01 ނޮވެމްބަރ 2018 - 12:04

ޖަކާޓާ (ނޮވެމްބަރު 1) - އިންޑޮނީޝިއާގެ ޖާވާ ކަނޑަށް ވެއްޓުނު ލަޔަން އެއާގެ މަތިންދާ ބޯޓުގެ ކަޅު ފޮށި ހޯދާފައިވާ ކަމަށް ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީން މިއަދު ބުނެފި އެވެ.
ބޯޓުގެ ކަޅު ފޮށި ފެނުމަކީ މުޅިން އާ ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދަން ތަހުގީގު ޓީމަށް ލިބޭނެ ބޮޑު އެހީތެރި ކަމެކެވެ. ކަޅު ފޮށީގައި ބޯޓުގެ ސްޕީޑާއި ދަތުރުކުރި އުސްމިނާއި ބޯޓު ދަތުރުކުރި މިސްރާބާއި ބޯޓުގެ ކްރޫން ދައްކާފައިވާ ވާހަކަތައް ރެކޯޑްވެފައި ހުންނާނެ އެވެ.
"ބޯޓުގެ އެއް ކަޅު ފޮށި ވަނީ ހޯދިފައި،" ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ވެރިޔާ ސޮއެޖަންޓޯ ޖަހަޖޮނޯ ވިދާޅުވި އެވެ.
ދާދި ފަހުން ބޭނުން ކުރަން ފެށި ބޯއިން 737 މެކްސް 8 ގެ ބޯޓު ޖާވާ ކަނޑަށް ވެއްޓުނީ މިދިޔަ ހޯމަ ދުވަހު ޖަކާޓާ އިން ފުރިތާ 13 މިނިޓް ފަހުންނެވެ. ބޯޓުން 189 މީހުން ދަތުރުކުރި އެވެ.
ބޯޓުގެ ކަޅު ފޮށީގެ ސިގްނަލް ލިބެން ފެށީ އިއްޔެ އެވެ. އެކަމަކު ކަޅު ފޮށި ނަގަން އިއްޔެ އުނދަގޫވެފައި ވަނީ ކަނޑު ގަދަވުމާއި އޮއިބާރުވުމުންނެވެ.
ބަރުދަނުގައި 7-10 ކިލޯ ހުންނަ ކަޅު ފޮށި ކަނޑުގެ 6،000 މީޓަރު (20،000 ފޫޓު) އަޑީގައި އޮތް ނަމަވެސް ގެއްލުމެއް ނުލިބޭނެ އެވެ. ކަޅު ފޮށި ހަދާފައި ވަނީ 1،100 ޑިގްރީ ސެލްސިއަސްގެ ގަދަ ހޫނުގައި އެއް ގަޑިއިރު އޮތަސް ހަލާކު ނުވާ ފަދަ ގޮތަކަށެވެ. ކަޅު ފޮށީގެ ސިގްނަލް މަސް ދުވަސް ވަންދެން ލިބޭނެ އެވެ.