ޑިބްރޭނާ ހަ ހަފްތާ އަށް ކުޅުމާ ދުރަށް
ޑިބްރޭނާ ހަ ހަފްތާ އަށް ކުޅުމާ ދުރަށް

މެންޗެސްޓާ (ނޮވެމްބަރު 3) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ކެވިން ޑިބްރޭނާ އަނިޔާއިން ރަނގަޅުވެ ކުޅުމަށް އެނބުރި އައިތާ މަހެއް ނުވަނީސް އަނެއްކާ ވެސް އަނިޔާވެ، ހަ ހަފްތާ އަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

މިދިޔަ އޮގަސްޓް މަހު ޑިބްރޭނާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ އަށް ގިނަ މެޗުތަކެއް ގެއްލުނެވެ. ދެ މަހަށް ފަހު ޑިބްރޭނާ އެނބުރި ކުޅުމަށް އައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. ކުޅުމަށް އެނބުރި އައިސް ހަމަޖެހިނުލެވެނިސް އޭނާ އަށް އަނެއްކާ މި ވަނީ އަނިޔާވެފަ އެވެ. މި ފަހަރު އަނިޔާވީ އޭނާގެ ވާތު ކަކުލަށެވެ.

ޓެސްޓްތަކަށް ފަހު އެނގުނީ އޮޕަރޭޝަން ކުރަން ނުޖެހުނު ނަމަވެސް ހަ ހަފްތާ ވަންދެން ކުޅުމާ ދުރަށްދާން ޖެހޭނެ ކަމެވެ. އުމުރުން 27 އަހަރުގެ ޑިބްރޭނާ އަކީ މިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. މި ސީޒަނުގެ މިހާތަނަށް އޭނާ ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

"އެއްވެސް މީހަކު ބޭނުމެއް ނުވާނެ އިންޖަރީގައި ހުންނަން. އެކަމަކު އެއީ ވެސް ފުޓްބޯޅައިގެ ބައެއް. އަނިޔާވުމުން ޑިބްރޭނާ އަށް އެއީ ހިތާމައެއް. އަހަރެމެންނަށް ލިބޭނެ ހަމައެކަނި ހިތްހަމަޖެހުމަކީ އޭނާ އޮޕަރޭޝަނެއް ކުރަން ނުޖެހޭކަން،" ޑިބްރޭނާގެ އަނިޔާއާ ބެހޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

"އަހަރެމެންގެ ޓީމު ފުރިހަމަވަނީ ޑިބްރޭނާ ހުރެގެން. އެކަމަކު އޭގެ މާނަ އަކީ އޭނާ ނެތި މި ޓީމަށް ބޮޑެތި ގެއްލުންތަކެއް ވާނެއެކޭ އެއް ނޫން. އަހަރެމެން މިއީ ޓީމެއް. ކުޅުންތެރިން ނެތް ހާލަތަކަށް ތައްޔާރުވެގެން ބޮޑު ސީޒަނަކަށް ތައްޔާރުވެވޭނީ." ގާޑިއޯލާ ބުންޏެވެ.

ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވެސް 10 މެޗުން 26 ޕޮއިންޓް ލިބިފައިވީ ނަމަވެސް ސިޓީ އަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. ލީގުގައި ސިޓީ ކުޅޭ މެޗު ފަށާނީ މާދަމާރޭ 8 ޖަހާއިރު އެވެ.