04 ނޮވެމްބަރ 2018 - 07:28

ބޮޑުސިންގާ ދެ ލޮލެވެ. އެތައް ބައިވަރު ފަޔެކެވެ. ކޯރިބޮލާއި، ފަށުވި ހަށިގަނޑެވެ. މަޑުމަޑުން ފީނަމުންއައިސް އަހަރުމެން ހުރަސްކޮށްފައި ދިޔައެވެ. އަހަންނާއި ސަރީތާ ނޭވާހިފާއްޓައިލައިގެން ތިބީމެވެ. ސަރީތާ އަތުގައި ކެމެރާ އޮތެވެ. އެކަމަކު ފޮޓޯއެއްނަގާކަށް ނުކެރުނެވެ. ބޯވައިގެ ބިޔަކަމާއި، އަހަރުމެން އަތުގައި އެއްވެސް ހަތިޔާރެއް ނެތީމައެވެ. މައްޗަށް އެރުމަށް އަހަރެން އިޝާރާތްކޮށްލީމެވެ. ދެ މީހުން އެކުގައި ފީނަމުންގޮސް މައްޗަށް އަރައި، މޫނުމަތި ނައްޓައިލީމެވެ. އޭރު، މޫދާ ވަރަށް ކައިރީގައި އޮންނަ ރޭލުދަނގަނޑުމަތިން ރޭލެއް ހުރަސްކުރަނީއެވެ.
"ބަނޑުހައެއް ނުވޭތަ؟" އަހަރެން އެހީމެވެ.
އަހަރެން ދައްކާ ވާހަކަ ނީވޭކަމަށް، އަތުގެ އިޝާރާތުން ސަރީތާ ބުންޏެވެ. އަހަރެން ލައްކާއަށް ކިޔަވަން އައިއިރު އަހަރެންގެ އުމުރުން ސޯޅައަހަރެވެ. އެންމެ ފުރަތަމަ ލިބުނު ރައްޓެއްސަކީ ސަރީތާއެވެ. އޭނަގެ އުމުރުން ވެސް އޭރު ސޯޅަ އަހަރެވެ. އަހަރުމެންގެ އުމުރުން ފަންސަވީސް އަހަރު ފުރުނުއިރު ވެސް އަހަރުމެންނަކީ ދެ އެކުވެރިންނެވެ. ކިޔަވަމުންދިޔައީ އެއް ކޮލެޖެއްގައެވެ. ކިޔަވާ މާއްދާތައް އެކައްޗަކަށްވުމުގެ އިތުރަށް އަހަރުމެން ދެ މީހުން ވެސް ފީނުމަށް ޝައުގުވެރިވެއެވެ. ކަނޑުއަޑީގެ ދިރުމާއި، މަސްމަހާމެހީގެ ދިރިއުޅުން ގާތުން ދެކިލާހިތްވެއެވެ. ލިބޭ ހުސް ދުވަސްދުވަހު ފީނަންދަނީ އެހެންވެއެވެ.
"ހިނގާށޭ ކާންދާން!" ރޭލު ދިޔުމުން އަހަރެން ބުނީމެވެ.
ސަރީތާއަކީ ވަރަށް ރީތި ކުއްޖެއް ނޫނެވެ. އެކަމަކު ރީތި ކުއްޖެކެވެ. ލައްކާގެ މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. ސަރީތާގެ ބައްޕައަކީ ޖަވާހިރުގެ ވިޔަފާރިކުރާ މީހެކެވެ. ސަރީތާ ހުސްހަށިބަޔަށް ހުރިކަން ވެސް އަހަންނަށް އެނގެއެވެ. އެކަމަކު، އަހަރުމެންގެ މެދުގައި ދުވަހަކު ވެސް ލޯބީގެ ވާހަކައެއް ނުދެކެވެއެވެ. ސަރީތާއަށް އަހަރެން ކަމުނުދަނީއެވެ. ނުވަތަ އަހަރެންގެ އިޝާރާތަކަށް ބަލަބަލާ ސަރީތާ ހުރީއެވެ. ސަރީތާއަށް ދިމާއަށް ބަލައިލެވޭ ބައެއް ފަހަރު އަހަރެންގެ ހިތަށްއަރައެވެ. އަހަރެންގެ އަންބަކަށްވާނީ ސަރީތާ ބާއެވެ؟ އަހަރެންގެ ދަރިންގެ މަންމައަކަށް ވާނީ ސަރީތާ ބާއެވެ؟ އޭނަ ނުވިއްޔާ ދެން ވާނީ ކާކު ހެއްޔެވެ؟ އަހަރުމެންގެ މިޒާޖާއި، ފިކުރު އެއްގޮތެވެ. ހޮބީ ވެސް ދާދި އެއްގޮތެވެ. ވީއިރު ލޯބީގެ ވާހަކަދައްކަން އަހަރުމެން ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟
ކިޔަވައި ނިމިގެން އަހަރެން ރާއްޖެއަށް އައީމެވެ. އޮފީހަކަށް ވަނީމެވެ. އެ ހިސާބުން ސަރީތާ ގެއްލުނީއެވެ. އޭގެ މާނައަކީ އަހަރެން ކައިވެނިކުރާނީ ދިވެއްސަކާ ހެއްޔެވެ؟ ރާއްޖެއިން ބޭރުގައި އެތައް އަހަރަކު އުޅުނީމައި، އަހަންނަށް ރާއްޖެ ވަރަށް ބީރައްޓެއްސެވެ. މާލޭގެ މަގުތަކާއި، ދިވެހިންގެ މިޒާޖެއް އަހަންނަކަށް ނޭނގެއެވެ. އަންހެންކުދިންގެ ގޮތްފާޑު އަމުދުން ނޭނގެއެވެ. ދައްކަންޖެހެނީ ކޮން ވާހަކައެއްކަމެއް ނުދައްކަންޖެހެނީ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ. ލަދެއްގައި ނުބެދުމަށް ޓަކައި އަހަރެން އިޚުތިޔާރުކުރީ ބަސްމަދު މީހެއްގެ މޫނުމައްޗެވެ. އެހެން ހެދުމުން އޮފީހުގައި އަހަރެންނަކީ ރައްޓެހިން މަދު މީހަކަށްވިއެވެ. މަސައްކަތެއްކުރިޔަސް ނުކުރިޔަސް އަހަރެން އިންނާނީ އެކަނިމާއެކަންޏެވެ.
އަހަރެން ވަޒީފާއަދާކުރީ ދިވެހިރާއްޖޭގެ އަޑުގައެވެ. އެ ދުވަސްވަރު، ފިރިހެން މުވައްޒަފުންނަށް ވުރެ އަންހެންކުދިން ގިނައެވެ. އަހަރެން އުމުރުގެ ކުދިން ވެސް އުޅުނެވެ. ހުރިހާ އަންހެންކުދިންގެ ތެރެއިން އަހަރެންގެ ސަމާލުކަން އަތުލީ ޒިޔާދާއެވެ. އޭނައަކީ ރީތި ކުއްޖެކެވެ. އިސްކޮޅުން އަހަންނާ ދާދި އެއްވަރެވެ. އުމުރުން އަހަންނަށް ވުރެ އެއް އަހަރު ހަގެވެ. ކުލަ އަލި، ހިމަތޮޅި ކުއްޖެކެވެ. މުށިކުލައިގެ އިސްތަށިގަނޑު ފަންވެފައި ދިގެވެ. އޭނަޔާ އެކުގައި ދިރިއުޅުމެއް ފަށަން އަހަރެން ވަރަށް ބޭނުންވިއެވެ. މޮޔަވާ ވަރަށް އޭނަ ދެކެ އަހަންނަށް ލޯބިވެވުނެވެ. ދެ ޑިޕާޓުމަންޓެއްގައި ދެ މީހުން އުޅޭތީ އޭނަޔާ ވާހަކަދައްކަން ހަދާނެ ގޮތެއް ނޭނގިފައި ހުއްޓައި، ޒިޔާދާ އިސްވެ އަހަންނާ ވާހަކަދެއްކިއެވެ. ހީވީ ދެ ދަގަތްފާނުގަނޑު ހެންނެވެ. ނުވެސް އެނގި ތިއްބައި ރައްޓެހިވެވިއްޖެއެވެ. ޖަޒުބާތުގެ އަކުރިހާ އެކުގައި އައި ލޯބީގެ ކަފަމަލެއް ފަދައިން ހިތުގައި ވަޅުޖެހި، ކުރިތައް ފަޅައި، ގޮފިތައް ފެތުރިއްޖެއެވެ. ކައިވެނިކުރަން އަހަރުމެން ބޭނުންވެއްޖެއެވެ.
