01 ނޮވެމްބަރ 2018 - 14:30

ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ތާއީދުކުރައްވަންތޯ އެހުުމުން ވިދާޅުވީ އެ ވާހަކަ ދައްކަވާނީ ޕާޓީތަކުގެ ވެރިކަން ކަމަށް. ޕްރެސް ކޮންފަރެންސް ނިންމާލައިފި

އެކަމާ ގުޅުވައިގެން ވިދާޅުވީ އެދިގެން ތިބީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް އައުމަށް ކަމަށާއި ރައީސް ޔާމީނަށް ނާކާމިޔާބުވީ އަމިއްލަފުޅަށް ކުރެއްވި ކަންކަމުގެ ސަބަބުން ކަމަށް. ސުުވާލަށް ސީދާ ޖަވާބެއް ނުދެއްވާ.

ބޭރު މީހުންނަށް ބިން ވިއްކުމާއި މިލްކު ކުރުމަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ ބެހޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެމްޑީޕީ ތެރޭ އެ ފިކުރު އޮންނަ ކަމަށާއި އެކަން އެއްކޮށް ފޮހެނުލެވޭތީ ނެރުނީ ފްރީ ލައިން ވިޕެއް ކަމަށް

ޕީޕީއެމް އޮތީ ކޯލިޝަނާ އެކީ. ވާދަވެރި ޕާޓީއަކަށް މިހާރު އޮތީ އެމްޑީއޭ އެކަނި.

ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ތެރޭގައި މިހާރު ތިއްބެވި ބައެއް މެންބަރުންނަށް އަދި އެ ފަދަ މެންބަރުންނަށް ދެން ރައްޔިތުން ޖާގަ ދޭނެހެން ހިއެއް ނުވޭ. ޕީޕީއެމް އަކީ ރައީސް ޔާމީންގެ ޕާޓީއެއް ނޫން.

މަޖިލީހުން ޕީޕީއެމްގެ މެންބަރުން އެއްބާރުލުން ދޭނެ ކަމަށް އުންމީދެއް ނުކުރަން. އެކަމަކު އެފަދަ ކަންކަމާ ކުރިމަތިލާނީ ހިކުމަތްތެރިކަމާ އެކު. ވާދަވެރިކަން ނޯންނާނެ ކަމަކަށް ނުދެކެން.

ކޯލިޝަން ދެމެހެއްޓުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. ރައީސް އިބޫ އަކީ ކޮންމެ މީހަކާ ވެސް ވާހަކަ ދެއްކެވޭނެ ބޭފުޅެއް. ހުރިހާ ސިޔާސީ ލީޑަރުންނާއި އާންމު މެންބަރުންނާއި ރައްޔިތުންނަށް ވެސް މަޝްވަރާކޮށް ހިޔާލު ފާޅުކުރެވޭނެ. އެހެންވެ ކޯލިޝަން ކާމިޔާބުވާނެ ކަމަށް ވިދާޅުވި

އަޅުގަނޑުމެން ދެކޭ ގޮތުގައި މީޑިއާ ބައްޓަންކުރާނީ "މީޑިއާ" އިން. މީޑިއާތަކުގެ ހަމަަތަކާއި އުސޫލު ކަނޑައަޅާނީ ނޫސްވެރިން އަމިއްލަ އަށް.

ރިޔާސީ ނިޒާމެއްގައި ދައުރުގެ މެދުތެރެއިން އިންތިހާބެއް ނުބޭއްވޭނެ. އެހެންވެ ވިދާޅުވީ ދައުރުގެ މެދުތެރެއިން އިންތިހާބެއް ނޯންނާނެ ކަމަށް

ރައީސް ޔާމީނާ އެއްވެސް މަޝްވަރާއެއް ނުކުރަން. ދައުވާކުރަން އެކަށީގެންވާ ވަރަށް ރައީސް ޔާމީނާ ދެކޮޅަށް ހެކި އެބަހުރި. އެއީ ތަހުގީގުކޮށް ބަލަންޖެހޭ ތުހުމަތުތައް ކަމަށް ވިދާޅުވި. އަޅުގަނޑު ތާއީދުކުރާ ސަރުކާރެއްގައި ޝަރީއަތްތައް ހިނގާނީ އިސްލާމް ދީނުގެ މަތިވެރި އުސޫލާ އެއްގޮތަށް، ހާމަކަން ބޮޑުކޮށް.

ނަޝީދު ވިދާޅުވީ އިބޫ، ގާސިމް، މައުމޫން އަދި އިމްރާން ވެސް ބާކީވާނެ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ދެބަސްވާ ކޮންމެ ފަހަރަކު އެ މީހަކު ގެންގޮސް ޖަލަށް ލުމަކީ ހައްލެއް ނޫން ކަމަށް. ކޯލިޝަން ދެމެހެއްޓޭނެ ކަމަށާއި ކުރިން ކުރަން ޖެހުނު ތަޖުރިބާ ކުރަން ޖާގަ ނެތް ކަމަށް ވިދާޅުވި

"ވީހާލެއްގައިވާން" ހުކުމް ތަންފީޒުނުކޮށް ފިއްލެވީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ، ރާއްޖެ ވަޑައިނުގެން ހުންނެވީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތަށް ކަމަށާއި އެކަން ވެއްޖެ ކަމަށް

އަބަދުވެސް އަޅުގަނޑަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ މީހެއް. އަޅުގަނޑު ޖާގައެއް ނުދޭނަން ދެބައޮޑުވާކަން. އެއްވެސް ކަމެއް އިބޫއާ ވާހަކަ ދައްކައިގެން ނޫނީ ނުކުރާނަން. ރަހުމަތްތެރިކަން ގެއްލޭ ކަމަކަށް ޖާގައެއް ނުދޭނަން. ކުރާ ކަމެއް ކުރާނީ ފާޅުގައި، އިބޫއާ މަޝްވަރާކޮށްގެން

ބޭސްފަރުވާކުރުމުގެ ނަމުގައި ނޫނީ ޖަލުން ނެރެން ރައީސް ޔާމީން އެއްބަސްވެ ވަޑައިނުގަތީ. ރައީސް ޔާމީން އެކަން ކުރެއްވީ މަޖުބޫރުވެގެން. ބޭސްފަރުވާގެ ނަމުގައި ގިނަ ދޮގު ހެދީ ކާކުތޯ އެއްސެވި

އިބޫގެ ސަރުކާރުގައި ކޮންމެހެން މަގާމެއްގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވި. ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަފާނެތޯ ސުވާލު ކުރުމުން ވިދާޅުވީ ކަންކަން އަދި މުޅިން ނުނިންމަވާ ކަމަށް.

ކުރިއަށް އޮތް ތަނުގައި ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އިބޫގެ ސަރުކާރުގައި ފެންނާނީ ވެސް މިހާރު ވެސް މި ފެންނަ ގޮތަށް ކަމަށް. ސިޔާސީ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި.

ހުދުމުހުތާރު ވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެއްޖެ. ނޫސްވެރިކަން ބިރެއް ނެތި ކުރި މަސައްކަތަށް ތައުރީފު ހައްގު. ހަމައެކަނި އެމްޑީޕީ އަށް ތާއީދުކުރާ ނޫސްވެރިންނެއް ނޫން، މަސައްކަތުގައި ދެމި ތިބި ހުރިހާ ނޫސްވެރިންނަށް ވެސް ޝުކުރު ދަންނަވަން

ރާއްޖޭގެ ދަރަނި މި ވަނީ ވަރަށް ބޮޑުވެފައި. މައުލޫމާތު ލިބޭ ގޮތުގައި ޗައިނާ އަށް އެކަނި ތިން ބިލިއަން ޑޮލަރު ވަނީ ދަރާފައި. އެ ދަރަނި ރައްޔތުން އުފުލަން ޖެހުމަކީ ވަރަށް ބޮޑު ބުރައެއް. އިބޫގެ ސަރުކާރެއްގައި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރާނީ އެ ދަރަނި އަދާކޮށް ހަމަ އެކާ އެކު ތަރައްގީ ގެންނަންނަ

އިބޫގެ ވެރިކަމުގައި ޕާޓީތަކަށް އެއްބަސްވެވިފައިވާ ގޮތަށް، އެ ސަރުކާރުގައި ގާބިލްކަން ބޮޑުވާނެ.

ސިޔާސީ ހަމަނުޖެހުމުގެ ގެއްލުން ވަނީ ރައްޔިތުންނަށް. ސިޔާސީ ޕާޓީތައް ހިންގަނީ ގައުމަށް ހަމަޖެހުން ގެނެސް ތަރައްގީ ހޯދައިދޭން. އަޅުގަނޑުމެންގެ އަމާޒަކީ މިއީ

އަޅުގަނޑު ގަސްތުކުރަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ހުންނަން. އަޅުގަނޑުގެ މައިގަނޑު އަމާޒަކަށް ވާނީ އިބޫގެ ސަރުކާރު ދަމަހައްޓައި، ގައުމުގެ ސިޔާސީ ހަމަޖެހުން ހިފަހައްޓަން
ރައީސް ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
ކުޑައިރުކޮޅެއް ފަހުން ޕްރެސް ކޮންފަރެންސެއް އޮންނާނެ
ވާހަކަ ނިންމަވާލެއްވީ ހަރު އަޑުން، ރައީސް އިބޫ، ރައީސް އިބޫ ވިދާޅުވެ އަޑު އުފުއްލަވަމުން.
ދިވެހިރާއްޖެއަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގާ ނަމޫނާ ގައުމަކަށް ވާނެ.
މި ރާއްޖެ ދެން ހުދުމުހުތާރު ވެރިކަމަކަށް ދާން ޖާގަ ދީގެން ނުވާނެ.
ތަރައްގީ އަކީ ތިޔަ ބޭފުޅުންގެ ޖީބަށް ވަންނަ އެއްޗެއް. ތަރައްގީ ހޯދައިދޭން އަމާނާތްތެރިކަމާ އެކު މަސައްކަތްކުރާނަން
ތިޔަ އުންމީދުކުރާ ފަދަ ދިވެހިރާއްޖެއެއް އިރާދަކުރެއްވިއްޔާ ހޯދައިދޭނަން. ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނަން.
-- ސަޕޯޓަރުން ދަނީ ހަރު އަޑުން "އަންނި" އޭ ގޮވަނީ --
އަޅުގަނޑުގެ ވާޖިބަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަށް، ވަރުބައްޔެއް ވެސް ނުވާނެ. ހެޔޮ ވެރިކަމެއް ކޮށްދޭނަން
ހުރިހާ ލީޑަރުން މި ވަނީ ރައްޔިތުންނަށް ދަރާފައި، ކޮންމެ ރައްޔިތަކަށް ފްލެޓަކަށް ދަރައިފަ. އަޅުގަނޑަކީ ފްލެޓް ދޮންބެ.
23 ސެޕްޓެމްބަރުގައި ތިޔަ ދައްކައިިިދިނީ ދިވެހިން އެދޭ ގޮތް. ވައްކަން ކަމުނުދާކަން ދައްކައިފި. ހުދުމުހުތާރުކަމާއި ބާރުވެރިކަމާއި އަނިޔާވެރިކަމަކީ އެދޭ ކަމެއް ނޫންކަން މުޅި ދުނިޔެއަށް ދައްކައިފި. ދިވެހިން ދެއްކީ އިސްލާމީ ރިވެތި ޑިމޮކްރަސީއެއް ބޭނުންވާކަން
ރިޔާސި އިންތިހާބުގައި ދިވެހިން ދެއްކީ ދުނިޔެއަށް ނަމޫނާއެއް. ދިވެހިންނަކީ އުންމީދު ނަގާލާ ބައެއް ނޫންކަން ދައްކައިފި
ތިޔަ ބޭފުޅުންނަކީ މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވި ބޭފުޅުން، ވަރަށް ބޮޑަށް ޝުކުރިއްޔާ
ރައީސް ނަޝީދު ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ
ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އިމްރާން ވެސް ވަޑައިގެން އެބަހުންނެވި. ބަންދުގައި ހުންނެވި އިމްރާން ސުޕްރީމް ކޯޓުން ދޫކޮށްލީ މިއަދު މެންދުރު ފަހު
އާޓިފިޝަލް ބީޗް ސަރަހައްދަށް ވަޑައިގަތުމަށް ފަހު އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާ ނަޝީދު އެބަ ސަލާމް ކުރައްވާ. ހަރުގެ ކުރިމަތީގައި މީހުން އޮތީ ފުރި ތޮއްޖެހިފައި.
ރައީސް ނަޝީދު އާޓިފިޝަލް ބީޗް ސަރަހައްދަށް ވަޑައިގެންފި. އެ ސަރަހައްދުގައި ލަވަ ޖަހަން ފެށުމާ އެކު އެތައް ބަޔަކު ފޯރި ނަގަން ފަށައިފި
ނަޝީދު ވަޑައިގަތް މަގުމަތީގައި އެކި ހިސާބުން ވައިގެ ތެރެއަށް ކުދި ކަރުދާސްތައް ދޫކޮށްލާ. އަދި އެމްޑީޕީގެ ދިދަ ހިފައިގެން އެތައް ބަޔަކު އެބަތިބި.
އެއް ނަންބަރު ފާލަމުން ފެށިގެން ޗާންދަނީ މަގުން އަދި މަޖީދީ މަގުން ސަޕޯޓަރުންނާ އެކު ނަޝީދު ހިންގަވާފައި ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ފަހަތުން ވެސް ވަރަށް ގިނަ ސަޕޯޓަރުން ހިނގާފައި އައި. އަދި މަގުގެ ދެ އަރިމަތީގައި ވަރަށް ގިނަ ސަޕޯޓަރުން މަރުހަބާގެ ބެނާތައް ހިފައިގެން ތިބި. "މިއީ ހިތާއި ހިތުގެ ގުޅުމެއް" ކަމަށް ބުނެ ޖަހާފައިވާ ރީނދޫ ޓީޝާޓްތައް ލައިގެން ތިބި މީހުންގެ އިތުރުން އާންމު އެތައް ބަޔަކު ވެސް މަރުހަބާ ކިޔަމުންދޭ.
ނަޝީދު މަގުތަކުން ހިންގަވާފައި ވަޑައިގެންނެވީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ އާ އެކު. އަރިހުގައި އިންތިހާބީ ރައީސް އިބޫ އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިއްބެވި.
ސިޔާސީ ލީޑަރުންނާ އެކު ނަޝީދު ހިންގަވާފައި ވަޑައިގަންނަވާނީ އެމްޑީޕީގެ ހަރުގެ ސަރަހައްދަށް. އެ ސަރަހައްދަށް ވަޑައިގެން ނަޝީދު އާންމުންނާ ވާހަކަފުޅު ދައްކަވާނެ. އޭގެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް އެބައޮތް
ބޭސް ފަރުވާ އަށް ރާއްޖެ ވަޑައިގަތުމަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ މި ވަޑައިގަތީ ދެ އަހަރަށް ފަހު. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާ އެކު މާލެ އިން މަރުހަބާ ކިޔަން އެއްވެ ތިބީ، މީގެ ކުރިން ސިޔާސީ ލީޑަރަކަށް މަރުހަބާ ދެންނެވުމަށް ދުވަހަކު ވެސް ނުކިޔާ ފަދަ ހޫނު މަރުހަބާއެއް. އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ޖަމާވެފައި.
ނަޝީދަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ތިބި މީހުން އެ ދާއިރާތައް އެނގޭނެހެން، މަރުހަބާގެ ލިޔުންތައް ހިފައިގެން މަޖީދީ މަގުގެ އެކި ހިސާބުތަކުގައި އެބަތިބި.
މަގު ފުރި ބާރުވެފައި ވާއިރު އިމާރާތްތަކުގެ ބެލްކަނީންނާއި ޓެރަސްތަކަށް ވެސް މީހުން ނިކުމެ އެބަ ތިބި.
ޗާންދަނީ މަގުން ވަޑައިގެން މަޖީދީ މަގަށް ނިކުމެވަޑައިގަންނަވަނީ. ދެން ވަޑައިގަންނަވާނީ މަޖީދީމަގުން ހެންވޭރު އާޓިފިޝަލް ބީޗާ ދިމާލަށް
ނަޝީދާ އެކު ސަޕޯޓަރުން ވެސް ޗާންދަނީމަގުން ހިނގާފައި ދަނީ. ޗާންދަނީ މަގު ވަނީ ތޮއްޖެހިފައި
މުޅި ހިސާބުން އިވެނީ ނަޝީދަށް މަރުހަބާ ކިޔައި، އުފާވެރިކަމުގެ ޝުއޫރުތައް ފާޅުކުރާ އަޑު
ނަޝީދާ އެކު، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅު ޕާޓީތަކުގެ އިސް ވެރިން ވެސް އެބަ ތިއްބެވި.
ޖުމްހޫރީ މައިދާނާއި ޗާންދަނީމަގުގެ ބޮޑު ބައެއް ވަނީ ފުރި ބާރުވެފައި.
ޗާންދަނީ މަގާއި މަޖީދީ މަގުގެ އެކި ހިސާބުތަކުގައި، ރާއްޖޭގެ އެކި ދާއިރާތަކުގެ ސަޕޯޓަރުން އެއްވެ ތިބުމަށް އިންތިޒާމް ހަމަޖައްސާފައި ވާއިރު އެ ސަޕޯޓަރުންނާ ނަޝީދު ބައްދަލުކުރައްވާނެ.
ޗާންދަނީ މަގުުގެ އެކި ހިސާބުގައި ވެސް މީހުން ޖަމާވެ އެބަ ތިބި.
ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިބި އިރު ނަޝީދު ގެންދަވަނީ ސަޕޯޓަރުންނާ ސަލާންކުރައްވަމުން. މުޅި ސަރަހައްދު ވަނީ ފުރި ބާރުވެފައި
ކުރީގެ ރައީސް ނަޝީދު މާލެ އަށް ފައިބައިވަޑައިގަންނަވައިފި. ސަޕޯޓަރުންގެ ހޫނު މަރުހަބާއެއް!
ނަޝީދު ދަތުރުކުރައްވާ ލޯންޗުކޮޅު މާލޭ ފަޅަށް ވަދެއްޖެ.
ނަޝީދު ދަތުރުކުރައްވާ ލޯންޗުކޮޅާ އެކު އުޅަނދުތައް މަޑުމަޑުން ދުއްވާފައި މާލެ އަށް އަންނަނީ
އެއާޕޯޓުން މާލެ އަށް ވަޑައިގަތުމަށް ކަނޑުމަގުން ނަޝީދު ދަތުރު ފައްޓަވައިފި. މަސްދޯންޏާއި ލޯންޗާއި ޖެޓްސްކީ އަދި ވިންޑް ސާފްގައި ވެސް މަރުހަބާ ކިޔުމުގެ ހަރަކާތްތައް ކަނޑުމަތީގައި ކުރިއަށް އެބަ ދޭ.
ނަޝީދަށް މަރުހަބާ ކިޔުމަށް ޗާންދަނީމަގަށް މީހުން އަންނަނީ ޖަމާވަމުން.
ނަޝީދަށް މަރުހަބާ ކިޔުމަށް ފާލަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އެބަތިބި.
ސަޕޯޓަރުން ތިބީ އެމްޑީޕީގެ ދިދަ އާއި ބެނާތައް ހިފައިގެން. ނަޝީދު ގެންދަވަނީ ސަޕޯޓަރުންނާ ސަލާންކުރައްވައި އެކުގައި ފޮޓޯ ނަންގަވަމުން
ވީއައަޕީ ލައުންޖުން ނިކުމެވަޑައިގެންނެވި އިރު އެތަނުގެ ބޭރު ވަނީ ފުރި ބާރުވެފައި.
އިންތިހާބީ ރައީސް އިބޫ: މިއީ ވަރަށް އުފާވެރި ދުވަހެއް. މިއަދު އަނެއްކާވެސް އެތައް ބައެއްގެ ބުރަ މަސައްކަތުން އެނގުނީ އުންމީދު އަދިވެސް ގެއްލިގެން ނުދާކަން. ކޮންމެ މީހެއްގެ މޫނުމަތިން މިއަދު ފެންނަނީ އުޖާލާކަން، އެ ތަސައްވުރު
ނަޝީދަށް މަރުހަބާ ދެންނެވުމަށް މާލޭގައި، އިއްޒުއްދީން ފާލަން ދޮށަށް ވެސް މީހުން ވަނީ އެއްވެފައި.
ވީއައައިޕީ ލައުންޖްގައި ގިނަ އަދަދެއްގެ މީހުން އެބަތިބި. ނަޝީދު ގެންދަވަނީ އެ ބޭފުޅުންނާ ސަލާންކުރައްވަމުން. ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަނީ އާދަޔާ ޚިލާފު އުފާވެރިކަމެއް
ކަނޑުމަތިން އޮޑިދޯނިފަހަރާއި ޖެޓްސްކީ ގައި ވެސް ދިދަ ދަމައި ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ވަނީ ތައްޔާރުވެފައި.
އިދިކޮޅު ބައެއް ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސް ވެރިން ވީއައިޕީން ނަޝީދަަށް މަރުހަބާ ދެންނެވި. މާލެ ވަޑައިގަތުމަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި ދަތުރު ފައްޓަވާނެ
އިބޫ އާއި ނަަޝީދު ވީއައިޕީ އަށް ވަޑައިގެން އެތަނުގައި ތިއްބެވި ބޭފުޅުންނާ ގެންދަވަނީ ސަލާމްކުރައްވަމުން
ނަޝީދަށް ފުރަތަމަ މަރުހަބާ ވިދާޅުވީ މަންމާފުޅު އާބިދާ މުހައްމަދު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރީގައި ހުންނަވައިގެން ރައީސް ނަޝީދު ބޯޓުން ފައިބައި ވަޑައިގަންނަވައިި
ރައީސް ނަޝީދަށް މަރުހަބާ ކިޔުމަށް ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާލެ އަށް އައިސްފައި.
ނަޝީދަށް މަރުހަބާ ދެންނެވުމަށް ކަނޑުމަތީގައި ވެސް ހަރަކާތްތައް ކުރިއަށް ގެންދާނެ
ނަޝީދުގެ ދެކަނބަލުން ދަތުރުކުރައްވާ ސްރީލަންކަން އެއާލައިންސްގެ މަތިންދާބޯޓު ދެންމެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި. ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީ އާއި އެހެން ޕާޓީތަކުގެ އިސް ބޭފުޅުންނާއި އާންމުންގެ އެތައް ބަޔަކު ވަނީ ޖަމާވެފައި.
ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަަޅައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާތާ ތިން އަހަރަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ މާލެ ވަޑައިގެންފި އެވެ.