ހީނާ ހާން ޖުމެއިރާ ވިޓަވެލި ރިސޯޓްގައި
ހީނާ ހާން ޖުމެއިރާ ވިޓަވެލި ރިސޯޓްގައި

ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ "ކަސޯޓީ ޒިންދަގީ ކޭ" ގެ އާ ސީޒަނުގައި ކޮމޮލިކާގެ ރޯލް އަދާކުރާ މަޝްހޫރު ބަތަލާ ހީނާ ހާން ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖެ އައި 31 އަހަރުގެ ބަތަލާ ޗުއްޓީ ހޭދަކުރަނީ ޖުމެއިރާ ވިޓަލެވި ރިސޯޓްގަ އެވެ. އެ ތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ހީނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެނގިފައވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައި ވަނީ ލޯބިވެރިޔާ ރޮކީ ޖެއިސްވާލްއާ އެކު އިއްޔެގެ ވަގުތެއްގަ އެވެ. މި ދެ މީހުން ފާހަގަ ކުރެވެނީ ވަރަށް ގިނައިން އެކި ގައުމުތަކަށް އެކީގައި ދަތުރު ކުރާ ދެ މީހުންގެ ގޮތުގަ އެވެ.

ހީނާއަކީ ސްޓާ ޕްލަސްގެ ކާމިޔާބު ސިލްސިލާ "ޔެ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން މަޝްހޫރުކަން ހޯދި ބަތަލާއެކެވެ. އޭގައި އޭނާ ކުޅެފައި ވަނީ ވަރަށް ގެވެހި އަންބެއްގެ ރޯލެވެ. ނަމަވެސް "ކަސޯޓީ" އަކީ ފުރަތަމަ ފަހަރަށް ހީނާ ނެގަޓިވް ރޯލަކުން ފެނިގެންދާ ސިލްސިލާއެކެވެ. އަދި އޭނާ ކޮމިލިކާގެ ގޮތުގައި ކަސޯޓީގެ ފޭނުން ވަނީ ވަރަށް ބޮޑަށް ބަލައިގެންފަ އެވެ.

ހީނާ ވަނީ މިދިޔަ އަހަރު ކަލާޒުން ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވެސް ވާދަކޮށްފަ އެވެ. އެކްތާ ކަޕޫރްގެ "ކަސޯޓީ" ގެ އިތުރުން ހީނާ ދާދި ފަހުން ވަނީ އެކްތާގެ އިތުރު އެހެން ސިލްސިލާއަކަށް ވެސް ސޮއިކޮށްފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއީ މިހާތަނަށް އިންޑިއާގެ ޓީވީއަށް އެންމެ ވަރުގަދަ ބިރުވެރި ސިލްސިލާ އަށް ވާނެ އެވެ.