03 ނޮވެމްބަރ 2018 - 15:51

ކޮލަމްބޯ (ނޮވެމްބަރު 3) - ސަސްޕެންޑްކޮށްފައި އޮތް ސްރީ ލަންކާގެ ޕާލަމެންޓް އަލުން ހުޅުވަންވާ އިރަށް ވާދަވެރި ދެ ޕާޓީން މެންބަރުން ގަންނަން މިލިއަން ރުޕީސް ހުށަހަޅަމުންދާ ކަމަށް ތުހުމަތު ކޮށްފި އެވެ.
މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީން ހަ ވަނަ މެންބަރު މިހާރު ވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޔޫޕީއެފްއޭ އަށް ބަދަލުވެފަ އެވެ. ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ)ގެ މެންބަރަކު ވެސް ދާދި ފަހުން ވަނީ ސިރިސޭނާއާ ގުޅިވަޑައިގެންފަ އެވެ. ސިރިސޭނާގެ ޕާޓީ އަށް މިހާރު ވަނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ 104 މެންބަރުން ހަމަކޮށްފަ އެވެ. އަދިވެސް އިތުރު މެންބަރުން އެ ޕާޓީ އަށް ދާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޔޫއެންޕީގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ޕަލިތާ ރަންގެ ބަންޑަރާ ވިދާޅުވި ގޮތުގައި މެންބަރުން ހޯދުމަށް ސިރިސޭނާގެ ޕާޓީން ދަނީ މިލިއަނުން ހުށަހަޅަމުން ކަމަށެވެ.
"އަޅުގަނޑަަށް ވަރަށް ގިނަ ފޯންކޯލްތައް ލިބޭ. އެ މީހުން ވަނީ 500 މިލިއަން ސްރީ ލަންކަން ރުޕީސް އަޅުގަނޑަށް ހުށަހަޅާފައި. އަޅުގަނޑު ދެންނެވީ އެއީ ޑޮލަރުން ކިހާވަރެއްތޯ. އެ މީހުން ބުނި އެއީ 2.8 މިލިއަން ޑޮލަރު ކަމަށް. އަޅުގަނޑަށް އެވަރު ހުށަހެޅިކަމުގެ ހެކި އެބަހުރި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަންޑަރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އަށް ރިޝްވަތު ހުށަހެޅި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
ބޮޑުވަޒީރުގެ މަގާމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން އަދި ޕާލަމެންޓް މެންބަރު ނަމާލް ރާޖަޕަކްސާ ވިދާޅުވީ އެފަދަ ކަމެއް ހިނގާކަން ޕާޓީ އަށް އެނގިފައި ނުވާ ކަމަށެވެ.
"ބަންޑަރާކޮށްފައި ވަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް. އެއީ ތަހުގީގު ކުރަން ޖެހޭ ކަމެއް،" ނަމާލް ވިދާޅުވި އެވެ.
މެންބަރުން ގަންނަން ފައިސާ ޚަރަދު ކުރަނީ ޗައިނާ އިން ކަމަށް ޔޫއެންޕީގެ މެންބަރަކު މިދިޔަ ހަފުތާގައި ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ރައީސް ސިރިސޭނާ މިހާރު ވަނީ އަންނަ ހޯމަ ދުވަހު ޕާލަމެންޓް ޖަލްސާތައް ފަށަން ނިންމަވައިފަ އެވެ.