ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!
ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!

ދިވެހި ކުޅިވަރުގެ "ބައްޕަ" މުހައްމަދު ޒާހިރު ނަސީރު އިއްޔެ އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ހިތްދަތިކަމެކެވެ. އެކަމަކު އެމަނިކުފާނުގެ ޖަނާޒާ ބޭއްވި ގޮތުން އިތުރު ހިތްދަތިކަމެއް މިވަނީ ލިބިފަ އެވެ. ދައުލަތަށާއި ކުޅިވަރަށް އަދި ނޫސްވެރިކަމަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅަކަށް އަޅުގަނޑުމެންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެވުނީ އެންމެ ފުރިހަމަކޮށް ކަމާ މެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ. ޝަކުވާތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ!

ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!
ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!

އެމަނިކުފާނުގެ މޫނު ދެއްކުން އާސަހާރާގައި ބޭއްވިއިރު ކަށުނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގަ އެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ ޒާހިރުގެ މޫނު ދެކެވަޑައިގަތުމަށް ޓަކައި އާސަހަރާ އަށް ވަޑައިގެންފަ އެވެ. ކަށުނަމާދު އިމާމްވެ ކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ފަސްދާނުލީ އާސަހާރަގަ އެވެ.

ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!
ޒާހިރުގެ ޖަނާޒާ އަށް ފަހު ހިތްހަމަނުޖެހުމާއި ޝަކުވާ!

އެކަމަކު މި ހުރިހާ ކަމެއް ދިޔައީ އާއްމު އުސޫލުންނެވެ. އެމަނިކުފާނުގެ ސަންދޯއް ވަޅަށް ތިރިކުރެވުނުއިރު، އެތަނުގައި ތިބީ އެންމެ ސަތޭކައެއްހާ މީހުންނެވެ. އެ ވަރުގެ އިސް ބޭފުޅެއްގެ ޖަނާޒާ އަށް ބަލާއިރު، ނަން ކިޔާލާ ވަރުގެ މާ ގިނަ އެހެން ބަޔަކު ނެތެވެ. އިތުރު އެއްވެސް އިއްޒަތެއް ޝަރަފެއް ނެތެވެ؛ މިކަން ދާން ޖެހޭނީ މިހެންތޯ، މިއީ މިއަދު އިރު އެރީއްސުރެ އެކި މީހުންގެ ތެރޭގައި ކުރެވެމުން ދިޔަ ބަހުސެވެ.

ކުޅިވަރުގެ ބައެއް އިސް ފަރާތްތައް ވެސް ފެންނާކަށް ނެތެވެ. ސްޕޯޓްސް މިނިސްޓަރު ފިޔަވައި ސަރުކާރުގެ އިސް ގިނަ ބޭފުޅުން ވަޑައެއް ނުގަންނަވަ އެވެ. ދައުލަތުގެ އިއްޒަތެއް ނެތެވެ؛ އެނގިފައިވާ ގޮތުގައި އެމަނިކުފާނު އަވަހާރަވުމާ އެކު އާއިލާ އިން ވަނީ ޖަނާޒާ ބޭއްވުމާ މެދު ރައީސް އޮފީހުން އަމަލުކުރައްވާގޮތެއް ސާފުކުރައްވައިފަ އެވެ. ރައީސް އޮފީހުން އެކަމާ މަޝްވަރާކުރުމަށް ފަހު ނިންމީ ދިދަ ބައިދަނޑި އަށް ތިރިކުރުމަށެވެ. އަދި ޖަނާޒާ ބޭއްވުމުގެ ކަންކަން އާއިލާ އަށް ދޫކޮށްލުމަށެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ ރަސްމީ އިއްޒަތުގައި ފަސްދާނުލުމުގެ ޝަރަފް ދެނީ ވަޒީރުން ފެންވަރުގެ ބޭފުޅުން އިން ފެށިގެން ކަމަށެވެ. އަދި އެކަމަށް ވަކި އުސޫލުތަކެއް ކަނޑައަޅުއްވައި ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ވަޒީރުކަން ނުކުރެއްވި ނަމަވެސް ޒާހިރު ނަސީރަށް ވުރެ ވަކި ބޮޑަށް މި ގައުމަށް ހިދުމަތްކުރެއްވި ބޭފުޅަކު ނެތެވެ. އަމިއްލަ ހައިސިއްޔަތުންނާއި ރަސްމީ ހައިސިއްޔަތުންނެވެ. ރަސްމީ ހައިސިއްޔަތަށް ބަލާއިރު 1983 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް، ކުޅިވަރު އެސޯސިއޭޝަންތަކުގެ ބެލެނެވެރިޔާ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި އެވެ. ސިޓީ ބެހުމުން ފެށިގެން ތަން ހިންގެވުމުގެ ހުރިހާއެއް ޒިންމާއެއް ނެންގެވި އެވެ. ދިވެހި ކުޅިވަރު ބައިނަލްއަގްވާމީ މައިދާނަށް ގެންގޮސްދެއްވި އެވެ.

އަމިއްލަ ހައިސިއްޔަތަށް ބަލާއިރު ނާސިރު ސްޕޯޓްސް އެކަޑަމީ (ފަހުން ނިއު ސްޕޯޓްސް އެކަޑަމީ) އުފައްދަވައި ކުޅިވަރު ކުޅުންތެރިން ތަމްރީން ކުރެއްވި އެވެ. ތަފާތު މުބާރާތްތައް ބޭއްވެވި އެވެ. ކްރިކެޓް ވަޅުޖެހިފައިނިކޮށް އާލާކުރެއްވި އެވެ. ބާސްކެޓްބޯޅަ އާއި ވޮލީބޯޅަ މުޅި ރާއްޖޭގައި ފަތުރާލެއްވީ އެމަނިކާފުނެވެ. ބަށި ފަދަ ރާއްޖޭގެ ތާރީހާ ގުޅިފައިވާ ކުޅިވަރުތަކާއި ޗެސް އާއި ކެރަމް ފަދަ ކުޅިވަރުތަކަށް ވެސް ބޮޑެތި އެހީތެރިކަން ފޯރުކޮށްދެއްވި އެވެ.

އެމަނިކާފުނަށް ވަނީ ދައުލަތުގެ ދެ ވަނަ އަށް އެންމެ މަތީ ޝަރަފް ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވައިފަ އެވެ. އަދި ކުޅިވަރަށް ހިދުމަތްކުރުމުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ވަނީ ދެއްވައިފަ އެވެ. މިއީ ވަޒީރަކަށް ވިޔަސް އަދި ލިބޭނެ ޝަރަފެއް ނޫނެވެ.

"ޒާހިރު ނަސީރަށް އިއްޔެ އިއްޒަތެއް ނުދެވޭ. ކުޅިވަރުގެ މީހުންނެއް ނެތް އެތަނުގައި ހަގީގަތަށް ބުނަންޏާ. ޒާހިރު ކޮށްދެއްވި ހިދުމަތަށް ބަލާއިރު ކުޑަ ވެސް ރިޓާންއެއް ނުދެވުނު،" ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ނައިބް ރައީސް އަހުމަދު އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީރުންނަކީ އިރުއިރުކޮޅާ ބަދަލުވާ ބައެއް ކަމަށާއި އެކަމަކު ޒާހިރު ނަސީރަކީ ރާއްޖޭގެ ހުރިހާ ރައީސުންގެ ދައުރުތަކުގައި ވެސް ދެ ގޮތެއް ނުވެ ހުންނެވި ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑަށް ރައީސަކަށް ވުރެ ގަދަރު ބޮޑު އެމަނިކުފާނުގެ،" އަހުމަދު އިސްމާއިލް ވިދާޅުވި އެވެ.

