04 ނޮވެމްބަރ 2018 - 11:03

އިންޑިއާ ކަނޑު ހިއްސާކުރާ ގައުމުތައް ބައިވެރިވާ ސަރަހައްދީ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ)ގެ މެމްބަރުކަން ރާއްޖެ އަށް ލިބިއްޖެ އެވެ.
އިންޑިއާ ކަނޑު ހިއްސާކުރާ 21 ގައުމެއް ބައިވެރިވާ އެ ޖަމިއްޔާގެ މެމްބަރުކަން ރާއްޖެ އަށް ދިނީ ދެކުނު އެފްރިކާގެ ޑާބަންގައި ހުކުރު ދުވަހު ބޭއްވި ކައުންސިލް އޮފް މިނިސްޓާސްގެ ބައްދަލުވުމުގަ އެވެ. އެ ޖަމިއްޔާގައި ބައިވެރިވާން ރާއްޖެ އިން ހުށަހެޅީ 2017 ވަނަ އަހަރު އެވެ. ރާއްޖެ އަށް މެމްބަރުކަން ދިނުމުން އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދު 22 އަށް އަރާނެ އެވެ.
ރާއްޖޭގެ ހުށަހެޅުމާ މެދު އައިއޯއާރްއޭގެ މެމްބަރު ގައުމުތަކުން އެންމެ ފުރަމަތަމަ ބަހުސް ކުރީ މިދިޔަ ޖުލައި މަހު އެވެ. އޭރު އެކަމާ ދެކޮޅު ހެދީ މޮރިޝަސް އިންނެވެ. ޖަމިއްޔާގެ އުސޫލު އޮންނަ ގޮތުން އެންމެ ގައުމަކުން ދެކޮޅު ހެދިޔަސް އެކަމެއް ފާހެއް ނުވާނެ އެވެ.
ރާއްޖެ އަށް މެމްބަރުކަން ދިނުމާ މޮރިޝަސް އިން ދެކޮޅު ހެދީ ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތާ ގުޅޭ ގޮތުން އދ.ގައި ނެގި ވޯޓެއްގައި ރާއްޖެ އިން އެ ގައުމާ ދެކޮޅަށް ވޯޓުދީފައި ވާތީ އެވެ. މޮރިޝަސްގެ ނިންމުން ފަހުން ބަދަލުކުރީ އިންޑިއާ އިން އެކަމަށް ބާރު އަޅައިގެންނެވެ.
ދަ ވަޔާ ނޫހުން ބުނީ ރާއްޖެ އަށް ފުރުސަތު ހޯދައިދޭން އިންޑިއާ އިން މަަސައްކަތް ކޮށް، މޮރިޝަސްއާ ވާހަކަ ދެއްކީ ރާއްޖޭގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވުމުން ކަމަށެވެ.
އަައިއޯއާރްއޭގެ މެމްބަރު ކަމަށް ރާއްޖެއާ އެކު ދެން ހުށަހެޅީ މިޔަންމާ އެވެ. މިޔަންމާ އަށް މެމްބަރުކަން ދިނުމާ އިސްލާމީ ބައެއް ގައުމުތަކުން ދެކޮޅު ހެދުމުން އެ ގައުމަށް މެމްބަރުކަމެއް ނުލިބެ އެވެ.
އައިއޯއާރްއޭ އަކީ 1997 ވަނަ އަހަރު ދެކުނު އެފްރިކާގެ އޭރުގެ ރައީސް އަދި ނަސްލީ އިމްތިޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވި ނެލްސަން މަންޑޭލާ އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އޭނާ ފާޅުކުރެއްވީ އިންޑިއާ އަށް އެ އަހަރު ކުރެއްވި ދަތުރުގަ އެވެ.
އައިއޯއާރްއޭގެ މެމްބަރު ގައުމުތަކަކީ އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ، ބަނގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، ތައިލެންޑް، ޔޫއޭއީ، ޔަމަން، އީރާން، ކެންޔާ، ކޮމޯރޯސް، މަޑަގަސްކަރް، މޮރިޝަސް، މޮޒަމްބީކް، އޮމާން، ސީޝެލްސް، ސިންގަޕޫރު، ސޯމާލިއާ، ސައުތު އެފްރިކާ އަދި ޓެންޒޭނިއާ އެވެ.