01 ނޮވެމްބަރ 2018 - 10:47

އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި ހޭދަކުރެއްވި ތިން އަހަރު، ކުރީގެ ރައީސް މުހައްމަދު ސިފަކުރެއްވީ މިހެންނެވެ؛

"ފެންނަ ކޮންމެ ކުޑަކުޑަ އެއްޗެއް، ހިޔަންޏަކުން ނަމަވެސް ވަހަކުން، އަޑަކުން ވިޔަސް ގެ، މާލެ، ރާއްޖެ އިންތިހާއަށް ހަނދާންވާ އެކި ވަގުތުތައް އައި. ފަސޭހައެއް ނޫން، އެއީ އުނދަގޫ، ތަކުލީފުތަކެއް."

އެކަމަކު، އެމަނިކުފާނާއި ދިވެހިން ވެސް ނަގައިނުލީ، އެންމެ ކަޅު އަނދިރި ވަގުތުގައި ވެސް ފަތިހަކަށް އަލިވިލޭނެ ކަމުގެ އުއްމީދު ކަމަށް ބޭރުގައި ކުރެއްވި ތަޖުރިބާ "މިހާރު" އަށް ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. ގައުމުން ބޭރު ބަންދުން ވީއްލި، ރާއްޖެ ވަޑައިގަތުމުގެ ފުރުސަތު ހޯދައި ދިނީ ދިވެހިންގެ މަސައްކަތުން ކަމަށް ވިދާޅުވި އެވެ.

އެންމެ ގާތް އެކުވެރިޔާ، އަދި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު މިއަދު މެންދުރު ފަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ އެވެ. ދިވެއްސަކަށް މިހާތަނަށް ކިޔާފައި ނުވާ ފަދަ ކުލަގަދަ މަރުހަބާއެއް ނަޝީދަށް ކިޔަން އެމްޑީޕީގެ ސަޕޯޓަރުން ވަނީ ތައްޔާރުވެފަ އެވެ.

"އަޅުގަނޑަށް ފެނުނީ އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ހޯދައި، ބިރު ފަހަނާޅައި ގޮސް ކުރި ހިތްވަރު. އެ ނެރުނު ނަތީޖާ އެއީ، މުޅި ދުނިޔެ ސިއްސުވާލި ކަމެއް. އަޅުގަނޑު ދިވެހިންނަށް ދަންނަވާލަން ބޭނުންވަނީ، އެ މީހުން މުޅި ދުނިޔެ ސިއްސުވާލައިފިއޭ،" ނަޝީދު ވިދާޅުވި އެވެ.
- ނަޝީދު، އިނގިރޭސިވިލާތުގެ ހިމާޔަތް ހޯއްދެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި، މާޗް، 13، 2015 ގައި އިއްވި ހުކުމާ ގުޅިގެން.
- ފެބުރުއަރީ، 22، 2015 ގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި މަހެއްހާ ދުވަހުގެ ތެރޭގައި ޝަރީއަތް ނިންމައި ޖަލަށް ލި.
- ރައީސް އަބްދުﷲ ޔާމީނަށް، ބޭރުގެ ޕްރެޝަރު ބޮޑުވެ، ބޭސްފަރުވާ އަށް ނަޝީދު އިނގިރޭސިވިލާތަށް ފޮނުވާލަން ނިންމެވީ ފެބުރުއަރީ، 2016 ގައި. އޭގެ ފަހުން އެނބުރިވަޑައިނުގެން ދިރިއުޅުއްވީ އެ ގައުމާއި ސްރީ ލަންކާގައި.
އަމިއްލަފުޅަށް އަރުވާލެއްވިގެން ގައުމުން ބޭރުގައި ހުންނެވުމަކީ ނަޝީދަށް އާ ކަމެއް ނޫނެވެ. ސިޔާސީ ހަޔާތްޕުޅުގައި މީގެ ކުރިން ވެސް މިކަން ތަޖުރިބާ ކުރެއްވި އެވެ.
ޖަލުގައި، ސަރުކާރުން ހިންގަމުން ދިޔަ އަނިޔާއާ ދެކޮޅަށް، އަޑުއުފުއްލަވައި ސިޔާސީ ހަޔާތްޕުޅު ނަޝީދު ފެއްޓެވީ އުމުރުފުޅުން 23 އަހަރުގަ އެވެ. އިސްލާހަށްޓަކައި އެޅުއްވި ކޮންމެ ފިޔަވަޅަކާ އެކު ޖަލުގެ ކުޑަ ގޮޅީގައި އެތައް ދުވަހަކު އޮންނެވި އެވެ.
ކޮންމެ ފަހަރަކު ވެސް ޖަލުން ވީއްލުމާ އެކު ދޫނުދެއްވައި، އެމަނިކުފާނުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވަ އެވެ. ނަތީޖާއަކީ ތަކުރާރުކޮށް، ޖަލު ބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމެވެ.
މިމޭރަމުން، ރާއްޖޭގައި ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށް ގަބޫލުފުޅުކުރައްވައި، ސެޕްޓެމްބަރު، 25، 2003 ގައި ރާއްޖެ ދޫކުރައްވައި، ސްރީ ލަންކާ އަށް ވަޑައިގަތެވެ. އެފަހަރު ކުރެއްވީ، ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅެވެ. ޕާޓީ އިއުލާންކޮށް، ޖެހިގެން އައި އަހަރު، އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވި އެވެ.
އެ ގައުމުގައި އަހަރެއްހާ ދުވަސް ހޭދަކުރައްވައި، އެޕްރީލް، 30، 2005، ގައި ރާއްޖެ ވަޑައިގެން ސަރުކާރާ ދެކޮޅަށް އެއްވުންތަކަށް ގޮވާލެއްވި އެވެ.
ނަޝީދު ސިފަކުރެއްވި ގޮތުގައި، ޖަލުގައި ހޭދަކުރެއްވި ކޮން ދުވަހަކީ ވެސް ހިތްދަތި ތަކުލީފެކެވެ. އަމިއްލަ ގައުމުން އެކަހެރިވެ ހުންނެވުމަކީ، ޖަލަށް ވުރެން ވެސް މާ ހިތްދަތި އިހްސާސެއް ކަމަށް ވިދާޅުވި އެވެ.
ދިވެހިންގެ ދިރިއުޅުމަކީ އާއިލީ ގުޅުން ބަދަހި، ބޮޑުދައިތަ އިންނާއި ބޮޑުބޭބެ އިންނާއި ދެބެންގެ ދެދަރި ކުދިންނާ އެކީގައި އުޅޭ މާހައުލެއް ކަން ފާހަގަކުރައްވައި، އެންމެ އުނދަގޫވި ކަމަކީ އާއިލާއާ ދުރުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަތުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދެ ކުދިން އުޅެމުން އައީ، އެ މީހުންގެ މާމަޔާއި ކާފަ، ދެބެންގެ ދެދަރިކުދިންނާއި އާއިލާގެ އެހެން މީހުންނާ އެކު ވަރަށް އުފަލުގައި. އެ މީހުންގެ ވެސް އެ ދިރިއުޅުމާއި އާއިލާއާ މުޅިން ވަކިން ބައިތިއްބަން މަޖުބޫރުވީ،" ނަޝީދު ވިދާޅުވި އެވެ.
"[އަނބިކަނބަލުން]، ލައިލާ އަށް ވެސް އެހާ ދަތި، އެހާ އުނދަގޫ ރާއްޖެ ދޫކޮށް އުޅެން. ލައިލާ، މަންމަ ވެސް ބަލަން ޖެހިފައި ހުންނަނީ. އަދި އެހެން ތިމާގެ މީހުން ވެސް ވަރަށް ބޮޑަށް ލައިލާ ބައްލަވާނެ. އެހެންވެ ލައިލާ އަށް ވެސް ވަރަށް ބޮޑު ތަކުލީފަކަށް އުނދަގުލަކަށް ވި."
