ކަންގަނާ ރަނާވަތަށް "މަނިކަރްނިކާ" ގެ ޑައިރެކްޓަރުގެ ކްރެޑިޓް ދޭން ނިންމައިފި
ކަންގަނާ ރަނާވަތަށް "މަނިކަރްނިކާ" ގެ ޑައިރެކްޓަރުގެ ކްރެޑިޓް ދޭން ނިންމައިފި

އަންނަ އަހަރު ރިލީޒް ކުރާ ތާރީހީ ފިލްމު "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ގެ ޑައިރެކްޓަރު ކްރިޝް އެހެން ޕްރޮޖެކްޓެއްގައި އުޅެން ޖެހި ފިލްމަށް ވަގުތު ދޭން ދަތިވުމުން، އެ ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓްކޮށް، ޑައިރެކްޓަރުގެ ޒިންމާ ނެގި ބަތަލާ ކަންގަނާ އަށް ފިލްމުގެ ޑައިރެކްޓަރެއްގެ ކްރެޑިޓް ވެސް ދޭން ނިންމައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ޖެނުއަރީ، 25 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ރިލީޒް ކުރި އިރު، މުޅި ފިލްމުގެ ޑައިރެކްޝަނުގެ ކްރެޑިޓް ކްރިޝް އަށް ދިން ނަމަވެސް، ފިލްމު ސިނަމާތަކަށް އަންނަ އިރު، އޭނާއާ އެކު ކަންގަނާ ޑައިރެކްޓަރުގެ ކްރެޑިޓްގައި ހިއްސާ ވާނެ ކަމަށެވެ.

އަދި މިގޮތަށް ނިންމާފައި ވަނީ "މަނިކަރްނިކާ" ގެނެސް ދޭ ޒީ ސްޓޫޑިއޯސްގެ ޕްރޮޑިއުސަރު ކަމަލް ޖެއިން އާއި ކަންގަނާ އަދި ފިލްމުގެ ޓީމް ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް ބުންޏެވެ.

ކަންގަނާ ވަނީ 45 ދުވަހުގެ ޝޫޓިން ޝެޑިއުލެއްގެ ތެރެއިން "މަނިކަރްނިކާ" ވަރަށް ގިނަ މަންޒަރުތަކެއް ޑައިރެކްޓްކޮށްފަ އެވެ. އަދި އޭނާ ކުރި މަސައްކަތަށް މުޅި ޓީމް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

އެހެންވެ ކަމަލްއާ ހަވާލާދީ މީޑިއާތަކުން ބުނީ ފިލްމުގެ ޑައިރެކްޓަރެއްގެ ކްރެޑިޓް ކަންގަނާ އަށް މާ ބޮޑަށް ވެސް ހައްގު ކަމަށެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ "މަނިކަރްނިކާ" ގެ މަންޒަރުތަކެއް އޭނާ ޑައިރެކްޓް ކުރަން ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން، ބައެއް ކާސްޓުން ފިލްމުން ވަކިވެފައިވާ ކަމެވެ. އޭގެ ތެރޭގައި ސޯނޫ ސޫދު ފާހަގަކޮށްލެވެ އެވެ.

"މަނިކަރްނިކާ" އަކީ "ބާހްބަލީ" ގެ ލިޔުންތެރިޔާ ކޭވީ ވިޖެންދުރަ ޕްރަސާދާއި "ބާގް މިލްކާ ބާގް" ގެ ސްކްރީން ރައިޓަރު ޕްރަސޫން ޖޯޝީގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ތާރީހީ ބައޮގްރަފިކަލް ޑްރާމާއެކެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ތާރީހުން ވަރަށް ފާހަގަކޮށްލެވޭ އަންހެން ހަނގުރާމަވެރިއެއް ކަމަށްވާ ޖާންސީގެ ރާނީ ލަކްޝްމީބާއީއަށެވެ. "މަނިކަރްނިކާ" ގައި ޓައިޓްލް ރޯލް ކުޅެފައި ވަނީ ކަންގަނާ އެވެ.

ބޮޑު ބަޖެޓަކުން ހަދާފައިވާ އަންނަ އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ މި ފިލްމު ވަރަށް ފުރިހަމަ އަދި މޮޅު ފިލްމަކަށް ހެދުމަށް ކަންގަނާ އަންނަނީ މަސައްކަތް ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން "މަނިކަރްނިކާ" ގެ ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ އޭނާގެ ބެލުމުގެ ދަށުންނެވެ. އަދި މީގެ މިއުޒިކާއި ފިލްމުގެ ފައިނަލް ކަޓަށް ކަންގަނާ ވަނީ ވަރަށް ބޮޑު ސަމާލު ކަމެއް ދީފައި ކަމަށް ނޫސްތަކުން ބުންޏެވެ.

"މަނިކަރްނިކާ" އަކީ 125 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ، ސުރޭޝް އޮބެރޯއީ، ޑެނީ ޑެންޒޯންގްޕާ، ޖިއްޝޫ ސެންގުޕްތާ، މުހައްމަދު ޒީޝާން އައްޔޫބް ތާހެރް ޝައްބީރު އަދި ކުލްބުޝަން ކަރްބަންދާ ހިމެނެ އެވެ. މީގެ އިތުރުން މަޝްހޫރު ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ މި ފިލްމުން ބޮލީވުޑަށް ތައާރަފު ވާނެ އެވެ.

ފާހަކޮށްލަން ޖެހޭ އަނެއް ކަމަކީ "މަނިކަރްނިކާ" އިން ކަންގަނާ އަށް ރަސްމީކޮށް ޑައިރެކްޓަރެއްގެ ކްރެޑިޓް ލިބިގެންދާ އިރު، އޭނާ ވަނީ ޑައިރެކްޝަނަށް ނުކުންނަން ވެސް ނިންމާފައި ކަމެވެ. އެގޮތުން "ތޭޖީ" ގެ ނަމުގައި ފިލްމެއް ލިޔެ، ޑައިރެކްޓް ކުރާނެކަން ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާ ވަނީ ދެ އަހަރު ކުރިން އިއުލާންކޮށްފަ އެވެ.