ނޫސްވެރިޔާގެ މަރުގެ މައްސަލަ ސައުދީގެ ބޮލުގައި ފުރަތަމަ ފަހަރަށް އުރުދުޣާން އަޅުވައިފި
ނޫސްވެރިޔާގެ މަރުގެ މައްސަލަ ސައުދީގެ ބޮލުގައި ފުރަތަމަ ފަހަރަށް އުރުދުޣާން އަޅުވައިފި

އަންކަރާ (ނޮވެމްބަރު 3) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި ސައުދީ ސަރުކާރުން ސީދާ ބައިވެރިވެފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ފުރަތަމަ ފަހަރަށް ވިދާޅުވެއްޖެ އެވެ.

"ޚާޝުގްޖީ މަރާލަން އަމުރު އައީ ސައުދީ ސަރުކާރުގެ އެންމެ މަތިންކަން އެންމެންނަށް އެނގޭ،" ވޮޝިންޓަން ޕޯސްޓަށް އުރުދުޣާން ފޮނުއްވި ލިޔުމެއްގައި ވިދާޅުވެފައިވެ އެވެ.

ސަައުދީއާ އެކު އޮތް ގާތްގުޅުމަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވީ އެކަމުގައި ރަސްގެފާން ސަލްމާންގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ނޫސްވެރިޔާ މަރާލީ ސައުދީން ހައްޔަރު ކުރި 18 މީހުންގެ ތެރޭން ބައެއްކަން. އެކަމަކު އެ މީހުން އައީ އެ މީހުންނަށް އަމުރު ކުރި ގޮތަށް ކަންކަން ކުރަން. އެ އަމުރު އައިސްފައި ވަނީ ސައުދީ ސަރުކާރުގެ އެންމެ މަތިންކަން ވެސް އެނގޭ،" ޚާޝުގްޖީ ކޮލަމް ލިޔަމުން ދިޔަ ވޮޝިންޓަން ޕޯސްޓުގައި އުރުދުޣާން ލިޔުއްވާފައިވެ އެވެ.

އުރުދުޣާން ވިދާޅުވީ އިސްތަންބޫލްގައި ހުންނެވުމަށް ފަހު ސައުދީ އަށް ވަޑައިގެންނެވި ކޮންސުލް ޖެނެރަލްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ސައުދީން އަޅާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ތަހުގީގަށް ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރުގެ ފަރާތުން އެއްބާރުލުން ވެސް ލިބެމުން ނުދާ ކަމަށެވެ.

ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ މަރާލީ މިދިޔަ މަހު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގަ އެވެ.