ރާއްޖެ އިން ބޭރުގައި މަޑުކުރައްވަން މަޖުބޫރުކުރުވީ، ނަޝީދު ވިދާޅުވި ގޮތުގައި، ދިވެހިންނާ ދޭތެރޭ ގެންގުޅުއްވި ވިސްނުމެވެ. އެ ވިސްނުމުގައި ކުލަ ޖެއްސޭނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ތަންކޮޅެއް "އަތްފައި، ހެލޭ ގޮތަށް، މިނިވަންކަން ހުރެވުމުން" ކަމަށް ދެކިގެންނެވެ. އަދި ދިވެހިންނަށް އުއްމީދެއް ލިބެން އޮތީ ވެސް އެ މަގަށް ކަންކަން ފަހިވެގެން ކަން ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
އަދި އެއީ، ބޭރުގެ އެކި ބޭފުޅުންނާއި ދިވެހިންގެ ވެސް ލަފާ ލިބިވަޑައިގަތް ގޮތް ކަމަށް ވިދާޅުވި އެވެ.
ސިޔާސީ މަސައްކަތްތައް ފަހިވެ، ތަރުތީބު ކުރެއްވުނީ، ނަޝީދު ވިދާޅުވި ގޮތުގައި، އަނެއްކާވެސް ސްރީ ލަންކާގައި ހުންނަވައި ކުރެއްވި މަސައްކަތްޕުޅުންނެވެ. ސިޔާސީ ހަތުރުންގެ ގޮތުގައި ތިއްބެވި ލީޑަރުންނާ އެކު ކޯލިޝަނަކަށް ވަޑައިގަތެވެ. އޭގެތެރޭގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަތުމަކީ އެންމެންނަށް ވެސް ގަބޫލުކުރަން އުނދަގޫވި ކަމެކެވެ. އެކަމަކު މިހާރު އެއީ، ސިޔާސީ މަސައްކަތުގައި، ބައިވެރިންނެވެ.
"ހުރިހާ ކަމެއް އެކުވެގެން އައިސް އަޅުގަނޑުމެންނަށް ކާމިޔާބު ވީ،" ނަޝީދު ވިދާޅުވި އެވެ.
ސިޔާސީ ގޮތުން، ރައީސް ޔާމީން ބަލިކުރައްވާފައިވާ ކަން ފާހަގަކުރައްވައި، ނަޝީދު ވިދާޅުވީ މި ސަރުކާރު ރިވެތި މަގުން ހިންގަން ފުރުސަތުދީ އެމްޑީޕީ ހިމޭންވި ކަމަށެވެ. އެކަމަކު ވެރިކަމުގެ ފުރަތަމަ އަހަރު ވެސް ރައީސް ޔާމީންގެ ސަރުކާރުގެ މިސްރާބު ބަދަލުވެގެން އައި ގޮތުން، ހާމަވީ ޑިމޮކްރެޓިކް ރިވެތި އުސޫލްތައް އަށަގެންނެވުމުގެ ވިސްނުންފުޅެއް ނެތް ކަމެވެ. އޭގެ ބަދަލުގައި، ރައްޔިތުންނަށް ދެއްކީ ޚުދުމުހުތާރު ކަމާއި ހަރުކަށި ކަމާއި ގޮތްދޫނުކުރެއްވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވާލުމާއި، އަމިއްލަފުޅު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށް ލުމާ އެކު ސިޔާސީ ވާދަވެރިންނަށް ތަރުތީބުކުރި ކަންކަމަށް އަޑުއުފުލުމުގެ ނަތީޖާ އިން އަނިޔާވެރިކަން ސިފަވިއިރު ވެސް ދިވެހިން ހިތްވަރު ދޫނުކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް މާލެ ވަޑައިގެންނެވޭ ގޮތްވީ ހުރިހާ ދިވެހިންގެ މަސައްކަތުންނެވެ. އިސްލާހަށް ކުރި މަސައްކަތާއި އިންތިޚާބުން މޮޅުވާން ކުރި މަސައްކަތް އެކުވީ ކަމަށް ވިދާޅުވި އެވެ. ދިވެހިންގެ ފޮނި އުއްމީދު، ހަގީގަތަކަށް ހެދުމުގެ ބުރަ މަސައްކަތުގެ ތެރޭގައި އެމަނިކުފާނަށް ހިތްތަކުގައި މަގާމެއް ދެވުނުކަމީ، ދުވަހަކު ވެސް ޝުކުރު އަދާނުކުރެއްވޭނެ ބޮޑު އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދަކީ ސިޔާސީ މަސައްކަތްޕުޅުގައި ފޫހިވެ، ވަރުބަލިވާނެ ބޭފުޅެއް ނޫނެވެ. ދިވެހިންނަށް ދެން ވެސް ދެއްވީ، އެ އުއްމީދެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ވަޑައިގެން، ދެން އެންމެ މުހިއްމު މަސައްކަތްޕުޅަކަށް ވާނީ އިބޫގެ ސަރުކާރު ދެމެހެއްޓުން ކަމަށެވެ. ސުލްހަވެރި، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން، އެކަމަށް ކުރައްވަން ޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑެއް އިރާދަކުރެއްވިއްޔާ، މި ސަރުކާރަށް ލޮޅުމެއް އައުމަށް ޖާގައެއް ނުދޭނަން،" ނަޝީދު ވިދާޅުވި އެވެ.