އަހަންނަކީ އަހަރެންގެ މަންމަގެ ބަސްއަހާ ދަރިފުޅެވެ. "ޖެންޓްލް ބޯއިއެވެ." މަންމަގެ ހަމައެކަނި ފިރިހެންދަރިފުޅެވެ. މަންމަޔާ ދެކޮޅަށް އަޑުއުފުލާ، ބަސްބުނެހެދުމަކީ ދުވަހަކު ވެސް އަހަރެން ކުރި ކަމެއް ނޫނެވެ. ކުރާނެ ކަމެއް ވެސް ނޫނެވެ. މަންމަގެ އަމުރަކަށް އަހަރެން ދެކޮޅެއް ނަހަދާނެއެވެ. އެއީ އަބަދުވެސް ކަން އޮންނަ ގޮތެވެ. އަހަރެންގެ އުމުރުން ނަވާވީސް އަހަރެވެ. އެހެންވިޔަސް، އަހަރެން ބޭރުގައި އުޅެންވީ ވަގުތު ވެސް އެނގޭނީ މަންމައަށެވެ. ހެދުންއަޅާނެ ގޮތާއި، އިސްތަށިގަނޑު ބަހައްޓާނެ ގޮތާއި، ކާނެ އެއްޗަކާއި، ކާނެ ވަގުތު ވެސް އެނގޭނީ މަންމައަށެވެ. ޒިޔާދާޔާ ރައްޓެހިވެ، ކައިވެންޏާ ހަމައަށްދިޔުމުން ބައްޕައަށް ވުރެ ކުރިން އެ ޚަބަރު ދޭންޖެހޭނީ ހޯމް މިނިސްޓަރަށެވެ. މަންމައަށެވެ. މަންމަގެ ރުހުމާ ދެކޮޅަށް މެއްސެއް ހުރަސްކުރިޔަސް އެއީ މެހީގެ އެންމެ ފަހު ދުވަހެވެ.
"އަޅުގަނޑު ބޭނުން މަންމަޔާ މީޓުކޮށްލަން ކުއްޖަކު ގެންނަން،" އާންމުކޮށް އަހަރެން ވާހަކަދައްކާ ބަހުރުވައިން މަންމަ ގާތުގައި ބުނީމެވެ. "އޭނައަކީ އަޅުގަނޑު އުޅޭ އޮފީހުގެ.."
"ކޮން ރަށެއްގެ ކުއްޖެއް؟" މަންމަ އެހިއެވެ.
އަހަރެންގެ ދޫ ތަޅުލެވުނު ކަހަލައެވެ. ޒިޔާދާގެ ރަށް ނޭނގޭތީއެއް ނޫނެވެ. އެ ހިސާބުގެ ކުދިން މަންމައަށް ކަމުނުދާނެކަން އެނގޭތީއެވެ. ޒިޔާދާގެ ރަށް ކުރިން އެނގުނު ނަމަ، ޒިޔާދާޔާ ރައްޓެހިވުމުގެ ކުރިން އަހަރެން ދެ ފަހަރަށް ވިސްނީމުހެވެ. ހިތިކަން ގަދަ ހަގީގަތް އަހަންނަށް އެނގުނުއިރު ޒިޔާދާގެ ނަން އަހަރެންގެ ހިތުގައި ބިންވަޅުނެގިއްޖެއެވެ.
"މަންމަ މި އަހަނީ ކޮން ރަށެއްގެ ކުއްޖެއްހޭ؟" ދެވަނަ ފަހަރު މަންމަގެ ރާގު ތަންކޮޅެއް ހަރުކައްޓެވެ.
އަހަރެން ރަށް ބުނީމެވެ. އިތުރު ތަފުސީލު ވެސް ދޭން އުޅުނީމެވެ.
"އެކަމަކު ޒިޔާދާއަކީ.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"އޭނަޔަކާ ނީނދެވޭނެ!" މަންމަ ބުންޏެވެ.
"އަޅުގަނޑު ހިތަށްއަރަނީ.." އަހަރެން އެއްޗެއް ބުނެވޭތޯ އުޅުނީމެވެ.
"ދަރިފުޅު ހިތަށްއަރާހާ އެއްޗެއް މަންމަ ގާތުގަ ބުނަންޖެހޭތަ؟" މަންމަ އެހިއެވެ. "އެއީ މަތިން ފައިބާފަހުރި ކުއްޖަކަށް ވިޔަސް މަންމައަށް ހެޔޮ. މާލޭ ކުއްޖަކާ ނޫނީ ދަރިފުޅަކަށް ނީނދެވޭނެ. މި ވާހަކަ މި ހިސާބުން ނިމުނީ."
