ކޮންޓޭގެ ޝަރުތުތައް ރެއާލުގެ ރައީސަށް ކަަމަކުނުދިޔަ
ކޮންޓޭގެ ޝަރުތުތައް ރެއާލުގެ ރައީސަށް ކަަމަކުނުދިޔަ

މެޑްރިޑް (ނޮވެމްބަރު 3) - ރެއާލް މެޑްރިޑްގެ ކޯޗުކަމަށް އަންނަން އެންޓޯނިއޯ ކޮންޓޭ ކުރި ޝަރުތުތައް ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ކަމަކުނުދިޔަ ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ވިދާޅުވެއްޖެ އެވެ.

ރެއާލުގެ ނަތީޖާތަށް ދަށްވުމުން އެ ކްލަބުން ވަނީ މި ސީޒަނުގައި ހަމަޖެއްސި ސްޕެއިން ގައުމީ ޓީމުގެ ކުރީގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން ދުރުކޮށްފަ އެވެ. ރެއާލުގެ ކޯޗަކަށް މި ވަގުތު ހުރީ އެ ކްލަބްގެ ބީ ޓީމުގެ ކޯޗު އަދި ކުރީގެ ކުޅުންތެރިއާ ސަންޓިއާގޯ ސޮލާރީ އެވެ. ކުރިއަށް އޮތް 12 ވަރަކަށް ދުވަހުގެ ތެރޭގައި ރެއާލުގެ ދާއިމީ ކޯޗެއް ހަމަޖައްސަން ޖެހެ އެވެ.

ރެއާލުގެ ކުރީގެ ރައީސް ކަލްޑެރޯން ވިދާޅުވީ ކުރިން ޗެލްސީ އާއި ޔުވެންޓަސް އަށް ކޯޗުކޮށްދިން ކޮންޓޭ ރެއާލާ ހަވާލުވާން ހާއްސަ ޝަރުތުތަކެއް ކުރިކަމަށެވެ.

"ކޮންޓޭ ފުރަތަމަ ވެސް ބޭނުންވީ ތިން އަހަރުގެ އެއްބަސްވުމަކާއި އޭނާ ބޭނުންވާ ފަސް އޮފިޝަލެއް ގެންނަން. އަދި ޓްރާންސްފާގެ ކަންތައްތަކުގެ ފުލް ކޮންޓްރޯލް ވެސް ނަގަން ބޭނުންވީ. މި ހުރިހާ ކަމެއް އެއް ފަހަރަކާ ރެއާލުން ނުކޮށްދޭނެ. ރެއާލުގެ ރައީސް ޕެރޭޒް އެއްވެސް މީހަކަށްޓަކައި ކްލަބްގައި އޭނާ ދަމަހައްޓަމުން އަންނަ އުސޫލުތައް މުގުރާނުލާނެ،" ކަލްޑެރޯން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންޓޭ އަކީ ރެއާލުން ގެންނަން ބޭނުންވާ ވަރަށް ވުރެން މާ ޑިފެންސިވް ކުޅުމެއް ކުޅުވާ ކޯޗެއް ކަމަށެވެ. އަދި ރެއާލުން މިހާރު ވިސްނަންވީ ޒުވާން ކޯޗަކާ އެކު ކުރިއަށް ދިއުމަށް ކަމަށެވެ.

"އަހަންނަށް ކަމުދޭ މިހާރު ހުރި ސޮލާރީ ވެސް. އޭނާ އަކީ ކްލަބްގެ މީހެއް. ކްލަބްގެ ކަންތައްތައް ވަރަށް ގާތުން އެނގޭ މީހެއް. ކުޅުންތެރިން ގެންގުޅެން ވެސް އޭނަ އަށް އެނގޭނެ،" 2006 އިން 2009 އަށް ރެއާލުގެ ރައީސްކަން ކުރެއްވި ކަލްޑެރޯން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން އަލުން ރެއާލާ ހަވާލުވާން ކުރީގެ ކޯޗު ޒިނެދިން ޒިދާނަށް ހުށަހެޅުމުން އޭނާ ވަނީ ފުރަގަސްދީފަ އެވެ.

ރެއާލުގެ ބޯޑުން ނިންމާފައިވަނީ އާ ކޯޗެއް ގެންނަން ކުރާ މަސައްކަތަށް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސް ތެރޭ ކުރިއެރުމެއް ނުލިބޭނަމަ ސޮލާރީ އަށް ދާއިމީ އެއްބަސްވުމެއް ދޭށެވެ. ސޮލާރީ ވަނީ އެ ޓީމުގެ ދާއިމީ ކޯޗަކަށް ވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ. ސޮލާރީގެ ކޯޗުކަމުގައި ރެއާލް ކުޅުނު ފުރަތަމަ މެޗުން ވަނީ ސްޕެނިޝް ކަޕްގައި ތިން ވަނަ ޑިވިޝަންގެ ޔޫޑީ މެލީލިއާ އަތުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ލީގުގައި ނުކުންނާނީ ރެއާލް ވަލަޑޮލިޑާ ދެކޮޅަށެވެ.