03 ނޮވެމްބަރ 2018 - 16:51

ޖަކާޓާ (ނޮވެމްބަރު 3) - ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާ ބޯޓުން މީހުން ހޯދަން އުޅުނު ޑައިވަރަކު މަރުވެއްޖެ އެވެ.
އުމުރުން 48 އަހަރުގެ ސިއަޗުރުލް އަންޓޯ އަކީ ޖާވާ ކަނޑަށް ވެއްޓުނު ބޯޓުން ދަތުރު ކުރި މީހުންނާއި ބޯޓުގެ ބައިތައް ހޯދުމުގައި ހަރަކާތްތެރިވާ ޑައިވަރުންގެ ޓީމުގެ އިސް މެންބަރެކެވެ. އިންޑޮނީޝިއާގެ ނޭވީގެ ސާޗް އެންޑް ރެސްކިއު ޑިވިޝަނުގެ ކޮމާންޑަރު އިސްވާޓޯ ވިދާޅުވީ ޑައިވަރުންގެ ޓީމުގައި އަންޓޯ ބައިވެރިވީ އަމިއްލަ އަށް ވޮލަންޓިއާ ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ޑައިވަރު މަރުވީ ޑިކޮމްޕްރެޝަންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ކަނޑަށް ވެއްޓުނު އެއާ އޭޝިއާގެ ބޯޓުން މީހުން ހޯދަން ވެސް އަންޓޯ ވަނީ ޑައިވަރެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ. އަދި އޭނާ ވަނީ ދާދި ފަހުން ބިންހެލުން އައި ޕާލޫގައި ވެސް މީހުން ހޯދަން އެހީތެރިވެދީފަ އެވެ.
ލަޔަން އެއާގެ ބޯޓު މިދިޔަ ހޯމަ ދުވަހު ވެއްޓުނީ ޖަކާޓާ އިން ފުރިތާ 13 މިނިޓް ފަހުންނެވެ. ބޯޓުގެ އެއް ކަޅުފޮށި ބުރާސްފަތި ދުވަހު ވަނީ ހޯދައިފަ އެވެ.