14 އޯގަސްޓް 2016 - 06:35

ގޫގުލް އިން އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއްކޮށްލަން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލުން އެއްޗެއް ނުބުނި ނަމަވެސް، އެކަހަލަ ކުލަވަރުތަކެއް އަންނަނީ ފެންނަމުންނެވެ.
ގޫގުލުން މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެވެން ފަށައިފި އެވެ. ނަމަކީ "ފިއުޝާ" އެވެ. ބޭނުމެއް ކަމަށް ބުނެވެނީ، އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއްކޮށްލުމެވެ. ކްރޯމް އޯއެސްގައި އެންޑްރޮއިޑް އެޕްލިކޭޝަންތައް ބޭނުންކުރެވޭ ގޮތް ވެސް ގޫގުލުން ވަނީ ހަދާފަ އެވެ. އެ ކަމަށްޓަކައި ކްރޯމްބުކްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
އެންޑްރޮއިޑާއި ކްރޯމް އޯއެސް އެއް ކުޑައެއް ދަށުގައި ވަކިވަކިން ހިންގުމަށް ވުރެ އެކައްޗެއް ގޮތަށް ބަދަލުކުރުމުން އަންނާނެ ކުރިއެރުންތައް ގިނަ ކަމަށް ބުނެވެ އެވެ. އެ ގޮތުގައި ސްކްރީން ސައިޒް ތަފާތު ޑިވައިސްތައް ހިންގުމަށް ފިއުޝާ އަށް ބުރަކަމަކަށް ނުވާނެ ކަމަށް ވެސް ބުނެވެ އެވެ.
އެންޑްރޮއިޑް އަދި ކްރޯމް އޯއެސް އަށް ނުކުޅަދާނަ ކިތަންމެ މަސައްކަތެއް ފިއުޝާ އަށް ކުޅަދާނަ ކަމަށް ބުނެވެ އެވެ. އެ ގޮތުގައި ކޮމްޕިއުޓަރު، ސްމާޓްފޯން، ތާމޯސްޓެޓް އަދި ސްމާޓް ގަޑި ފަދަ ސްކްރީން ސައިޒު ތަފާތު ޑިވައިސްތައް ފިއުޝާއިން ފަސޭހަކަމާ އެކު ހިންގޭނެ ކަމަށް ބުނެވެ އެވެ.