އަޔޫޝްމަން ކުރާނާގެ "ބަދާއީ ހޯ" 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި
އަޔޫޝްމަން ކުރާނާގެ "ބަދާއީ ހޯ" 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައިފި

ކުރިން ވެސް ލަފާކުރި ގޮތަށް އަޔޫޝަމަން ކުރާނާގެ އެންމެ ފަހުގެ ފިލްމު "ބަދާއީ ހޯ" ވެސް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ފަހަނައަޅައި ހިނގައްޖެ އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަކީ މި އަހަރުގެ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި 10 ވަނަ ފިލްމެވެ.

މިއީ ބޮލީވުޑްގެ ޒުވާން އަދި އެންމެ އުންމީދީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަޔޫޝްމަން، 34، ގެ ފިލްމެއް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެ ފިލްމަށް 100 ކްރޯޑްގެ އާމްދަނީއެއް ހަމަކުރެވުނީ ރިލީޒް ކުރިތާ 17 ދުވަހުގެ ތެރޭގަ އެވެ.

އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "ބަދާއީ ހޯ" އަށް މިހާތަނަށް ވަނީ ޖުމްލަ 155.11 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އަދި އިންޑިއާ އިން އެކަނި އާދީއްތަ ދުވަހާ ހަމައަށް 100.10 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.

އަމިތު ރަވިންދުރަނާތު ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ދަރިން ބޮޑެތިވެ ކައިވެނިކުރާ އުމުރަށް އަޅާ ފަހުން ބަލިވެ އިންނަ ދުވަސްވީ މައެއްގެ ވާހަކަ ކިޔައިދޭ އާއިލީ ޑްރާމާއެކެވެ. "ބަދާއީ ހޯ" ގެ މުހިއްމު ރޯލްތައް އަޔޫޝްމަންއާ އެކު ކުޅެފައި ވަނީ ނީނާ ގުޕްތާ، ގަޖްރާޖް ރާއޯ އަދި ސާނިއާ މަލްއުތުރާ އެވެ.

މިއީ 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ސާނިޔާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ އޭނާ ބޮލީވުޑަށް ތައާރަފުވި އާމިރު ހާންގެ 2016 ގެ ފިލްމު "ޑަންގަލް" އެވެ.

"ބަދާއީ ހޯ" ގެ އިތުރުން މި އަހަރު ދެން 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކަކީ ކާތިކް އާރިޔަންގެ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ،" ދީޕިކާ ޕަދްކޯންގެ "ޕަދުމާވަތު"، އަޖޭ ދޭވްގަންގެ "ރެއިޑް"، ޓައިގާ ޝްރޮފްގެ "ބާގީ 2"، އާލިއާ ބަޓްގެ "ރާޒީ"، ސަލްމާން ހާންގެ "ރޭސް 3" ރަންބީރު ކަޕޫރުގެ "ސަންޖޫ"، އަކްޝޭ ކުމާރުގެ "ގޯލްޑް" އަދި ރާޖްކުމާރު ރާއޯގެ "ސްޓްރީ" އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މި އަހަރު އަލަށް ހަތަރު އެކްޓަރެއްގެ ފިލްމުތަކެއް 100 ކްރޯޑު ކުލަބުން ޖާގަ ހޯދި ކަމެވެ. އެއީ އަޔޫޝްމަންގެ އިތުރުން ކާތިކް، ޓައިގާ އަދި ރާޖްކުމާރު އެވެ.

މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ވެސް ވަރަށް ވަރުގަދަ އަދި ސުޕަސްޓާރުންގެ ފިލްމުތަކެއް ސިނަމާ އަންނަން ހުރުމާ އެކު، 2018 ވެގެން ދާނީ ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި 100 ކްރޯޑްގެ އެންމެ ގިނަ ފިލްމުތައް ރިލީޒުވި އަހަރަށެވެ.

އެގޮތުން އާމިރު ހާންގެ "ތަގްސް އޮފް ހިންދުސްތާން" އާއި ރަޖްނީކާންތުގެ "2.0" އާއި ޝާހްރުކްގެ "ޒީރޯ" ގެ އިތުރުން ރަންވީރު ސިންގްގެ "ސިމްބާ" އަކީ 100 ކްރޯޑް ކަށަވަރު ކުރާނެ ފިލްމުތަކެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ ގިނަ ކްރިޓިކުން އިއްތިފާގުވެ އެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ ރާޖްކުމާރު ހިރާނީ ގެނެސް ދިން "ސަންޖޫ" އެވެ. އެ ފިލްމަަށް ޖުމްލަ 579 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.