05 ނޮވެމްބަރ 2018 - 05:37

މި އަހަރު ރިލީޒްކޮށް 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބޮޑު ކާމިޔާބީ އަށް ފަހު، އެ ފިލްމުގެ ބަތަލު ކާތިކް އާރިޔަން އަށް މިހާރު އަންނަނީ ވަރަށް ގިނަ އޮފާތައް އޮހެމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކިރިތީ ސެނަންއާ އެކު ކުޅޭ "ލުއްކާ ޗުއްޕީ" އާއި ޖެކްލިން ފެނަންޑޭޒާ އެކު ކުޅޭ ކަންނަޑާ ފިލްމު "ކިރިކް ޕާޓީ" ގެ ހިންދީ ރިމެކް ހިމެނެ އެވެ.
މީގެ އިތުރުން އިމްތިއާޒު އަލީ އަންނަ އަހަރު މަސައްކަތް ފަށާ އާ ފިލްމަށް ވެސް ކާތިކް ސޮއިކޮށްފައިވާ ކަމަށްވެ އެވެ. މި ފިލްމުގެ ބަތަލާއަކީ ސާރާ އަލީ ހާން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޒުވާން ދެ ތަރިން ކަމަށްވާ ކާތިކާއި ޖެކްލިން ޖޯޑު ބޮޑު ސްކްރީނުން ބަލައިލަން ލިބުމުގެ ކުރިން މިއޮތީ ދެ މީހުން އެކުގައި ކުޅެފައިވާ ވީޑިއޯ ލަވައެކެވެ.
ޓީ ސީރީޒުން ގެނެސް ދީފައިވާ މި ލަވައިގެ ނަމަކީ "މެޖިކް އިން ދި އެއާ" އެވެ. މި ލަވަ ކިޔާފައި ވަނީ ސިދާތު ޝަރުމާ އާއި ޝަރުވީ ޔާދަވް އެވެ. ލަވައިގެ މިއިުޒިކް ހަދާފައި ވަނީ އަމަން ޕަންޓް އެވެ. "މެޖިކް އިން ދި އެއާ" އަކީ ތަންކޮޅެއް ވެސްޓަން ސްޓައިލަށް ހަދާފައިވާ ލަވައެކެވެ.
ކޮންމެއަކަސް މި ލަވަވެގެން ދާނީ ޖެކްލިން އާއި ކާތިކް ފޭނުންނަށް އެ ދެ މީހުންގެ ކެމިސްޓްރީ ތަޖުރިބާކޮށްލަން ލިބޭނެ ރަނުގެ ފުރުސަތަކަށެވެ.
މި މަހުގެ 15 ވަނަ ދުވަހު ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ އިރު، ކައިވެންޏަށް ފަހު، ދީޕިކާ ބޭނުން ކުރާ މަންގަލްސުތުރާގެ އަގު އެކަނި ވެސް 20 ލައްކަ ރުޕީސް އަށް އަރާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަންގުލްސުތުރާއަކީ ހިންދޫ އަންހެނުން ކައިވެނި ކުރުމަށް ފަހު، ކައިވެނީގެ ރަމްޒެއްގެ ގޮތުގައި ކަރުގައި އަޅާ ފަށެކެވެ.
ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އަގުބޮޑު މަންސުތުރާއެއްގެ އިތުރުން ދީޕިކާ ވަނީ ވާން އުޅޭ ފިރިމީހާ ރަންވީރަށް ވެސް ވަރަށް އަގުބޮޑު ޗެއިނެއް ގަނެފައި ކަމަށްވެ އެވެ. ކައިވެންޏަށް ގަނެފައިވާ ގަހަނާގެ އަގު އެއް ކްރޯޑް ރުޕީސް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެ ދުވަހަށް ދެމިގެންދާ ގޮތަށް ރަންވީރާއި ދީޕިކާގެ ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނީ މި މަހުގެ 14 އާއި 15 ގައި އިޓަލީގެ ލޭކް ކޯމޯގަ އެވެ. އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، ދެ ތަރިން އާއިލާއާ އެކު އިޓަލީ އަށް ފުރާނީ މި މަހުގެ 10 ގަ އެވެ.
