ލަންކާ ޕާލަމެންޓުގެ ބައްދަލުވުމެއް ބުދަ ދުވަހު ބޭއްވޭތޯ ބަލަނީ
ލަންކާ ޕާލަމެންޓުގެ ބައްދަލުވުމެއް ބުދަ ދުވަހު ބޭއްވޭތޯ ބަލަނީ

ކޮލަމްބޯ (ނޮވެމްބަރު 4) - ސަސްޕެންޑްކޮށްފައިވާ ލަންކާ ޕާލަމެންޓުގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވިދާޅުވެއްޖެ އެވެ.

ޖަޔަސޫރިއާ މިދިޔަ ހުކުރު ދުވަހު ވަނީ ޖަލްސާތައް ފެށޭނެ ދުވަހަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕާލަމެންޓުގެ މެންބަރުންނާ ބައްދަލު ކުރައްވައިފަ އެވެ.

ލަންކާ ޕާލަމެންޓް މި މަހު 16 އާ ހަމައަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ސަސްޕެންޑް ކުރީ ބޮޑު ވަޒީރުކަމުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ވަކިކުރުމަށް ފަހު އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަށް ފަހު އެވެ.

ޖަޔަސޫރިއާގެ ތަރުޖަމާން ވިދާޅުވީ ޕާލަމެންޓުގެ ގިނަ އަދަދެއްގެ މެންބަރުންނާ އެކު ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ޖަޔަސޫރިއާ ވަނީ ބުދަ ދުވަހު ބައްދަލުވުންތައް ފެށޭތޯ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 118 މެންބަރުން ބައިވެރިވެފަ އެވެ.

ތަޖްރިބާކާރުން ބުނަނީ މިއީ ސިރިސޭނާ ކޮޅަށް އަޣުލަބިއްޔަތު ނެތްކަން ދޭހަވާ އަދަދެއް ކަމަށެވެ. ބޮޑު ވަޒީރު ކަމުން ރަނިލް ދުރުކުރި ނަމަވެސް އެމަނިކުފާން ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވައިފަ އެވެ. އަދި ޕާލަމެންޓުގެ ޖަލްސާއެއް ބާއްވައިފި ނަމަ އަޣުލަބިއްޔަތު އޮތްކަން ސާބިތު ކޮށްދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. ރަނިލް ވިދާޅުވެފައި ވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ.

ޕާލަމެންޓް ހުޅުވަންވާ އިރަށް ސިރިސޭނާ ގެންދަވަނީ އަޣުލަބިއްޔަތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ރަނިލްގެ ޕާޓީގެ މެންބަރަކު ވިދާޅުވެފައި ވަނީ ޕާޓީ ބަދަލުކުރާ މަތިން އޭނާ އަށް 2.8 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށެވެ.

ޕާލަމެންޓުގައި ސިރިސޭނާ އަށް 100 މެންބަރުން މިހާރު ހަމަކުރެވިފައިވާ އިރު ރަނިލްގެ ޕާޓީގެ 103 މެންބަރުން އެބަތިއްބެވެ. ބާކީ ތިބި 22 މެންބަރުންގެ ތެރޭން ގިނަ މީހުން ތާއީދުކުރާނީ ރަނިލް އަށް ކަމަށް ބެލެވެ އެވެ. އެންމެ ބޮޑު ތަމަޅަ ޕާޓީ އާއި ހަތް މެންބަރުން ހިމެނޭ ސްރީ ލަންކާ މުސްލިމް ކޮންގްރެސް އިން ވަނީ ރާޖަޕަކްސާ އަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ.