ރާކީ ސާވަންތު ދައުވާކުރަނީ ތަނުޝްރީ ދައްތާ އަތުން 25 ރުޕީސް ހޯދަން
ރާކީ ސާވަންތު ދައުވާކުރަނީ ތަނުޝްރީ ދައްތާ އަތުން 25 ރުޕީސް ހޯދަން

ތަނުޝްރީ ދައްތާއާ ބެހޭ ގޮތުން ރާކީ ސާވަންތު ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކައި އޭނާގެ އަބުރު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލެއްގެ ގޮތުން ރާކީގެ އަތުން 10 ކްރޯޑް ރުޕީސް ހޯދަން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ތަނުޝްރީގެ އަތުން 25 ރުޕީސް ހޯދަން ރައްދުގައި މައްސަލައެއް ހުށަހަޅައިފި އެވެ.

ބުދަ ދުވަހު ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ރާކީ ބުނެފައި ވަނީ އޭނާ ތަނުޝްރީ އަށް ދައުވާކުރާނީ ގެއްލުމުގެ ބަދަލަށް 50 ކްރޯޑް ރުޕީސް ނަގައި ދޭން އެދި ކަމަށެވެ.

ނަމަވެސް ތަނުޝްރީ "ހާލަތާ މެދު ހަމްދަރުދީވާ" ކަމަށް ބުނެ ރާކީ ކޯޓަށް މައްސަލަ ވެއްދީ ތަނުޝްރީގެ އަތުން 25 ރުޕީސް ހޯދުމަށެވެ. މަދަނީ މައްސަލައިގެ އިތުރުން ރާކީ ވަނީ ތަނުޝްރީގެ މައްޗަށް ޖިނާއީ ދައުވާ ވެސްކޮށްފަ އެވެ.

ނާނާ ޕަޓޭކަރްގެ ފަރާތުން 2008 ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ސެޓްގައި ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނެ، ތަނުޝްރީ ދެއްކި ވާހަކަތަކާ ގުޅިގެން، ރާކީ ވަނީ ނާނާގެ ދިފާއުގައި ނުކުމެ، ތަނުޝްރީގެ ބޮލުގައި ވަރަށް ގިނަ ތުހުމަތުތަކެއް އަޅުވައިފަ އެވެ.

އެގޮތުން ބޮލީވުޑުން މިހާރު މަސައްކަތެއް ނުލިބޭތީ ހަސަދަވެރިވެ، ދޮގު ވާހަކަތައް ދައްކައިގެން މީޑިއާގެ ސަމާލުކަން ހޯދަން ތަނުޝްރީ މަސައްކަތް ކުރަނީ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުންކޮށް، ހަލާކުވެފައި ހުރި މީހެއް ކަމަށް ވެސް ރާކީ ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން ރާކީގެ މައްޗަށް ތަނުޝްރީ ދައުވާ ކުމުރުން ރާކީ ފަހުން އަނެއްކާ ވެސް ނޫސްވެރިން އެއްކޮށްގެން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރީގެ ބަތަލާގެ މައްޗަށްކޮށްފަ އެވެ. އެގޮތުން މީގެ 12 އަހަރު ކުރިން ތަނުޝްރީ އޭނާ ރޭޕްކޮށްފައިވާ ކަމަށާއި ބޭރު ފުށުން އެއީ އަންހެނެއްގެ ގޮތުގައި ފެނުނަސް ތަނުޝްރީއަކީ އެތެރެއިން ފިރިހެނެއް ކަމަށް ރާކީ ބުންޏެވެ.

އޭނާގެ މި ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ޖޯކު ޖަހާފައިވާ އިރު، އޭނާ ބުނީ އަންހެނަކަށް އަންހެނަކު ރޭޕް ކުރެވިދާނެތޯ، ކޯޓަށް އޭނާ ހުށަހެޅި މައްސަލަ އިން ސާފުވެގެން ދާނެ ކަމަށެވެ. އަދި ޖިނާއީ ދައުވާ ތަނުޝްރީގެ މައްޗަށް ކުރަނީ ހެއްކާއި ގަރީނާ ހުރެގެން ކަމަށް ބުންޏެވެ.

ރާކީގެ މި ހުތުރު ތުހުމަތުތަކަށް ރައްދު ދެމުން ތަނުޝްރީ ވަނީ އެއީ ނުކިޔަވައި ހުރި ތަންދޮރު ނޭނގޭ، ބޮޑު ގަމާރެއް ކަމަށް ބުނެފަ އެވެ.