ސަލްމާން ހާނަށް ބޮޑުބޭބެ ކިޔާ އަލިޒޭއ އަގްނިހޯތުރީ ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ވެސް މިހާރު ދެކެވެމުން އަންނަތާ ދުވަސްކޮޅެއްޖެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ބޮލީވުޑަށް ނެރޭނީ ސަލްމާން ލީޑް ރޯލް ކުޅޭ ފްރެންޗައިޒް "ދަބަންގް 3" އިންނެވެ. އަދި އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އަލިޒޭ އެކްޓިން ވޯކްޝޮޕްތަކަށް ހާޒިރުވެ، ނެށުމުގެ ކުލާސްތަކެއް ވެސް ނަގަމުން އަންނަ ކަމަށްވެ އެވެ.
ނަމަވެސް އަލިޒޭ ބޮލީވުޑަށް ނެރޭނީ "ދަބަންގް 3" އިން ކަމަށް ބުނާ ވާހަކަތައް ބޮލީވުޑް ލައިފުން ވަނީ ދޮގުކޮށްފަ އެވެ. އެ ނޫހުން ބުނި ގޮތުގައި އަލިޒޭ ބޮލީވުޑަށް ނެރޭނީ ބައްޕަ އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ވަރަށް ހާއްސަ ފިލްމަކުންނެވެ. އަދި އޭގެ ތައްޔާރީތައް މިހާރު ވެސް ވާން ފަށާފައިވާ ކަަމަށް ބުންޏެވެ.
އަތުލްގެ ކުރިއަށް އޮތް ފިލްމަކީ އޭނާ ޕްރޮޑިއުސްކޮށް ސަލްމާން ލީޑް ރޯލް ކުޅޭ "ބާރަތު" އެވެ. އަލީ އައްބާޒް ޒަފަރު ޑައިރެކްޓް ކުރާ މި ފިލްމަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ފިލްމެކެވެ. އަލިޒޭ، 18، އަކީ އަތުލް އާއި ސަލްމާންގެ ކޮއްކޮ އަލްވިރާގެ ދޮށީ އަންހެން ދަރިފުޅެވެ.
ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ކާސްޓުންގެ ތެރޭގައި ހިމެނުނު ނާނާ ޕަޓޭކަރް އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމާ ގުޅިގެން އޭނާ ފިލްމުން ވަކިވުމުން، އެ ރޯލަށް ހަމަޖެއްސި ރާނާ ދަގޫބަތީ ފިލްމުގެ ކާސްޓާ ގުޅިފައިވާކަން ކަށަވަރުކޮށް ދީފި އެވެ.
"ބާހްބަލީ" ފަދަ ފިލްމު ކުޅުނު އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ކުރި ޓްވީޓެއްގައި ވަނީ "ހައުސްފުލް 4" ގެ ޝޫޓިންގައި ވެސް އޭނާ ބައިވެރިވާން ފަށާފައިވާ ކަމަށް ބުނެފަ އެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަކްޝޭ ކުމާރު، ކިރިތީ ސެނަން، ބޮބީ ޑިއޯލް، ކިރިތީ ކަރްބަންދާ، ރިތޭޝް ދޭޝްމުކް، ޕޫޖޭ ހެގްޅޭ ފަދަ ތަރިން ހިމެނެ އެވެ.
"ހައުސްފުލް 4" ޑައިރެކްޓަރު ސާޖިދު ހާނަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރުމުން އޭނާ ވަކިކޮށް، މިހާރު ފިލްމުގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ "ހައުސްފުލް 3" ގެ ޑައިރެކްޓަރު ފަރްހާދު ސަމްޖީއާ އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސް ކުރާ "ހައުސްފުލް 4" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު، 25، 2019 ގަ އެވެ.