ފަރުތަކަށް ގެއްލުންދޭ ނުރައްކާތެރި ސަންސްކްރީން މަނާކުރާ ފުރަތަމަ ގައުމަކަށް ޕަލާއު
ފަރުތަކަށް ގެއްލުންދޭ ނުރައްކާތެރި ސަންސްކްރީން މަނާކުރާ ފުރަތަމަ ގައުމަކަށް ޕަލާއު

ދެހާސް އެކާވީހުން ފެށިގެން އެމެރިކާގެ ހަވާއީގައި ސަންސްކްރީން ވިއްކުން މަނާކުރަން ނިންމައިފައި އޮތަސް މިކަމަށް އަމަލު ކުރާނެ ފުރަތަމަ ގައުމަކަށް ޕަލާއުވެއްޖެ އެވެ.

އޮޝޭނިއާ އަށް ނިސްބަތްވާ އެ ގައުމުން މިހާރު ވަނީ ސަންސްކްރީން ވިއްކުން 2020 އިން ފެށިގެން މަނާކުރަން ނިންމައިފަ އެވެ. ހަވާއީގައި ސަންސްކްރީން ވިއްކުން މަނާކުރާ ގާނޫނަށް ޖެނުއަރީ، 1، 2021 އިން ފެށިގެން އަމަލު ކުރަން ފަށަން ނިންމިކަން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

މިއީ މުރަކަ ފަރުތަކާއި ކަނޑުގެ އެހެން ދިރުންތަކުގެ ހިމާޔަތުގައި ކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް ބޭނުންކުރާ ސަންސްކްރީންގެ ގިނަ ބާވަތްތަކަކީ އެ ތަކެތި އުނގުޅައިގެން މޫދަށް އެރޭ ނަމަ އޭގައި އެކުލެވޭ ކެމިކަލްތަކުން ފަރުގެ ދިރުންތަކަށް ގެއްލުންވާ އެއްޗިއްސެވެ. ބައެއް ސަންސްކްރީންތަކުގައި ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ކަމަށްވާ އޮކްސިބެންޒޯން އާއި އޮކްޓިންއޮކްޒޭޓް ބޭނުންކޮށްފައި ހުރެ އެވެ.

ވަރަށް ކުޑަ އާބާދީއެއް އޮންނަ ޕަލާއުގެ ރައީސް ޓޮމީ ރެމެންގެސޯ މިދިޔަ ހަފުތާގައި ތަސްދީގު ކުރެއްވި ސަންސްކްރީން މަނާ ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތުން، އެއަށް އަމަލު ކުރަން ފެށުމަށް ފަހު، ސަންސްކްރީން ވިއްކާ މީހުން މަދުވެގެން 1،000 ޑޮލަރުން ޖޫރިމަނާ ކުރާނެ އެވެ.

ތިމާވެށީގެ ހިމާޔަތަށްޓަކައި އަމަލުކުރަން ފަށާ ގާނޫނުގައި ބުނާ ގޮތުން ޕަލާއުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ވެސް ބޭނުން ކުރަން ވާނީ ތިމާވެއްޓާ ރަށްޓެހި އުފެއްދުންތަކެވެ. އޭގެ ތެރޭގައި ކާއެއްޗެހި އަޅާ ތަށްޓާއި ޖޯޑާއި ޖޫސް ބޯ ހޮޅި ފަދަ ތަކެއްޗަކީ ވެސް އަލުން ބޭނުން ކުރެވޭ ކަހަލަ އެއްޗިއްސަށް ވާން ޖެހޭނެ އެވެ.

"މިއީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި އަހަރެމެންގެ އިގުތިސާދަށްޓަކައި ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް،" ޓޫރިޒަމާއި މަސްވެރި ކަމަށްވާ ބަރޯސާވާ ޕަލާއުއާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް ޓޮމީ ވިދާޅުވި ގޮތުގައި ސަންސްކްރީން މަނާ ކުރަން ޖެހޭ ސަބަބުތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ ރިޕޯޓަކުން ވެސް އެ ގައުމުގެ މަޝްހޫރު ޖެލީފިޝް ލޭކްގެ ދިރުންތަކަށް ސަންސްކްރީންގެ ބާވަތްތަކުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެނގެ އެވެ. އެގޮތުން ދާދި ފަހުން އެތަން އަލުން ހުޅުވުމާ ހަމައަށް ޖެލީފިޝްގެ އާބާދީ ދަށްވެގެން އަހަރު ދުވަހަށް ބަންދުކޮށްފައި ބާއްވަން ޖެހުނެވެ.