04 ނޮވެމްބަރ 2018 - 16:43

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކުރީގެ މިނިސްޓަރު ނާޒިމަށް އިއްވާފައިވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.
އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކުރީ އެ ދެ ބޭފުޅުންގެ ޖަލު ހުކުމުގެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ. އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށާއި އެ ހުކުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް އެއްވެސް ފިޔަވަޅެއް ނާޅަން އަމުރުކުރާ ކަމަށް ސުޕްރީމް ކޯޓުން ވަކިވަކިން ނެރުނު ދެ އަމުރުގައިވެ އެވެ.
މި އަމުރު ނެރުނުއިރު، އެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ރާއްޖެއިން ބޭރުގަ އެވެ.
ކުރީގެ މިނިސްޓަރު ނާޒިމަށް އިއްވި ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ ނާޒިމްގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އޭރު އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ނިިންމުން ރިވިއު ކުރަން ނާޒިމްގެ ފަރާތުން ފަހުން ހުށަހެޅުމުން އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމައިފަ އެވެ.
ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދަށު ކޯޓާއި ހައި ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނިކޮށް، އޭނާ ޖަލަށްލާން 2015 ގައި ހުކުމްކުރީ ސުޕްރީމް ކޯޓުންނެވެ. އެ މައްސަލަ ރިވިއު ކުރަން ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ.
ކުރީގެ މިނިސްޓަރު ނާޒިމާއި ކުރީގެ މެމްބަރު ނާޒިމްގެ ޖަލު ހުކުމް ފަސްކުރަން އަމުރު ކުރިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ ޖަލު ހުކުމް ވެސް ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން ވަނީ އަމުރު ނެރެފަ އެވެ. އެ ބޭފުޅުންގެ ޖަލު ހުކުމުގެ މައްސަލަ ވެސް ރިވިއުކުރަން ސުޕްރީމް ކޯޓަށް އޮތީ ހުށަހަޅައިފަ އެވެ.