބުނީ އެ ވާހަކަ އެގޮތަށް ދެކެވިފައި އޮއްވައި މަހޭޝް އޭނާއާ ފިލްމެއްގެ ސްކްރީންޕްލޭ ހަވާލު ކުރި ކަމަށެވެ. އަދި އެއާ ވަރަށް ގަޔާވި ކަމަށް ބުންޏެވެ.
"އެކަމަކު ނަސީބު ހުރި ގޮތުން ސްރީދޭވީއާ އެކު އެ ފިލްމު ކުޅެން ނުލިބި، ކުޅެން ޖެހުނީ ޕޫޖާ ބަޓްއާ އެކު ދިލް ހޭ ކީ މާންތާ ނެހީ،" އާމިރު ބުންޏެވެ.
އާމިރާއި މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ލީޑް ރޯލް ކުޅުނު "ދިލް ހޭ ކީ މާންތާ ނެހީ" އަކީ 1991 ގައި މަހޭޝް ޑައިރެކްޓް ކުރި ފިލްމެކެވެ. އަދި އެއީ އެ އަހަރުގެ ކާމިޔާބު އެއް ފިލްމު ވެސް މެ އެވެ.
ނަމަވެސް މަހޭޝް ވަނީ 1993 ގައި ސްރީދޭވީއާ އެކު "ގުމްރާހް" ކިޔާ ފިލްމެއް ގެނެސް ދީފަ އެވެ. އޭގައި އޭނާއާ އެކު މުހިއްމު ރޯލްތައް ކުޅުނީ ސަންޖޭ ދަތާއި ރާހުލް ރޯއި އެވެ.