02 ނޮވެމްބަރ 2018 - 14:14

ކޮލަމްބޯ (ނޮވެމްބަރު 2) - ސްރީ ލަންކާ ޕާލަމެންޓުގެ އަޣުލަބިއްތު އޮތީ އެމަނިކުފާނަށްކަން ސާބިތު ކޮށްދޭނެ ކަމަށް މަގާމުން ދުރުކުރި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ރަނިލް މަގާމުން ދުރުކުރުމަށް ފަހު ޕާލަމެންޓް ސަސްޕެންޑް ކުރި ނަމަވެސް ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އަންނަ ހޯމަ ދުވަހު ޕާލަމެންޓުގެ ޖަލްސާތައް ބާއްވަން އެއްބަސްވެވަޑައިގެންފަ އެވެ.
ބީބީސީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރަނިލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި ބޮޑު ވަޒީރުގެ ގެއިން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަނީ އެހެންވެ ކަމަށެވެ.
"ލަންކާގެ ބޮޑު ވަޒީރަކީ އަދިވެސް އަޅުގަނޑު. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތީ އަޅުގަނޑަށް. އެކަން ސާބިތު ކޮށްދޭނަން،" ރަނިލް ވިދާޅުވި އެވެ.
ލަންކާގައި 2015 ވަނަ އަހަރު ބޭއްވި އިންތިޚާބަށް ފަހު ބޮޑު ވަޒީރުކަން ލިބިވަޑައިގަތުމުން ރަނިލް ވަނީ ބޮޑު ވަޒީރު މަގާމުން ދުރުކުރުމަށް ރައީސް އަށް ލިބިގެންވާ ބާރު އިސްލާހުކޮށް އެއީ ޕާލަމެންޓަށް ލިބިގެންވާ ހައްގެއް ކަމަށް ހަމަޖައްސައިފަ އެވެ.
ބައެއް މެންބަރުން މިހާރު ވެސް ޕާޓީ ބަދަލު ކުރުމުން 225 މެންބަރުން ހިމެނޭ ޕާލަމެންޓުގައި ރަނިލްގެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބީ 104 އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީގެ 99 މެންބަރުންނެވެ. ބާކީ ތިބި 22 މެންބަރުން ވެސް ވަކި ކޮޅެއް ނަގާނެ ކަމަށް ބެލެވެ އެވެ.