ރަޖީވް 28 އަހަރު ފަހުން ސްކްރީނަށް އަންނަނީ
ރަޖީވް 28 އަހަރު ފަހުން ސްކްރީނަށް އަންނަނީ

އިންޑިއަން ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުއްސިއްޔަތު ކަމަށްވާ ރާޖް ކަޕޫރްގެ ހަގު ފިރިހެން ދަރިފުޅު ރަޖީވް ކަޕޫރް 28 އަހަރުން ފަހުން ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ.

އޭނާ ސޮއިކޮށްފައި ވަނީ "ޕާނިޕަޓް" ގެ ނަމުގައި މިހާރު ތާރީހީ ފިލްމެއް ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާ ޕްރޮޑިއުސް ކުރާ "ތޫލްސިޑަސް ޖޫނިއާސް" އަށެވެ. މި ފިލްމަކީ 2005 ގައި "މިސްޑް ކޯލް" ގެނެސް ދިން ޑައިރެކްޓަރު މިރުދުލް ޑައިރެކްޓް ކުރާ ފިލްމެކެވެ.

ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު "ތޫލްސިޑަސް ޖޫނިއާ" އިތުރު ކާސްޓުންނާއި މީގެ މަސައްކަތް ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރަން ވަނީ ނިންމައިފަ އެވެ.

އުމުރުން 56 އަހަރުގެ ރަޖީވް އެންމެ ފަހުން ކުޅުނު ފިލްމަކީ 1990 ގައި ރިލީޒް ކުރި "ޒިންމެދާރު" އެވެ. ފިލްމު ""އޭކް ޖާން ހޭ ހަމް" އިން 1983 ގައި ބޮލީވުޑަށް ނުކުތް އެކްޓަރު ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމަކީ 1985 ގެ ބައްޕަ ރާޖް ޑައިރެކްޓް ކުރި "ރާމް ތޭރީ ގަންގާ މެއިލީ" އެވެ.

ރަޖީވްއަކީ ރާޖްގެ ތިން ފިރިހެން ދަރިންގެ ތެރެއިން އެންމެ ހަގު ފިރިހެން ދަރިފުޅެވެ. އޭނާގެ ދޮށްޓަށް ތިބެނީ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ ބައްޕަ ރަންދީރު ކަޕޫރާއި ރަންބީރު ކަޕޫރްގެ ބައްޕަ ރިޝީ ކަޕޫރެވެ.

ފިލްމުތަކުގައި އެކްޓް ކުރުމުގެ އިތުރުން ރަޖީވް ވަނީ ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ބޭބެ ރިޝީ އާއި މަދޫރީ ޑިކްސިޓް 1982 ގައި ކުޅުނު "ޕްރޭމް ރޯގް" އަކީ އޭނާ ޑައިރެކްޓް ކުރި ފިލްމެކެވެ.