03 ނޮވެމްބަރ 2018 - 18:02

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އިބޫއާ އެކު އިމްރާން މިއަދު ބޭއްވި ބައްދަލުވުމަކީ އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު އޭނާ މިނިވަންވެ ވަޑައިގަތުމަށް ފަހު އިބޫއާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
އޭގެ ކުރިން އިމްރާން ގޭ ބަންދުގައި ހުންނެވިއިރު ވެސް، އިބޫ އެގެއަށް ވަޑައިގެން އިމްރާނާ ބައްދަލު ކުރެއްވި އެވެ. އަދި ބުރާސްފަތި ދުވަހު އިމްރާން ދޫކޮޮށްލަން އަމުރު ކުރުމާ އެކު، އޭނާ ވަނީ އެދުވަހު ރާއްޖެ ވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ބޭއްވި އެއްވުމުގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
އިމްރާން ޖަލަށްލާން ހުކުމްކުރީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގަ އެވެ. އޭނާގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން އޮތީ ކުރިން ދަމަހައްޓައިފަ އެވެ.
ހައި ކޯޓުގެ އެ ނިންމުން އިމްރާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ކުރިން ނިންމާފައި އޮތުމަށް ފަހު، މިހާރު ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމައިފަ އެވެ. އިމްރާން ދޫކޮށްލީ އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެނެވެ.