ލަންކާގެ ތަމަޅަ ޕާޓީ ރާޖަޕަކްސާއާ ދެކޮޅު
ލަންކާގެ ތަމަޅަ ޕާޓީ ރާޖަޕަކްސާއާ ދެކޮޅު

ކޮލަމްބޯ (ނޮވެމްބަރު 4) - ސްރީ ލަންކާގެ ބޮޑު ވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ގެނައުމަށް އެންމެ ބޮޑު ތަމަޅަ ޕާޓީން ދެކޮޅު ހަދައިފި އެވެ.

ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ބުނެފައި ވަނީ ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދީފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެ ޕާޓީގެ މެންބަރުން ތާއީދު ކުރާނީ މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަށް ކަމަށެވެ.

ޓީއެންއޭ އިން ބުނެފައި ވަނީ ގައުމަށް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ވަކި ފަރާތަކަށް ނުޖެހި ތިބުމަކީ ޑިމޮކްރެޓިކް ނޫން ގޮތްތަކެއް ހާސިލް ކުރެވިދާނެ ކަމެއް ކަމަށެވެ.

އެކަމަކު ގާނޫނު ހަދާ މަޖިލީހުގެ ޓީއެންއޭ މެންބަރަކު ހުކުރު ދުވަހު ވަނީ ޑިޕިއުޓީ މިނިސްޓަރުގެ މަގާމު ހުށަހެޅުމުން ރާޖަޕަކްސާ ޕާޓީއާ ގުޅިފަ އެވެ. ރަނިލްގެ ޔޫއެންޕީގެ މެންބަރެއް ކަމަށްވާ ޕަލިތާ ރަންގެ ބަންޑަރާ ވިދާޅުވީ ޕާޓީ ބަދަލު ކުރާ މަތިން އޭނާ އަށް 2.8 މިލިއަން ޑޮލަރާއި މިނިސްޓަރުން ފެންވަރުގެ ވަޒީފާއެއް ހުށަހަޅާފައިވާ ކަމަށެވެ.

ލަންކާގެ 26 އަހަރުވީ ހަނގުރާމަ ރާޖަޕަކްސާގެ ވެރިކަމުގައި ނިމުމަކަށް ގެނައި އިރު ތަމަޅައިންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޔޫޕީއެފްއޭ ކޯލިޝަނުގެ މެންބަރެއް ކަމަށްވާ ޑަޔަސިރީ ޖަޔަސެކަރަ ވިދާޅުވީ ރާޖަޕަކްސާ ދެކެ ތަމަޅައިން ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ލަންކާ ހަނގުރާމަ ނިމުމަކަށް ގެނައީ ރާޖަޕަކްސާ. ލަންކާގެ އުތުރުގައި ރާޖަޕަކްސާ ސަރުކާރުން ވަނީ އިންފްރާސްޓްރަކްޗާ ގާއިމްކޮށްދީފައި. އެކަމަކު ރަނިލްގެ ފަރާތުން ތަމަޅައިންނަށް ލިބުނު އެއްޗެއް ނެތް،" އޭނާ ވިދާޅުވި އެވެ.