05 ނޮވެމްބަރ 2018 - 08:45

މެންޗެސްޓާ (ނޮވެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އަތުން 6-1 އިން ހޯދި ބޮޑު މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ އާސެނަލާ ދެކޮޅަށް ކުޅެ ހޯދި ޕޮއިންޓާ އެކު ލިވަޕޫލް ވަނީ އެއް ވަަނަ އަށް ޖެހިލައިފަ އެވެ. އެކަމަކު ރޭ ސިޓީ މޮޅުވެ 11 މެޗުން ހޯދި 29 ޕޮއިންޓާ އެކު ވަނީ އަލުން އެއް ވަނަ އަށް އަރައިފަ އެވެ. ރޭ ޗެލްސީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އާއި ތިން ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 18 މިނިޓް ތެރޭ އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑަކީ މެޗުގެ 6 ވަނަ މިނިޓްގައި ސައުތެމްޓަންގެ ވެސްލީ ހޫޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ލަނޑު ޖެހީ ރަހީމް ސްޓާލިން ދިން ބޯޅައަކުން ސާޖިއޯ އަގުއޭރޯ އެވެ. ތިން ވަނަ ލަނޑު ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން ޑޭވިޑް ސިލްވާ އެވެ.
ސައުތެމްޓަނަށް މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޑެނީ އިންގްސް ލަނޑެއް ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ސްޓާލިން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ހާފުގައި ސިޓީގެ ފަސް ވަނަ ލަނޑު ޖެހީ ވެސް ސްޓާލިން އެވެ. ހަ ވަނަ ގޯލު ޖެހީ އިތުރުވަގުތުގައި ލެރޯއި ސާނޭ އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މެޗުގައި އޭނާގެ ޓީމުން ފެނުނީ ވަރަށް ފުރިހަމަ ކުޅުމެއް ކަަމަށާއި އެކަމަކު ހަތަރު ގޯލު ޖެހިއިރު ވެސް ހަމަޖެހިލެވޭނެ ފުރުސަތެއް ނުލިބުނީ ސައުތެމްޓަނުން ހިތްވަރު އެލުވާނުލާ ދެއްކި މޮޅު ކުޅުމެއްގެ ސަބަބުންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ އަލްވާރޯ މޮރާޓާ އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ކްރިސްޓަލް ޕެލަސް އިން ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ކާމިޔާބުކުރީ އެންޑްރޫ ޓައުންސެންޑް އެވެ.
ޗެލްސީ އަށް ދެ ވަނަ ފަހަރަށް ވެސް ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މޮރާޓާ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ހަތަރު ވަނަ ގޯލެވެ. ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ މިއީ އަދި މޮރާޓާގެ އެންމެ ރަނގަޅު ކުޅުން ކަމަށް ގަބޫލުނުކުރާ ކަމަށާއި އަދިވެސް އޭނާ އަށް ރަނގަޅު ކުރެވޭނެ ކަމަށެވެ.
ޗެލްސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑް ވަނީ ކުޅެން އަރުވައިފަ އެވެ. އަނިޔާގެ ސަބަބުން އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި ހަޒާޑް ނުކުޅެ އެވެ.