25 އޯގަސްޓް 2016 - 06:31

އިޓަލީގެ ލަގްޒަރީ ފެޝަން ބްރޭންޑް ޕްރާޑާއިން ދެ ޖިންސަށް އަމާޒުކޮށްގެން ދެ ވައްތަރެއްގެ ސެންޓެއް ތައާރަފު ކޮށްފި އެވެ. ފިރިހެނުންނާއި އަންހެނުންނަށް ހާއްސަ ދެ ސެންޓު ކަމަށްވާ "ލަ ފަމް" އާއި "ލޯމް" އަކީ ތަފާތު ދެ ވަހެއް ހުންނަ ސެންޓަކަށް ވިޔަސް މި ދެ ސެންޓުގައި ގުޅުމެއް ހުންނާނެ އެވެ.

"ލަ ފަމް" ގައި ޓިއުބްރޯޒް، އައިރިސް، ފްރަންގިޕަނީ ފަދަ މާމެލާމެލީގެ ވަސްތަކާއި މާމުއި އަދި ވެނީލާގެ މީރުވަސް ވެސް ހިމެނެ އެވެ. "ލޯމް" އަކީ ވަރަށް ފިރިހެންވަންތަ ހިތްގައިމު ވަސްތަކެއް އެކުލެވިގެންވާ ސެންޓެކެވެ. ސެޑާ، ޕަޗޫލީ، އަސޭ މިރުސް އަދި ވައިލެޓް ފަދަ ނޯޓުތައް ލޯމްގައި ހިމެނެ އެވެ.

ޕްރާޑާގެ ޑިޒައިނާ މިއުއްޗިއާ ޕްރާޑާ ބުނެފައިވާ ގޮތުގައި، ސެންޓެއް އުފައްދާ ލޯންޗުކުރަން ތައްޔާރުވާއިރު އޭނާ އެންމެ ކަންބޮޑުވާ އެއްކަމަކީ އެ ސެންޓެއް އިސްތިހާރު ކުރާ ގޮތެވެ. އިސްތިހާރެއްގައި ސެންޓުފުޅިއެއް ދެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިއުއްުޗިއާ ބުނެފައިވެ އެވެ.
ސެންޓަކީ ފެޝަން ފަދައިން އެކި މޫސުމަށާއި މުނާސަބަތުތަކަށް ބަދަލުކޮށްލެވޭ އެއްޗެއް ނޫނެވެ. ސެންޓެއްގެ ސިފަތަކާއި ވަސްތައް ދޭހަވާ ގޮތަށް އިސްތިހާރެއް ހެދުމަކީ އުނދަގޫ ކަމަކެވެ.
ނަމަވެސް، މިއުއްޗިއާގެ އެންމެ ފަހުގެ ސެންޓަކީ އެކި މީހުންގެ ތަފާތު ސިފަތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ސެންޓަކަށްވުމުން އިސްތިހާރެއް ގޮތަށް ދައްކާލަން ފަސޭހަވި އެވެ. ލަ ފަމް އާއި ލޯމް އިސްތިހާރުގައި ފެނިގެންދާނީ މަޝްހޫރު ހަތަރު ތަރިންނެވެ. އެލިސް އިން ވޮންޑަލޭންޑްގެ މިއާ ވަސިކައުސްކާ އަދި މިއާ ގޮތު ލަ ފަމްގެ އިސްތިހާރުތަކުން ފެނިގެންދާނެ އެވެ. އަންސެލް އެލްގޮޓް އަދި ޑޭން ޑިހާން ފިރިހެނުންގެ ސެންޓު ލޯމްގައި ފެންނާނެ އެވެ.