ހާޓްއާ މައްސަލައެއް ނެތް، ބޭނުންވަނީ ޓީމު މޮޅުކުރަން: ގާޑިއޯލާ
ހާޓްއާ މައްސަލައެއް ނެތް، ބޭނުންވަނީ ޓީމު މޮޅުކުރަން: ގާޑިއޯލާ

މެންޗެސްޓާ (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ރޭ ސަންޑަލެންޑް އަތުން 2-1 އިން މޮޅުވިއިރު ގޯލްކީޕަރު ޖޯ ހާޓް ނޭރުވީ އޭނާއާ މެދު މައްސަލައެއް އޮވެގެން ނޫން ކަމަށާއި ޓީމު މޮޅުކުރަން ބޭނުންވާތީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ އެއް ވަނަ ކީޕަރެއްގެ ގޮތުގައި ފާއިތުވި ފަސް ސީޒަނުގައި ފެނުނު ހާޓްގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ރޭ ފެނުނީ މިދިޔަ ސީޒަނުގައި އެޓީމާ ގުޅުނު އާޖެންޓީނާގެ ކީޕަރު ވިލީ ކަބަލޭރޯ އެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކުޅުނު ފުރަތަމަ މެޗުން ރޭ މޮޅުވީ ފަހު ވަގުތު 2-1 އިންނެވެ. ސާޖިއޯ އަގުއޭރޯ ސިޓީ އަށް ލީޑު ނަގައީދީފައި ވަނިކޮށް ސަންޑަލެންޑަށް އެއްވަރުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޖަމޭން ޑިފޯ އެވެ. ސިޓީ މޮޅުވީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ސަންޑަލެންޑްގެ ޕެޑީ މެކްނެއާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ގާޑިއޯލާ ބުނީ ޓީމުގެ ފުރަތަމަ އެގާރައިން ހުރިހާ ކުޅުންތެރިންނަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"އަހަރެން ހާޓް އަށް އިހުތިރާމް ކުރަން. ހާޓް އަކީ މޮޅު ކީޕަރެއް. އެކަމަކު ކަބަލޭރޯ އަށް ފުރުސަތު ދޭން ނިންމީ. އަހަރެންނަށް މިއޮތީ ބޮޑު ސްކޮޑެއް. ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު އެބައޮތް. ކޮންމެ މެޗަކަށް ވެސް ތަފާތު 11 ކުޅުންތެރިން ނަގަން ޖެހުނަސް ޓީމަށް ފައިދާކުރަންޏާ އެގޮތަަކަށް އަހަރެން ކުރިއަށްދާނަން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ލީގުގެ ފުރަތަމަ މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ވަނީ 2-1 އިން ހަލް ސިޓީ އަތުން ބަލިވެފަ އެވެ. ލެސްޓާގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނީ އެނާގެ ރޭވުންތަކާ އެއްގޮތަށް އެ ޓީމަށް މަސައްކަތް ނުކުރެވުނު ކަމަށެވެ.

ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު އެވަޓަން އާއި ޓޮޓެންހަމް ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. މިޑްލްސްބަރާ އާއި ސްޓޯކް މެޗާއި ސައުތެމްޓަނާއި ވަޓްފޯޑް މެޗު ވެސް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބާންލީ އަތުން 1-0 އިން ސްވަންސީ މޮޅުވިއިރު، ވެސްޓް ބްރޮމް ވަނީ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ.