އަމިއްލަ އަށް މަރާމާތުވާ ފޮއްޗެއް އީޖާދުކޮށްފި
އަމިއްލަ އަށް މަރާމާތުވާ ފޮއްޗެއް އީޖާދުކޮށްފި

ހެދުމަކުން ތަންކޮޅެއް ވީދިއްޖެ ނަމަ އެ ތަންކޮޅު މަރާމާތުކޮށްލުމަކީ ވެސް ބޮޑު ކަމެކެވެ. ފަހައި، ޕެޗް އަޅައިގެން ހެދުން ލުމަށް ވުރެ އެހެން ހެދުމެއް ގަތުން ވެސް މާ ފަސޭހަ ކަމަށް ބުނެ ހެދުން އެއްލައިލާނީ އެވެ.

ޕެންސިލްވޭނިއާ ސްޓޭޓް ޔުނިވަސިޓީގެ ސައިންސްވެރިން މިހާރު ވަނީ މިކަމަށް ހައްލެއް ހޯދައިފަ އެވެ. އެ މީހުން ވަނީ ވީދޭ ތަން އޭގެ ޒާތުގައި އަމިއްލަ އަށް މަރާމާތުވާ ފޮއްޗެއް އީޖާދުކޮށްފަ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި، ހެދުމުން ހަލާކުވާ ތަންތަންކޮޅު ފަހަން ނުޖެހޭ ގޮތް ވެދާނެ އެވެ.

ސައިންސްވެރިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހުން އުފައްދާފައިވާ ފޮތީގައި ބާގަނޑެއް ހެދުނު ނަމަވެސް، އޭގެ އެހެން ފޮތިކޮޅެއް އެތާ މަތީ ބާއްވާފައި ހާއްސަ ލިކުއިޑެއް އެޅުމުން ދެ ފޮތިކޮޅު އަމިއްލަ އަށް ގުޅުވެ އެވެ. ފަހާފޮއްޓެއް ތިނޯހެއް ބަރަންޏެއް ބޭނުމެއް ނުވާނެ އެވެ.

"މިއީ އަމިއްލަ އަށް މަރާމާތުވާ ފޮތި އުފެއްދުނު ފުރަތަމަ ފަހަރު،" ޕްރެސް ރިލީޒެއްގައި، ޕެންސިލްވޭނިއާ ސްޓޭޓްގެ މެލިކް ސީ. ޑެމިރެލް ވިދާޅުވެފައިވެ އެވެ.

މި އީޖާދުގެ ފަހަތުގައި ތިބި ސައިންސްވެރިން ވިދާޅުވެފައި ވަނީ މި ފޮތިން ހެދުން ފެހުމުގެ ކުރިން، ފޮތީގެ ރޮދިތަކުގައި، އަމިއްލަ އަށް މަރާމާތުވާ ޕްރޮސެސް ހިނގާނެ ގޮތް ހެދޭނެ ކަމަށެވެ.

ޕޭން ނިއުސް އިން ބުނެފައިވާ ގޮތުގައި، މިގޮތަށް ފޮތި ހެދުމަށް ރޮދީގައި ޕޮލީއިލެކްޓްރޯލައިޓް ކޯޓިންއެއް ލާނެ އެވެ. މިއީ ޔީސްޓާއި ބެކްޓީރިއާ އިން އުފައްދާ އެއްޗެކެވެ. މީގެ އިތުރުން، ޕޮޒިޓިވް އަދި ނެގެޓިވްކޮށް ޗާޖުކޮށްފައިވާ ޕޮލިމާސް ވެސް ބޭނުންކުރެ އެވެ. މިއީ އިންސާނުންގެ އިސްތައްޓާއި ނިޔަފަތި ގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. ބޯވަދިލަމަހުގެ ދަތުގައި ވެސް މި ސިފަ ހުރެ އެވެ.

ފޮތިގަނޑުން ތަންކޮޅެއް ނެއްޓިއްޖެ ނަމަ އެ ނެއްޓުނު ތަނެއްގައި އެ އެތިކޮޅު ބޭއްވުމަށް ފަހު، ފޮތި މަރާމާތުކުރުމަށް ހާއްސަ ލިކުއިޑް އަޅައި ފިއްތާލައިގެން ހުރުމުން އަމިއްލަ އަށް ރޮދިތައް ގުޅި މަރާމާތުވާނެ އެވެ.