02 ނޮވެމްބަރ 2018 - 07:29

މެޑްރިޑް (ނޮވެމްބަރު 1) - ޔުއެފާގެ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާ ޕީއެސްޖީން ހިލާފުވެފައިވާނަމަ އެ ޓީމު ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތް ހަދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

އެފްއެފްޕީގެ ގަވާއިދު ބުނާގޮތުން ކްލަބަކުން އެ އަހަރެއްގެ ތެރޭގައި ހޯދާ އާމްދަނީ އަށް ވުރެ ބޮޑު ހަރަދުތަކެއް ނުކުރެވޭނެ އެވެ. އަދި ކުރެވުނަސް އެކަން ކުރެވޭނީ ފާއިތުވި ތިން ސީޒަނުގައި ކްލަބްގެ ދަރަނި 30 މިލިއަން ޔޫރޯ އަށް ވުރެ ބޮޑުނުވާނަަމަ އެވެ.
ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާގެ ތަރި ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފަ އެވެ. އަދި އެ ފަހަރު މޮނާކޯ އަށް ކުޅޭ ފްރާންސްގެ އުއްމީދީ ތަރި ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެނައީ އެއްބަސްވުން ދާއިމީ ކުރާނަމަ 180 މިލިއަން ޔޫރޯ ދައްކާގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭގެ ޓްރާންސްފާ ފީގެ 40 އިންސައްތަ މިހާރު ޕީއެސްޖީން ވަނީ މޮނާކޯ އަށް ދީފަ އެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ޝަކުވާ ބޮޑުވެ ޔުއެފާ އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ތެރޭ ޕީއެސްޖީގެ މައްސަލަ އަލުން ބަލަން ފަށައިފަ އެވެ.
ޓެބާސް ވިދާޅުވީ ޕީއެސްޖީން ގަވާއިދާ ހިލާފުވެފައިވާނަމަ ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމު ވަކިކުރަން ޖެހޭނެ ކަމަށެވެ.
"ފައިނޭންޝިއަލް ފެއާޕްލޭ ބުނާގޮތުން އެއްވެސް ޓީމަކަށް ބަޖެޓު ތެރެއިން މަކަރެއް ނެހެދޭނެ. މަކަރު ހަދައިފިނަމަ މުބާރާތްތަކުން ބޭރުކުރަން ޖެހޭނެ. ޕީއެސްޖީން އެގޮތަށް އެކަން ކޮށްފައިވާނަމަ އަހަރެމެން އެ މައްސަލަތައް ހުށަހަޅައިގެން ހައްގުވާ އަދަބުދޭން މަސައްކަތްކުރާނަން،" ޓެބާސް ވިދާޅުވި އެވެ.
ޔުއެފާ އިން މިހާރު ބަަލަމުން އަންނަ މައްސަލަ އަކީ ޕީއެސްޖީގެ ރައީސް ނާސިރު އެލްހެއްލާފީ މެދުވެރިވެގެން ގަތަރުގެ ގައުމީ ބޭންކާއި ޓޫރިޒަމް މިނިސްޓްރީން ޕީއެސްޖީ އަށް ހަރަދުކުރަމުން އަންނަ މައްސަލަ އެވެ. ޓެބާސް ވިދާޅުވީ އެ ތުހުމަތުތަކާ މެދު އެއްޗެއް ބުނާނީ ތަހުގީގުތައް ނިމި ޔުއެފާއިން ނެރޭ ބަޔާނަކަށް ބެލުމަށް ފަހު ކަމަށެވެ.
"އަހަރެން އެއްކޮށް ޔަގީނެއް ނުކުރަން. އެކަމަކު މި ހުރީ އިތުބާރާ އެކު. ތި ހުރިހާ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކާނީ މި މައްސަލަ އެއްކޮށް ނިމުމުން. އަހަރެން މި ވާހަކަ ދައްކަނީ މުޅި ޔޫރަޕްގެ ފުޓްބޯޅައިގެ ހައްގުގައި އެއީ ވިޔަފާރީގެ ވިސްނުމުގައި އުސޫލުން ބޭރުން ކަންތައްތައް ދާނަމަ މިއީ ފުޓްބޯޅައިގެ އަސްލު ބޭނުން އޮޅޭނެ ކަމެއް،" ޓެބާސް ވިދާޅުވި އެވެ.
"ޓީވީ ރައިޓްސްގެ އާމްދަނީ ބޮޑުވާތީ ފުޓްބޯޅަ ކުޅުންތެރިންގެ ޓްރާންސްފާ ފީ އާއި މުސާރަ ބޮޑުވުމަކީ ބަލައިގަނެވިދާނެ ކަމެއް. އެކަމަކު އިންފްލޭޝަން އަށް ވެސް ގޯސް އަަސަރުތައް ކުރާނެ ފުޓްބޯޅައިން ބޭރުން އަންނަ ފައިސާ މިކަމަށް ހަރަދުކުރަން ފެށީމަ. މިސާލަކަށް ގޭހާއި ތެޔޮ ވިޔަފާރިތަކުން އައީމަ."
ސްޕެނިޝް ލީގުން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 15 އަހަރު، ކޮންމެ ސީޒަނެއްގެ އެއް މެޗު އެމެރިކާގައި ކުޅެން ޖެހޭނެ އެވެ. އެހެންވެ ލީގުގައި ޖެނުއަރީ 26 ގައި ޖިރޯނާ އާއި ބާސެލޯނާ ކުޅޭ މެޗު އެމެރިކާގެ މަޔާމީގައި ބޭއްވުމުގެ ހުއްދައަށް ކަމާބެހޭ ފަރާތްތަކުގައި ވަނީ އެދިފަ އެވެ.
އެކަމަކު ސްޕެނިޝް ލީގުން އެމެރިކާގައި ބާއްވަން ރާވަމުން އަންނަ މެޗަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ ގައުމެއްގެ ލީގު ކުޅެން ޖެހޭނީ އަމިއްލަ ގައުމުގައި ކަމަށެވެ. އެއާ އެކު އެމެރިކާގައި ބާއްވަން އުޅޭ މެޗު ނުކުޅެވޭނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. އެކަމަކު އެކަން ނުކުރެވިއްޖެނަމަ ޓެބާސް ހުންނެވީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ކުރިއަށްދާ ގޮތަށެވެ.