02 ނޮވެމްބަރ 2018 - 07:24

މެޑްރިޑް (ނޮވެމްބަރު 2) - ރެއާލް މެޑްރިޑާ އަލުން ހަވާލުވާން ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ ޒައިނުއްދީން ޒިދާނަށް ހުށެހެޅުމުން އޭނާ އެ ކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރެއާލުގެ ކޯޗުކަމުން ހުލެން ލޮޕެޓެގީ ވަކިކުރީ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާތައް މެޗަކަށް ފަހު މެޗެއް ދަށްވަމުން ދިޔަ ވަގުތެއްގައި ވާދަވެރި ބާސެލޯނާ އަތުން 5-1 އިން ބަލިވި މެޗަށް ފަހު އެވެ. ރެއާލުން ވަގުތީ ކޯޗަކަށް ހަމަޖެއްސީ ރެއާލުގެ ބީ ޓީމުގައި ހުރި ސަންޓިއާގޯ ސޮލާރީ އެވެ. ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ސްޕެނިޝް ކަޕްގައި ރެއާލް ވަނީ ތިން ވަނަ ޑިވިޝަންގެ ޔޫޑީ މެލީލިއާ އަތުން ފަސޭހަކަމާ އެކު 4-0 އިން މޮޅުވެފަ އެވެ.
ސްޕެއިނުގެ ގަވާއިދު ބުނާގޮތުން ދާއިމީ ކޯޗަކު 15 ދުވަސް ތެރޭ ހަމަޖައްސަން ޖެހެ އެވެ. ރެއާލުން އަންނަނީ އާ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ގެންނަން މަސައްކަތްކުރުަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިހާތަަނަށް އަދި އެ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާތީ ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ އަލުން ޒިދާން ގެނައުމަށް މަސައްކަތް ކޮށްފަ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޒިދާން ރެއާލުގެ ހުށަހެޅުމަށް ނޫނެކޭ ބުނީ އާ ޓީމަކާ އެކު ކޯޗިން ކެރިއަރު ކުރިއަށް ގެންދަން ބޭނުންވާތީ އެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗަކަށް ވުމުގެ ޝައުގުވެރިކަން ޒިދާން ގެންގުޅެ އެވެ. އެކަމަކު ދާދި ފަހުން ޒިދާން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ބެލެވޭގޮތުގައި ޒިދާން މިހާރު އަމާޒުހިފާފައިވަނީ ޔުވެންޓަސްގެ ކޯޗުކަމަށެވެ. މި ސީޒަނުގައި ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވިއްޖެނަމަ އެ ޓީމުގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ މަގާމުން ދުރުކުރާނެ އެވެ.
ރަަފައެލް ބެނިޓޭޒް މަގާމުން ދުުރުކުރުމަށް ފަހު ޒިދާނާ ރެއާލްގެ ކޯޗުކަން ހަވާލުކުރީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ރެއާލް ގޮވައިގެން ޒިދާން މިދިޔަ ތިން އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އޭނާ ވެފައިވަނީ މިކަން ހާސިލްކުރި ފުރަތަމަ ކޯޗަށެވެ.
ރެއާލުގެ ބޯޑުން ނިންމާފައިވަނީ އާ ކޯޗެއް ގެންނަން ކުރާ މަސައްކަތަށް ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސް ތެރޭ ކުރިއެރުމެއް ނުލިބޭނަމަ ސޮލާރީ އަށް ދާއިމީ އެއްބަސްވުމެއް ދޭށެވެ. ސޮލާރީ ވަނީ އެ ޓީމުގެ ދާއިމީ ކޯޗަކަށް ވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ.