02 ނޮވެމްބަރ 2018 - 07:35

ލެސްޓާ (ނޮވެމްބަރު 2) - މިދިޔަ ހޮނިހިރު ދުވަހު ހެލިކޮޕްޓަރެއް ވެއްޓި އަވަހާރަވި ލެސްޓާ ސިޓީގެ ވެރިޔާ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ކްލަބުގެ ޒިންމާތަކާ، އޭނާގެ ދޮށީ ދަރިފުޅު އައިޔާވަތު ސްރިވަދަނަޕްރަބާ ހަވާލުވެވަޑައިގެންފި އެވެ.

ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއީ ލެސްޓާ ސިޓީ ބައްލަވައިގަތީ 2010 ވަނަ އަހަރު 39 މިލިއަން ޕައުންޑަށެވެ. އެ ޓީމުން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ ކާމިޔާބީއާ އެކު ލެސްޓާ އަށް އެތައް ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބުނެވެ.
ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ 1-1 އިން އެއްވަރުވި މެޗަށް ފަހު ލެސްޓާގެ ވެރިޔާ ވިޗާއީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ސްޓޭޑިއަމް ކައިރިއަށް ވެއްޓުނު ހާދިސާގައި އޭނާ އަވަހާރަވިކަން އެ ކްލަބުން ހާމަކުރީ އެކަން ހިނގާދިޔަތާ އެތައް ގަޑިއިރެއްވީ ފަހުންނެވެ. ވިޗާއީގެ އިތުރުން އެ ހެލިކޮޕްޓަރުން ދަތުރުކުރި ހަތަރު މީހަކު ވެސް ވަނީ މަރުވެފަ އެވެ.
އެ ހަބަރާ ގުޅިގެން ލެސްޓާގެ ކުޅުންތެރިންނާއި، މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އޭނާ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.
ލީގުގައި ހޯމަ ދުވަހުގެރޭ މެންޗެސްޓާ ސިޓީން ޓޮޓެންހަމްގެ މައްޗަށް ކުރިހޯދި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ ކުރިން ލެސްޓާ އަށް ކުޅުނު އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ. އޭނާ ވަނީ އެ މެޗުގައި ޖެހި ގޯލު ވިޗާއި އަށް ހާއްސަކޮށްފަ އެވެ. މާރޭޒް ބުނީ ވިޗާއި އަކީ އޭނާގެ ބައްޕައެއް ފަދަ މީހެއް ކަމަށެވެ.
"އަހަރެންގެ ހިތުގެ އެންމެ އަޑިން އެންމެނަށް ޝުކުރު އަދާކުރަން. އަހަރެންގެ ބައްޕަ އަކީ ކިހާ މުހިއްމު މީހެއްކަން އިހުސާސް ކުރެވުނީ ތި އެންމެންގެ ލޯބިން. ތި އެންމެން އަހަރެންގެ ބައްޕަ އަށް ކުރާ އިހުތިރާމް ފެނިފައި އަހަރެން ފަހުރުވެރިވެއްޖެ. އަހަރެންގެ އަމާޒަކީ ލެސްޓާގައި ބައްޕަ ކުރި މަސައްކަތް ކުރިއަށްގެންދިއުން. ބައްޕަގެ ލެގަސީ ދިރުވުން،" ލެސްޓާގެ ވައިސް ޗެއާމަން އައިޔަވާތު ވިދާޅުވި އެވެ.
ލެސްޓާ އަކީ އާއިލާގެ ބައެއް ކަމަށާއި މި ކްލަބް ދެން އޮތް ހަރުފަތައް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ކްލަބްގެ ކޮންމެ މީހެއް ވެސް ބައްޕަ އަށް ލޯބި ދިން. އިހުތިރާމް ދިން. ބައްޕަގެ އެންމެ ފަހު ވަގުތުތައް ވެސް ފަހު ހަނދާންތައް ވެސް އޮންނާނީ މި ދަނޑާ ގުޅިފައި. އެހެންވީމަ އަހަރެމެން ބޭނުން ބައްޕަ މި ޓީމާ އެކު ކުރި މަސައްކަތް ކުރިއަށްދާން،" އައިޔަވާތު ވިދާޅުވި އެވެ.
ވިޗާއިގެ މަރާ ގުޅިގެން އިނގިރޭސި ލީގު ކަޕްގައި އަންގާރަ ދުވަހުގެ ރޭ ކުޅެން ހަމަޖެހިފައި އޮތް ލެސްޓާ އާއި ސައުތެމްޓަން ވާދަކުރާ ލީގު ކަޕް ހަތަރު ވަނަ ބުރުގެ މެޗު ވަނީ ފަހުގެ ތާރީހަކަށް ފަސްކުރެވިފަ އެވެ. އެކަމަކު މާދަމާ އިނގިރޭސި ޕްރިމިއާ ލީގުގައި ކާޑިފް ސިޓީއާ ދެކޮޅަށް ލެސްޓާ ކުޅޭ މެޗު ބާއްވާން އިނގިރޭސި އެފްއޭ އިން ވަނީ ނިންމައިފަ އެވެ.