05 ނޮވެމްބަރ 2018 - 11:39

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، ދެން އޮތީ އަނެއްކާވެސް ކޯލިޝަން ސަރުކާރެއްގެ ފެށުމެވެ. އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރު ދަމަހައްޓަން އޮތް ބިރަކީ، ލީޑަރުންގެ ތަފާތު ފިކުރުތަކެވެ. ކުރީގެ ތަޖުރިބާ އަށް ބަލާއިރު، ކޯލިޝަން ސަރުކާރުތައް ރޫޅެން މާގިނަ ދުވަހެއް ނުނަގަ އެވެ. ހަތަރު ލީޑަރުން ހިމެނިވަޑައިގަންނަވާ، މި ސަރުކާރަށް ވެސް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވޭނެތޯ ސުވާލު އުފެދެނީ އެ ހިސާބުންނެވެ.

ކޯލިޝަންގެ އެއް ލީޑަރު، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ "މިހާރު" އަށް ވިދާޅުވީ މާޒީ ތަކުރާރު ވެދާނެ ފަދަ ހާލަތެއް، މިފަހަރު ދިމާވެދާނެ ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ، ހިޔާލުތަފާތުވުންތަކާ އެކު ވެސް އަމިއްލަ މަސްލަހަތު އެއްފަރާތް ކުރައްވައި ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ލީޑަރުން ނުކުމެ ތިއްބެވުމެވެ.

"މިއޮތީ ވަރަށް ރީތިކޮށް ފެށިފައި. ދެން އޮތީ، ފަސް އަހަރުގެ ދަތުރު ނިންމާލުން،" އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ބަލާނަން ވެރިކަން ދެމެހެއްޓުމުގެ ސަބަބަކަށް ވެވޭތޯ."

އަދާލަތު ޕާޓީ އާއި އެމްޑީޕީ އެއް ކޯލިޝަނެއްގައި މިހާރު ތިއްބަސް މީގެ ކުރިން ޚިޔާލުތަފާތުވުންތަކާ އެކު އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިއުން އަމާޒުކުރި އެވެ. ހަމައެގޮތަށް، އެމްޑީޕީއާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަކީ ސިޔާސީ މަސްރަހުން އެއް ބަޔަކު އުއްމީދުކުރި މަންޒަރެއް ނޫނެވެ.

"ސިޔާސީ ގޮތުން މިކުރާ ކަންތައްތަކަކީ އެއްވެސް ވަރަކަށް ޒާތީ ކަންކަމެއް ނޫން. އަޅުގަނޑުމެން މިކުރަނީ މުޅި ގައުމީ މަސްލަހަތު ހިމެނޭ މަސައްކަތެއް. އެކަން ލީޑަރުން ގަބޫލުކުރޭ. ތަފާތު ދޫކޮށް، އިސްކުރީ ގައުމީ މަސްލަހަތު،" އިމްރާން ވިދާޅުވި އެވެ.
އުފެދިފައި މިއޮތީ ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކޯލިޝަނެއް ކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އިބޫ އަކީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓޭނެ ފަދަ ރީތި ސިފަތަކެއް ހުރި ބޭފުޅެއް ކަމަށެވެ. ކެތްތެރި، މަޑުމައިތިރި، އެހެން ބޭފުޅުންނާ ރީތި ގޮތުގައި މުއާމަލާތު ކުރެވޭނެ ބޭފުޅެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯލިޝަން ހަތަރު ޕާޓީ އެކުގައި ތިބެ، އިބޫގެ މެނިފެސްޓޯ ކާމިޔާބުކުރަން މަސައްކަތް ކުރާނެ އެވެ.
"އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ، އިބޫއަކީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު ނެގޯޝިއޭޓަރޭ. އެހެންވެ ކޯލިޝަން މެނިފެސްޓޯއެއް ހިމެނޭ ވެރިކަން ކާމިޔާބާ ހަމައަށް ގެންދަވާނެ ކަން އިބޫގެ ކިބައިގައި ހުރި ސިފަތަކަށް ބަލާއިރު ވަރަށް އުއްމީދު ކުރެވޭ،" އިމްރާން ވިދާޅުވި އެވެ.
"އިބޫއާ އެކު މަސައްކަތް ކުރަން ފެށި ހިސާބުން ފާހަގަވާ އެއް ކަމަކީ އިބޫ ވައުދެއް ވެވަޑައިގެންފިއްޔާ ދެން ދުލެއް ނުކުރައްވާނެ ކަން. ބަޔަކާ އެކު މަސައްކަތް ކުރައްވާއިރު މައްސަލައެއް ޖެހިއްޖިއްޔާ، ކޮންމެވެސް ގޮތަކުން އޭގައި އިންސާފުވެރި ހައްލެއް ގެންނަވާނެ. އަނެއްކޮޅުން ވަރަށް ދޫދެއްވާ، ބޭފުޅެއް."
އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރު އުފެދުނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އެހެންވެ، އިބޫ އެދިވަޑައިގެންފި ނަމަ ސަރުކާރުގެ މަގާމަކަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު ކާމިޔާބު ކޮށްދިނުމަށް ރައްޔިތުންނަށްޓަކައި، އެމަނިކުފާނު [އިބޫ]ގެ ވައުދުތައް ފުއްދައި ދިނުމަށް އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި ކޮން ހިސާބެއްގައި ހުންނަން ތައްޔާރަށް،" އިމްރާން ވިދާޅުވި އެވެ.
ހަތަރު ލީޑަރުން އެއްބަސްވެ، ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރީ އެމަނިކުފާނަށް ބޮޑެތި ތުހުމަތުތަކާ އެކުގަ އެވެ. އެކަން ތަކުރާރު ކުރައްވަމުން އިމްރާން ވެސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރަކީ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ ފަސް އަހަރު ކަމަށެވެ.
ކޮރަޕްޝަނާއި އަނިޔާ އާއި ބޭއިންސާފު އިންތިހާ އަށް ބޮޑުވިއިރު މި ހުރިހާ ސަބަބުތަކަކަށް މަގުފަހިވި ކަންކަން ހުންނާނެ ކަމަށް ވިދާޅުވި އެވެ. އެ ކަންކަމުގައި ޒިންމާވާ ފަރާތްތައް، އިމްރާން ވިދާޅުވި ގޮތުގައި، ޖަވާބުދާރީ ކުރުވަން ޖެހެ އެވެ.
އެކަމަކު ޒިންމާކުރުވުމުގެ ނަމުގައި ރައީސް ޔާމީނަށް ވެސް އަދި އެހެން ބޭފުޅަކަށް ވެސް ނުހައްގުން އަނިޔާ ދިނުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށާއި މިހާރު އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގަންނަވާ އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ކަމަށް އިމްރާން ވިދާޅުވި އެވެ. މެއި 1، 2015 ގައި ބޭއްވި މުޒާހަރާގައި ވެސް އޭނާގެ ވާހަކަ އަމާޒު ކުރެއްވީ ނުހައްގު އަނިޔާއާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.
"ރައީސް ޔާމީން ކަމަށް ވިޔަސް، ހައްގު ނޫން އަދަބެއް އަނިޔާއެއް އަޅުގަނޑުމެން ދީގެން ނުވާނެއޭ. އެހެން ނަމަވެސް ރައްޔިތުންގެ ހައްގުތަކާއި ރައްޔިތުންގެ ބައިތުލްމާލާއި މިހުރިހާ ކަންކަމާ ހެދި، އެ ކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ނުވަތަ ރައީސް ޔާމީން ވެސް އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހިނގާދިޔަ ކަންކަމުން އެމަނިކުފާނު އަމިއްލަފުޅަށް ބަރީއަވެވަޑައިގެން ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ."