26 މެއި 2016 - 13:40

ރިއާސީ ލޯންޗް "ފިނިފެންމާ"ގައި އެއްޗެއް ގޮއްވައިލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ދައުވާގައި، އަދީބުގެ ދިފާއީ ހެކިވެރިންގެ ގޮތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ނަން މިއަދު ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް ޔާމީންގެ ދެކަނބަލުން ފިނިފެންމާގައި ދަތުރު ކުރައްވަނިކޮށް އެ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން އަދީބާއި އޭނާގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން އާމިރާއި އިސްމާއިލް ރިކާޒްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
އެ މައްސަލާގައި ދެ ފަރާތުން މިއަދު ހެކި ހުށަހަޅާފައިވާއިރު، އަދީބާ ދެކޮޅަށް ދައުލަތުގެ ފަރާތުން 13 މީހަކު ހެކިންގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.
ފަސްޓް ލޭޑީ ފާތުންގެ ނަން ހުށަހެޅީ ލޯންޗްކޮޅުގައި ބޮން ގޮއްވިއިރު، ރައީސް ޔާމީންގެ ހަގު ދަރިކަލުން އެހެން ލޯންޗެއްގައި މާލެ ގެނައިކަން ސާބިތު ކުރުމަށެވެ. މައުމޫންގެ ނަން ހުށަހެޅީ، ހާދިސާގެ ކުރިން އެ ލޯންޗުކޮޅުގައި މައުމޫން ދަތުރުފުޅު ކުރެއްވިކަން ސާބިތު ކުރުމަށެވެ.
މީގެ އިތުރުން އަދީބު ސަރުކާރުން ވަކިކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަން ސާބިތު ކުރުމަށާއި އަދީބު ހައްޔަރު ކުރުމާ ހަމައަށް ސިފައިންގެ ބަޑިގުދަނުން އެއްވެސް ހަތިޔާރެއް މަދުނުވާ ކަން ސާބިތު ކުރުމަށާއި އަދީބު ރިޔާސީ ލޯންޗްކޮޅުގައި ދަތުރު ކުރުމުގެ ކުރިން ސެކިއުރިޓީ ކްލިއަރެންސް ހެދިކަމާއި އިތުރު ގިނަ ކަންތަައްތަކެއް ސާބިތު ކުރަން ވެސް އޭނާގެ ފަރާތުން ހެކި ހުށަހަޅާފައިވެ އެވެ.
ލޯންޗުކޮޅުގައި ގޮއްވާލާފައި ވަނީ އައިއީޑީއެއް ނޫން ކަން ސާބިތު ކުރުމަށާއި އެ އުޅަނދުގެ މެއިންޓަނަންސް ނުކުރާތާ ދެ އަހަރުވެފައިވާ ކަން ސާބިތު ކުރުމަށާއި އެ ހާދިސާގެ ކުރިން އިންޖީނުގެ މައްސަލައެއް ހައްލުކުރަން ބަޔަކު ލޯންޗުކޮޅަށް އެރިކަން ސާބިތުކުރަން ވެސް އަދީބުގެ ފަރާތުން ހެކި ހުށަހަޅާފައިވެ އެވެ.
އަދީބުގެ ފަރާތުން 14 ހެއްކަކު ހުށަހެޅިއިރު އޭގެ ތެރޭގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝާހިދާއި ސިފައިންގެ އިތުރު އޮފިސަރުންތަކެއް ހިމެނެ އެވެ.
ދައުލަތުން އަދީބާ ދެކޮޅަށް 13 ހެއްކަކު ހުށަހެޅި އެވެ. އޭގެ ތެރޭގައި އެ އައިއީޑީ ހެދުމުގައި އަދީބު ބައިވެރިވިކަމާއި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ފަހު، ވެރިކަމާ ހަވާލުވާން އަދީބު ރޭވިކަމާއި އެ މައްސަލާގައި ހައްޔަރުކުރި މީހަކު ސަލާމަތްކުރަން އަދީބު މަސައްކަތް ކުރިން ސާބިތުކުރަން ހުށަހެޅި ހެކިން ހިމެނެ އެވެ.
މީގެ އިތުރަށް ރެހެންދި ފްލެޓްގައި އަދީބު އުޅުނު އެޕާޓްމެންޓްގައި ހަތިޔާރު ގެންގުޅުނު ކަމާއި ހިބަޅިދޫއަށް ހަތިޔާރު ގެންދިޔަ ކަން ސާބިތު ކުރުމަކީ ވެސް ދައުލަތުން ހެކި ހުށަހެޅި ސަބަބުތަކެވެ.
އެ މައްސަލާގައި އަދީބާ އެކު ދައުވާލިބޭ ރިކާޒާއި އާމިރުގެ ފަރާތުން ވެސް ވަނީ ގިނަ ކަންތައްތަކެއް ސާބިތުކުރަން ހެކިން ހުށަހަޅައިފަ އެވެ.