"ކުޅިވަރު ފެސްޓިވަލެއް ބާއްވަންޏާ ވަރަށް ފޯރީގައި އުޅޭ. މެޑަލް ހޯދައިގެން އައުމުން މަރުހަބާ ކިޔަން ކަންކަން އިންތިޒާމްކުރެވޭ. އެކަމަކު އިއްޔެ ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅިވަރާ ބެހޭ މިނިސްޓްރީ ގުޅިގެން އެއްވެސް ކަމެއް ނުކުރެވުނު."

އެމަނިކުފާނު ހިދުމަތްކުރެއްވީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަކަށް ނޫނެވެ. އަހުލާގު ރަނގަޅު ޒުވާން ޖީލްތަކެއް ގައުމީ ހިދުމަތަށް ނެރެދެއްވި އެވެ. ސިއްހީ ދާއިރާއިން އިން އެތައް ހިދުމަތެއް ކުރެއްވި އެވެ. ކޮލެރާ ނައްތާލެއްވުމަށް އަމިއްލަ ގޮތުން މަސައްކަތްކުރެއްވި އެވެ. ބޭސް ސިޓީ ދޫކުރެއްވި އެވެ. ލޭ ހަދިޔާ ކުރަން ފަސްޖެހިފައި ތިބި ދިވެހިންނަށް ހިތްވަރު ދެއްވަން، ލޭ ހަދިޔާކުރެއްވި ފުރަތަމަ ދިވެއްސަށް ވެވަޑައިގަތެވެ.

ތިން ރައީސުން ކަމަށްވާ މުހައްމަދު އަމީނާއި އިބްރާހިމް ނާސިރު އަދި މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގައި މަސައްކަތްކުރައްވައި އިތުބާރު ހޯއްދެއްވި އެވެ. ފަސްބައިގައި ކިލަނބުކަމެއް ނެތެވެ.

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް އުސޫލްތަކެއް ކަނޑައަޅާފައިވީ ނަމަވެސް ހާއްސަ ހާލަތްތަކުގައި އެ އުސޫލުން ބޭރުން ޝަރަފް ދެ އެވެ. ރާއްޖޭގައި ވެސް އެގޮތަށް އަމަލުކޮށްފައިވެ އެވެ.

"އެންއޯސީގެ ރައީސްކަމަކީ ވަޒީރުކަމަށް ވުރެ ބޮޑު މަގާމެއް،" އޮލިމްޕިކް ކޮމިޓީގެ ކުރީގެ ނައިބް ރައީސް ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ކުޅިވަރު ޅަ ކަމުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ އެ އަވަހާރަވީ އިއްޔެ. އެހެން ގައުމުތަކުގެ ފާދާ އޮފް ސްޕޯޓްސް އަވަހާރަވެއްޖެ މީގެ 100 ވަރަކަށް އަހަރު ކުރިން. ރާއްޖޭގައި ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭ ދުވަހެއް އިއްޔެ އަކީ."

އިއްޔެ ޒާހިރު ނަސީރަށް ރަސްމީ އިއްޒަތުގައި ފަސްދާނުލިޔަކަސް އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ އަގު އަދާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެކަމަކު އެމަނިކުފާނު ކޮށްދެއްވި މަސައްކަތް އެންމެ މަތީ ހަރުފަތުގައި ފާހަގަކުރުމަކީ މިހާރުގެ ޒުވާން ޖީލަށް، ގައުމަށް ހިދުމަތްކުރުމަކީ ކިހާ މުހިއްމުކަމެއްކަން ދައްކައިދޭން މުހިއްމު ކަމެކެވެ.

"ޒާހިރުގެ އަގު ނުކުރެވޭ ހިދުމަތުގެ ބަދަލު އެންމެ ފަހު ވަގުތު، އެއްވެސް ޝަރަފަކާ ގަދަރެއް ނުދިން ކަމީ އެ ބޭފުޅާ މި ގައުމަށްޓަކައި ވި ގުރުބާނީ ދިވެހިން ބަލައިނުގަންކަން،" ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވި އެވެ.