ރަނިލްގެ ސަޕޯޓަަރުން ބޮޑުވަޒީރުގެ ގެކޮޅުގައި ދިރިއުޅެން ފަށައިފި
ރަނިލްގެ ސަޕޯޓަަރުން ބޮޑުވަޒީރުގެ ގެކޮޅުގައި ދިރިއުޅެން ފަށައިފި

ކޮލަމްބޯ (ނޮވެމްބަރު 4) - ސްރީ ލަންކާގެ ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ މިިދޔަ މަހު 26 ވަނަ ދުވަހު ދުރުކުރި ނަމަވެސް އެމަނިކުފާން ގެންދަވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ރަނިލް ވިދާޅުވެފައި ވަނީ އެމަނިކުފާން މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންވެ ރަސްމީ ގެކޮޅު ދޫނުކުރައްވާނެ ކަމަށެވެ.

ރަނިލްގެ ސަޕޯޓަަރުން ބޮޑުވަޒީރުގެ ގެކޮޅުގައި ދިރިއުޅެން ފަށައިފި
ރަނިލްގެ ސަޕޯޓަަރުން ބޮޑުވަޒީރުގެ ގެކޮޅުގައި ދިރިއުޅެން ފަށައިފި

ރަނިލްއެކޭ އެއްގޮތަށް ސަޕޯޓަރުން ވެސް ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް ޖަމާވެފަ އެވެ. އެއްބަޔަކު ޓެމްޕަލް ޓްރީސްގެ ބޭރުގައި ކޭމްޕް ޖަމާފައިވާ އިރު އަނެއް ބަޔަކު ވަނީ 5،000 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލް ފުރާލައިފަ އެވެ. އެ މީހުން ދަނީ ހޯލުގައި ޖަހާފައިވާ ގޮނޑިތަކުގައި ނިދަމުންނެވެ. އަނެއް ބަޔަކު ދަނީ އެ ހޯލުގެ ތަޅުންގަނޑުގައި ނިދަމުންނެވެ. އެ މީހުން ކަނީ ވެސް އެ ހޯލުގަ އެވެ.

ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް މަރުދޭ ސަޕޯޓަރެއް ކަމަށްވާ އެސް.އެމް ފަރީދު ބުނީ މިހާރު ދިމާވެގެން އުޅޭ މައްސަލަ ހައްލުވުމުން ނޫނީ ބޮޑު ވަޒީރުގެ ގެއިން ނުނިކުންނާނެ ކަމަށެވެ.

"ރަނިލް އަށް ބޮޑު ވަޒީރުގެ ގޮނޑިކޮޅު ދިނުމުން ނޫނީ މި ތަނުން ނުނިކުންނާނަން. އަހަރެމެން އައިސް މިތިބީ ރަނިލް އަށް ހިތްވަރު ދޭން. ޓެމްޕަލް ޓްރީސް އިން ރަނިލް ނެރޭކަށް ނުކެރޭނެ،" ފަރީދު ބުންޏެވެ.

ރަނިލް ވަނީ ސޕޯޓް އޮތީ ކާކަށްތޯ ބެލުމަށް ޕާލަމެންޓުގައި ވޯޓަށް އެހުމަށް ގޮވާލައްވައިފަ އެވެ.

"އަޅުގަނޑަށް ކާމިޔާބު ލިބިއްޖެ ނަމަ (ރާޖަޕަކްސާ) ދުރުވާން ޖެހޭނެ. އޭނާ މޮޅުވެއްޖެ ނަމަ އަޅުގަނޑު އިސްތިއުފާ ދީ ޓެމްޕަލް ޓްރީސް އިން ނުކުންނާނަން،" ރަނިލް ވިދާޅުވި އެވެ.

ރަނިލް އަށް ސަޕޯޓް ކުރުމުގެ ގޮތުން 400 ކިލޯ މީޓަރު (200 މޭލު) ދަތުރުކޮށްފައި ޖަފްނާ އިން ކޮލަމްބޯ އަށް ދިޔަ ޝަކުންޓަލަ ދޭވީ ބުނީ ރަނިލްގެ ސަރުކާރުން ޖަފްނާގައި 5،000 ގެ އިމާރާތްކޮށްފައިވާތީ އެކަމުގެ ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން މިއައީ ބޮޑު ވަޒީރަށް ޝުކުރު އަދާކުރަން،" އޭނާ ބުންޏެވެ.

ބޮޑު ވަޒީރުގެ ގެކޮޅަށް ޖަމާވެފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ ވޮލަންޓިއަރުންނެވެ.