01 ނޮވެމްބަރ 2018 - 07:20

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީން ސްޓްރީޓްސްގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް އަށް ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު އެބައޮތް ކަމަށް ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރުގެ މޭ 1 ވަނަ ދުވަހު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާއެއްގެ ތެރެއިން ފުލަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ ކްލަބް އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓަ އެވެ. އެ މައްސަލައިގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލި އިރު، ޕެރޯލްގެ ދަށުން އޭނާ މިނިވަންވީ މިދިޔަ މޭ މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ ގްރީންސްޓްރީޓްސްއާ ގުޅުނީ ޖޫން 25 ގަ އެވެ.
ގްރީން ސްޓްރީޓްސްގެ އެއް ވަނަ ކީޕަރެއްގެ ރޯލު އަދާކުރަމުން އަންނަ ލަބާން އަންނަނީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާގެ ހިތްވަރަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ވަނީ ތައުރީފްކޮށްފަ އެވެ.
ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ސާފްގެ މޮޅު ކުޅުންތެރިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް ހިމެނުނު ނަމަވެސް ފަހު ވަގުތު އޭނާ ވަނީ އަނިޔާގެ ސަަބަބުން ބާކީކޮށްފަ އެވެ. ސެގާޓް ބޭނުންވީ ފައިސަލް ނެތްތަނަށް ލަބާން ނަގާށެވެ.
"ފައިސަލްގެ އަތަށް އެންމެ ފަހު ވަގުތު އަނިޔާވެގެން އޭނަ ޓީމާ އެކު ނުދޭ. އަހަރެން ބޭނުންވީ ލަބާން ގެންދަން. އެކަމަކު އޭނަ ގެންދަން ހުރަސްތަކެއް އެބަހުރި. އެހެންވެ މި މެޗުގައި ޔަގީނުން ވެސް ކުޅޭނީ މާޒިޔާގެ ކީޕަރު ހުސެން. އަސްލު ފައިސަލަށް އަނިޔާނުވި ނަމަވެސް އަހަރެން ހުރީ ހުސެން އަށް ފުރުސަތު ދޭން. އެއީ އޭނަ ވަރަށް ގިނަ ދުވަސްވެއްޖެ ޓްރެއިން ކުރާތާ. އަނެއްކާ މާޒިޔާގައި ވެސް ކުޅެމުން އަންނަނީ." ސެގާޓް ބުންޏެވެ.
ލަބާން ގެންދެވެން ނެތް ސަބަބަކީ ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލިއިރު ހުކުމްގެ ބާކީ މުއްދަތު ހަމަވަންދެން އޭނާ އަށް ދަތުރުނުކުރެވޭ ގޮތަށް އޮތުމުންނެވެ. ސެގާޓް ބުނީ އެ ގޮތް ބަދަލުކޮށް ލަބާން އަށް ގައުމީ ޓީމަށް އަވަހަށް ކުޅެވޭ ގޮތްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"ލަބާން އަކީ ވަރަށް މޮޅު ކީޕަރެއް. އަހަންނަށް އޭނަ ވަރަށް ކަމުދޭ. އަހަރެމެން ވަރަށް މަސައްކަތްކުރިން މި މެޗަށް އޭނަ ގެންދަން. އެކަމަކު އެކަން ވާން ނެތް. އަހަންނަށް އެނގޭ އޭނަ ވަރަށް ބޮޑު މައްސަލައެއްގައި ކަން އޮތީ. އެކަަމަކު އޭނަ އަށް ކުރެވުނު ކުށެއްގެ އަދަބު ތިން އަހަރު ވަންދެއް ދީފި. އަހަރެން އެދެނީ މިހާރު އޮތް ގޮތް ބަދަލުވެ ލަބާނަށް އަވަހަށް ގައުމީ ޓީމަށް ކުޅެވުން. އޭނާ އަށް ފުރުސަތު އެބައޮތް،" ސެގާޓް ބުންޏެވެ.
ލަބާން ވަނީ ނޭޕާލުގައި 2011 ވަނަ އަހަރު އޮތް 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ 16 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމުގެ ގޯލް ބަލަހައްޓައިފަ އެވެ. ސަތާރަ އަހަރަށް ފަހު ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ރިޓަޔާކުރިއިރު، އޭނާގެ މަގާމަށް އަންނާނެ ކީޕަރެއްގެ ގޮތުގައި ގިނަ ބަޔަކު ލަބާން ފާހަގަކުރި އެވެ.
އިންޓަ ސްކޫލް މުބާރާތުން ވިދާލި ލަބާނަށް 2012 ވަނަ އަހަރު އޭނާގެ އުމުރުން 16 އަހަރުގައި ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުން ޖާގަ ލިބުނެވެ. އޭނާ ހައްޔަކުރީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އަހަރެއްގަ އެވެ.
މެލޭޝިއާ މެޗަށް ދެ ވަަނަ ކީޕަރަކަށް ލަބާން ގެންދަން ކުރި މަސައްކަތް ކާމިޔާބުނުވުމުން ގައުމީ ޓީމުން ތިން ވަނަ ކީޕަރެއްގެ ގޮތުގައި ގެންދާނީ ޔުނައިޓެޑް ވިކްޓަރީ އަށް މި އަހަރު ކުޅުނު އަދި ސާފް ކާމިޔާބުކުރި ޓީމުގެ ތިން ވަނަ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ޔުނައިޓެޑް ވިކްޓަރީ އަށް ސީޒަން ނިމިފައިވާތީ ފިޓްކޮށް ހުރުމަށް ތޮލާލް އަންނަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ އެކު ޕްރެކްޓިހުގައި ބައިވެރިވަމުންނެވެ.