މުސްލިމް ދުވުންތެރިޔާ މޮ ފަރާ ތާރީހުގެ ތެރެއަށް
މުސްލިމް ދުވުންތެރިޔާ މޮ ފަރާ ތާރީހުގެ ތެރެއަށް

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 14) - މި ފަހަރުގެ އޮލިމްޕިކްސްގެ 10,000 މީޓަރު ދުވުމުން ހޯދި ރަން މެޑަލާ އެކު އޮލިމްޕިކްސްގައި ތިން ރަން މެޑަލް ހަމަކޮށް އެކަން ހާސިލްކުރި ފުރަތަމަ އިނގިރޭސި އެތުލީޓުގެ ޝަރަފް މުސްލިމް ދުވުންތެރިޔާ މުހައްމަދު ފަރާ ނުވަތަ މޮ ފަރާ ހޯދައިފި އެވެ.

ދިގު ދުވުންތަކަށް ހާއްސަ މޮ ފާރާ އަކީ މި ފަހަރުގެ އޮލިމްޕިކްސް އަށް އައި އިރުވެސް އިނގިރޭސިންގެ އުއްމީދުތަކާ ގުޅިފައިވާ އެތުލީޓެވެ. އުމުރުން 33 އަހަރުގެ މޮ ފާރާ 10،000 މީޓަރުގެ ރޭހުގެ މެދުތެރެއިން ވެއްޓުނު ނަމަވެސް އަލުން ތެދުވެ އޭނާ ރޭސް ނިންމީ 27 މިނިޓް ފަސް ސިކުންތުންނެވެ.

ލަންޑަންގައި 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި މޮ ފާރާ ވަނީ 10،000 މީޓަރާއި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފި އެވެ.

"އަހަރެންގެ ތިން ރަން މެޑަލް ހާއްސަ ކުރަނީ އަހަރެންގެ ތިން ދަރިންނަށް. ދެން ބޭނުމީ 5000 މީޓަރުގެ ގޯލްޑް މެޑަލް އަހަރެންގެ ކުޑަ ދަރިފުޅަށް ހާއްސަކުރަން،" ސޮމާލިއާ އަށް އުފަން މޮ ފާރާ ބުންޏެވެ.

ފަސް ހާސް މީޓަރު ދުވުން އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. މޮ ފާރާ އެ ރޭސް ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ 1976 ވަނަ އަހަރަށް ފަހު ދިގު ދުވުމުގެ ދެ އިވެންޓުން ރަން މެޑަލް ދިފާއުކުރި ފުރަތަމަ އެތުލީޓަށެވެ. އެ ފަހަރު ފިންލެންޑުގެ ލާސް ވިރެން ވަނީ ދިގު ދުވުމުގެ ދެ އިވެންޓުން ރަން މެޑަލް ދިފާއުކޮށްފަ އެވެ.

މޮ ފަރާ އަކީ އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ދެ އިވެންޓަކުން ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓެވެ