02 ނޮވެމްބަރ 2018 - 07:44

މިދިޔަ އަހަރު ނުކުތް އައިޕެޑް ޕްރޯތަކަށް އިތުރު ބަދަލުތަކާއެކު މިއަހަރުގެ ބެޗު ނުކުމެއްޖެއެވެ. އެޕްލްއިން ބުނި ގޮތުގައި މިފަހަރުގެ އައިޕެޑް ޕްރޯތައް އެތައް ގޮތަކުން މޮޅުވާނެއެވެ. ސްކްރީން ފުރިހަމަވުމާއި، އަޑު ސާފުވުމާއި، މޫނު ދެނެގަތުމުގެ ގާބިލްކަމާއި ހޯމް ބަޓްން އުނިކޮށްފައިވުން، މީގެ ތެރޭގައި ހިމެނެއެވެ.

އައިޕެޑް ޕްރޯގެ އާ ފަރުމާއިން އެންމެ ބޮޑަށް ހިތްކިޔަނީ މީގެ ބައްޓަމެވެ. ހުރިހާ ކަނެއް ހުރީ ވަށްކޮށްފައެވެ. އިހުނަށްވުރެ ތުނިކަމަށް ފެނެއެވެ. މިފަހަރު ނުކުތް އައިޕެޑް ޕްރޯގެ ބޯމިނުގައި ހުންނަނީ އެންމެ 5.9މިލިމީޓަރެވެ. ޓެބްލެޓް ކޮންމެ ފަރާތަކަށް ބާއްވާފައި އޮތަސް މޫނު ދެނެގަތުމުގެ ގާބިލްކަން މި ފަހުގެ އައިޕެޑް ޕްރޯގައި އެބަހުއްޓެވެ.

ދެން އޮތީ މީގެ މަސައްކަތުގެ ބާރުމިނުގެ ވާހަކައެވެ. އަލަށް ނެރޭ އައިޕެޑް ޕްރޯ އިތުރަށް ފައްކާކޮށްފައިވަނީ އެޕަލްއިން އަލަށް ތައާރަފްކުރާ އޭ12އެކްސް ބަޔޯނިކް ޗިޕްގެ އެހީގައެވެ. މިއީ 2018ގެ އައިފޯންތަކުގައިވާ ޕްރޮސެސަރުތަކަށްވުރެ މަސައްކަތް އަވަސްކޮށްދޭ ޗިޕެކެވެ. މިދިޔަ އަހަރުގެ އައިޕެޑް ޕްރޯތަކާ އަޅައިބަލާއިރު މިފަހަރު ނުކުންނަ އާ މޮޑެލްގެ އައިޕެޑް ޕްރޯތައް، 90 ޕަސެންޓް އަވަސްވާނެކަމަށްވެއެވެ. ގްރެފިކް ވެސް ކުރިއަށްވުރެ މޮޅުވާނެކަމަށް އެޕްލް ކުންފުނިން ބުނެއެވެ.
އައިޕެޑް ޕްރޯގެ އެންމެ ފަހުގެ ވާޝަންގައި އެންމެ ޚާއްސަކޮށް ފާހަގަކޮށްލެވެނީ އާންމުކޮށް ޓެބްލެޓްތަކުގެ މޫނުމަތީ ފެންނަން ހުންނަ "ހޯމް" ފިތް މީގައި ނުހިމެނޭ ކަމެވެ. ނަތީޖާއެއްގެ ގޮތުން ސްކްރީންގެ ޖާގަ ވެސް މިފަހަރު މާ ބޮޑެވެ. ދެ ސައިޒަކަށް ނެރެފައިވާ އައިޕެޑް ޕްރޯގެ ކުދި ޓެބްލެޓްގެ ސްކްރީންގެ ބޮޑުމިނުގައި ހުންނަނީ 11 އިންޗިއެވެ. ރިޒޮލިޔުޝަންގައި ހުންނަނީ 2388X1668 ޕިކްސެލްއެވެ. މީގެ ބޮޑު މޮޑެލްގައި ހުންނަނީ 12.9 އިންޗިއެވެ. 2732X2048ގެ ރިޒޮލިޔުޝަނެވެ.
ސްޓޯރޭޖްގައި 1 ޓެރަބައިޓްގެ ޑޭޓާ ރައްކާކުރެވޭނެހާ ޖާގަ ހުންނަ ވައްތަރުތައް ވެސް އެބަހުއްޓެވެ. މިޓެބްލެޓާ އެހެން އާލާތްތައް ގުޅުވާލުމަށް ޔޫއެސްބީ ސީ ޕޯޓެއް ހިމެނެއެވެ. އަދި ފޯނު ޗާޖުކޮށްދިނުމުގެ ބާރު ވެސް މި ޓެބްލެޓަށް ލިބިދީފައިވެއެވެ.
އައިޕެޑް ޕްރޯ މިފަހަރު ލިބެންހުރީ އަޅިކުލައިންނާއި ރިހިކުލައިންނެވެ. 1ޓެރަބައިޓްގެ ޖާގަ ހުރި އައިޕެޑް ޕްރޯގެ އިތުރުން އެއަށްވުރެ ކުދި ޖާގައިގެ އައިޕެޑް ޕްރޯތައްވެސް ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި 64 ޖީބީ އާއި، 256ޖީބީ އާއި 512ޖީބީގެ ޖާގަ އެކުލެވިގެންވާ ޓެބްލެޓްތައް ހިމެނެއެވެ. މީގެ 11 އިންޗީގެ އައިޕެޑް ޕްރޯގެ ފެށޭ އަގަކީ 799އެމެރިކާ ޑޮލަރެވެ. 12.9 އިންޗީގެ ޓެބްލެޓް އެންމެ ކުޑަކޮށްވެސް ލިބޭނީ 999 އެމެރިކާ ޑޮލަރަށެވެ.