އެ ކަހަލަ ބޯދާ ވިސްނުން އަހަންނަކަށް ކަމަކުނުދެއެވެ. އަހަރެން ގަބޫލެއް ވެސް ނުކުރަމެވެ. އެކަމަކު ހުކުން އެއޮތީ އިއްވައިފައެވެ. ދެން އިސްތިއުނާފެއް ވެސް ނޯންނާނެއެވެ. ބައްޕަގެ ވިސްނުން ތަފާތެވެ. ބައްޕަ ބޭނުންވީ އަހަރެން ކައިވެނިކުރާށެވެ. ދިރިއުޅުމެއް ފަށާށެވެ. އެއީ ވާނެކަމެއް ނޫނެވެ. މަންމަގެ ނިންމުމަކީ އެންމެ ފަހު ނިންމުމެވެ.
ޒިޔާދާއަކީ "މިނިވަން" ޚިޔާލުގެ ޒަމާނީ ކުއްޖެކެވެ. އަހަންނާ ރައްޓެހިވިއިރު ވެސް ޒިޔާދާ ލާ ހެދުންތަކުގެ ކަރު ބޮޑެވެ. އަތް ކުރެވެ. ހެދުން ވެސް ކުރެވެ. އަހަރެންގެ ލޮލުގައި ޒިޔާދާ އަޅައިގަތް އެއް ސަބަބަކީ ވެސް އެއީ ކަމުގައި ވެދާނެއެވެ. އެ ފަދަ ހެދުންތަކުން ޒިޔާދާގެ ރީތިކަން އިތުރުވެއެވެ. ފިރިހެނުންގެ ލޯތަކަށް ތަދުކުރެއެވެ. އިންސާނުންނަކީ އަމިއްލައެދުން ބޮޑު، ދަހިވެތި ބަޔެކެވެ. އެ ކަމުން އަހަރެން ވެސް އިސްތިސްނާއެއް ނުވެއެވެ. އަހަންނަށް ޒިޔާދާ ލިބުމުން، އެހެން މީހުން ޒިޔާދާއަށް ބަލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަންނަށް ޒިޔާދާއާ ކައިވެނި ނުކުރެވުނަސް ވެހެއެވެ. ޒިޔާދާގެ ހެދުންތަކުގެ ފަރުމާ ބަދަލުކޮށް، ބައެއް ހެދުން ނުލުމަށް އެންގީމެވެ. އޭގެ އިތުރަށް، ރޭގަނޑު އެގާރައިގެ ފަހުން ރައްޓެހިންނާ ބައްދަލުކުރަން ޒިޔާދާ ނުދިޔުމަށް އެދުނީމެވެ. އެއްވެސް ކަމެއް ޒިޔާދާ ގަބޫލެއް ނުކުރިއެވެ. އެއްކޮޅުން މަންމަ ކުރިމަތިކުރި ހުރަހެވެ. އަނެއްކޮޅުން ޒިޔާދާގެ ބޯހަރުކަމެވެ. ދެމެދުގައި އަހަރެން ހައްޔަރުވިއެވެ. ދެބަސްވުން އުފެދުނެވެ. ޒުވާބަކަށް ބަދަލުވާން ފެށިއެވެ. އަހަރެން ލައްކަ ދުވަހު ކެތްކުރީމެވެ. ޒިޔާދާ ދެކެ ލޯބިވާތީއެވެ. އެންމެ ފަހުން ވަރުބަލިވެގެން ދެ މީހުން ވަކިވީއެވެ.
"ތި ފާޑަށް އަމީން އުޅޭހާ ދުވަހަކު އަމީނާ ރައްޓެހިވާނެ ކުއްޖަކު ނުވާނެ،" ޒިޔާދާ ވަކިވެގެންދިޔައީ ދެރަބަހެއް ވެސް ބުނެފައެވެ. "ދެން ހުރޭ ހުސްހަށިބަޔަށް."
ޒިޔާދާ ވަކިވެގެން އަހަރެންގެ ހިތަށް ކުރި އަސަރަށް ވުރެ އޭނަގެ ދުލުން ފޮނުވައިލި ވިހަ ތީރުތަކުން ލިބުނު އަނިޔާ މާ ބޮޑެވެ. އެ ޖުމުލަތައް އަހަރެންގެ ހިތަކުން ނުފުހެވުނެވެ. އެހެން އަންހެންކުއްޖަކާ ރައްޓެއްސެއް ވެސް ނުވެވުނެވެ. ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ކޫސަނި މައްސަލައެއް ޖެހިގެން ވަކިވާންޖެހެއެވެ. އަހަރެން ހުރީ ކެތްމަދުވެފައެވެ. ރައްޓެހިވާނެ ކުދިން އަހަންނަށް ލިބޭކަން ޒިޔާދާއަށް ދައްކާލަން ބޭނުންވެފައެވެ. އަހަރެން ބެލީ ޒިޔާދާއާ ވީހާ ވެސް ގާތް ނުވަތަ އެކުވެރި ކުއްޖަކާ ދިމާވޭތޯއެވެ. އަވަހަށް ޒިޔާދާއަށް ޚަބަރު ފޯރަން ބޭނުންވާތީއެވެ.
ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ވަރަށް ހަމަޖެހިލައިގެން އޮފީހަށް ވަދެ ކާޑުޖެހުމަށް ފަހު އަހަރެންގެ މޭޒާ ދިމާއަށް ހިނގައިގަތީމެވެ. އަހަރެންގެ ސެކްޝަން ހުންނަނީ ޖަލްސާކުރާ މާލަމާ ޖެހިގެންނެވެ. އެ މާލަން ހުރަސްކުރާއިރު އެތެރޭގައި ތިބޭ މީހުން ފެންނާނެއެވެ. އަހަރެން ހުރަސްކުރަމުން ބަލައިލިއިރު، ޖަލްސާކުރާ މާލަމުގައި އަންހެންކުދިންތަކެއް ތިއްބެވެ. އަހަރެން ބަލައިލީމެވެ. އެ މީހުން ވެސް ބަލައިލިއެވެ. އަހަރެން ދިޔަގޮތަށް ދިޔައީއެވެ. އެ މީހުން އުޅުނީ އެ މީހުންގެ އޮފީހުގެ ކޮންމެވެސް ބައްދަލުވުމަކަށް އައިހެވެ. ރީނާއަށް އެންމެ ފުރަތަމަ އަހަރެން ފެނުނު ދުވަހަކީ އެއީއެވެ. އޭރު އަހަރެންގެ ލޮލަކު ރީނާ އަޅައެއްނުގަނެއެވެ.
ދެ ހަފުތާއެއްހާ ދުވަސް ފަހެވެ. ރޯދަމަސް ފެށިއްޖެއެވެ. އޮފީހުގެ މަސައްކަތް އިންތިހާއަށް ބުރަވިއެވެ. ހެނދުނު އޮފީހަށް ވަންނަ ގޮތަށް ރޯދަވީއްލާކަށް ވެސް ނުނިކުމެވެއެވެ. ހާރުކާން ވެސް ގެއަށް ދެވެނީ މަދު ރެޔަކުއެވެ. އެއްރެޔަކު ވަރަށް ބަނޑުހައިވެފައި އިންދައި ފޯނުކޯލެއް އައެވެ. އެއީ ރީނާ ގުޅި ފުރަތަމަ ފަހަރެވެ. އެ ނަންބަރު އޭރު ނެތުމުން ފޯނަށް ބަލަން އިރުކޮޅަކު އިނދެލައިފައި ފޯނު ނެގީމެވެ.
"އަމީންތަ؟" ވަރަށް އަޅައިގަންނަ ކަހަލަ ރާގެއްގައި ރީނާ އެހިއެވެ.
"އަމީން!" އަހަރެން ބުނީމެވެ.
"ކިހިނެއް ހާލު؟" ވަރަށް ރައްޓެހި ރާގެއްގައި ރީނާ އެހިއެވެ.
"ހާލު ވަރަށް ރަނގަޅު،" އަހަރެން ބުނީމެވެ. "ތީ ކޮން ކުއްޖެއް؟"
"ނޭނގޭނެ!" ރީނާ ވަރަށް މަޖާވެފައި ބުންޏެވެ. "އަސްލު މި ގުޅީ ކުޑަ ކަމަކު."
"ކޮންކަމަކު؟" އަހަރެން ވަރަށް ގަޔާވެފައި ބުނީމެވެ.
"ކެރޭނެތަ މިރޭ ތަރާވީހަކަށް އަންނަން؟" ރީނާ އެހިއެވެ.
ނުނިމޭ