04 ނޮވެމްބަރ 2018 - 08:56

ލަންޑަން (ނޮވްމެބްރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ލަނޑު ޖަހާފައިވަނިކޮށް އަލެކްސަންޑަ ލަކަޒޭޓް ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު ލިވަޕޫލް ލީގުގެ އެއް ވަނަ އަށް ޖެހިލީ 11 މެޗުން 27 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 10 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ސައުތެމްޓަން އަތުން މޮޅުވެއްޖެނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. އަނެއްކޮޅުން ތިން ވަނައިގައި އޮތް ޗެލްސީ މިރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ލިވަޕޫލްގެ ސަޑިއޯ މާނޭ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމި އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހައިދޭން ވާޖިލް ވެން ޑައިކަށް ރަނުގެ ދެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ ހާފުގައި އާސެނަލަށް ކުރިހޯދައިދޭން ހެންރިކް މިކިތާރްޔަން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 61 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ރޭގެ މެޗުގެ ކެޕްޓަން ޖޭމްސް މިލްނާ އެވެ. ލީޑުފުޅާކުރަން ވެން ޑައިކް ބޮލުން ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު ބާންޑް ލެނޯ ވަނީ މަތަކޮށްފަ އެވެ. އާސެނަލަށް އެއްވަރުކޮށްދިން ލަނޑު މެޗު ނިމެން އަށް މިނިޓަށް ވެފައި ހުއްޓައި ޖެހީ ލަކަޒޭޓް އެވެ.
ލިވަޕޫލްގެ ކޯޗުކަމާ ޔާގަން ކްލޮޕް ހަވާލުވި ފަހުން މި ދެ ޓީމުގެ މެދުގައި ކުޅުނު ހަތް މެޗުން ލިވަޕޫލް އަތުން އަދި އާސެނަލަށް އަދި މޮޅެއް ނުލިބެ އެވެ. އަނެއްކޮޅުން ލިވަޕޫލް ވަނީ 10 އަހަރަށް ފަހު ފުރަތަމަ ފަަހަރަށް ލީގުގެ ފުރަަތަމަ 11 މެޗުން ބަލިނުވެ ހަމަކޮށްފަ އެވެ.
ރޭގެ މެޗާ ބެހޭގޮތުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މެޗުން ޕޮއިންޓަކީ ރަނގަޅު ނަތީޖާއެއް ނަމަވެސް ލިބުނު ފުރުސަތުތަކަށް ބަލާއިރު މޮޅުވެވެންޖެހޭނެ މެޗެއް ކަމަށާއި އެކަމަކު އެއާ ހިލާފަށް މިއީ އާސެނަލަށް ފަސޭހަކޮށްދެވުނު މެޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
އާސެނަލްގެ ކޯޗު އުނާއި އެމެރީ ބުނީ މިއީ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް ހިތްގައިމު މެޗެއް ކަމަށާއި މެޗުން އޭނާ ހާސިލްކުރަން ބޭނުންވި ކަންތައް ނުވި ކަމަށެވެ. ނަމަވެސް މި ނަތީޖާ އަކީ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށް އޭނާ ބުންޏެވެ.
ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ 2-1 އިން މޮޅުވެފަ އެވެ؛ ކަލުމް ވިލްސަންގެ ގޯލުން ބޯންމައުތު ލީޑުނަގާފައި އޮއްވައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީމި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ވިންގް އެންތަނީ މާޝިއާލް އެވެ. މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޕައުލް ޕޮގްބާ ދިން ބޯޅަ އަކުން މާކަސް ރެޝްފޯޑް އެވެ. ޔުނައިޓެޑް އަދިވެސް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.
ރަށުންބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ވަނީ 3-2 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ޓޮޓެންހަމް ވަނީ ލީގުގެ ހަތަރަކަށް ޖެހިލައިފަ އެވެ. ރޭ ޕްރިމިއާ ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ވަނީ މިދިޔަ ހަފުތާގައި ހިނގި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފަ އެވެ. އެ ހާދިސާގައި ލެސްޓާގެ ޗެއާމަން ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާ ވަނީ މަރުވެފަ އެވެ. އޭގެ ފަހުން ލެސްޓާ ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ކާޑިފް ސިޓީ އަތުން 1-0 އިން މޮޅުވެފަ އެވެ.