ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރި ވުމަށް ހުޅުވާލައިފި
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގައި ބައިވެރި ވުމަށް ހުޅުވާލައިފި

ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވާހާ ހަމައަށް އޮންނާނެ ކަމަށެވެ.

ދިރާގުން ހަމަޖައްސާފައި ވަނީ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ވެސް 30 ކުއްޖަކަށް ޖާގަ ދޭށެވެ.

ޕްރޮގްރާމަށް ކުދިން ނެގުމުގެ އިންޓަވިއު ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރީޖަނަލް އޮފީސްތަކުގައި ވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮށް އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ އުފަލެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމަންޓް، ހިއުމަން ރީސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތަކުން ތަމްރީން ދެ އެވެ.

ބިޝާރާ ވިދާޅުވީ ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މާހައުލަށް ދިވެހި ޒުވާނުން އަހުލުވެރިކުރުވައި، ފަންނީ އަދި އަމަލީ ހުނަރު ދަސްކޮށްދީ، ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 2009 ގަ އެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 168 ޒުވާނުން ވަނީ ތަމްރީންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުންޏެވެ.