ދިހައެއް: ސެކްރެޓަރީ
ދިހައެއް: ސެކްރެޓަރީ

(އޮގަސްޓް 11 ގައި ޖެހި ބަޔާ ގުޅޭ)

ދެ ކައިވެނި ރޫޅުނު ފަހުން އެއްވެސް އަންހެނަކާ މެދު ފާތިރުގެ ހިތުގައި ލޯބި އުފެދިފައެއް ނުވެ އެވެ. ގާތް ގުޅުމެއް، އެކުވެރިކަމެއް ވެސް ނުބާއްވަ އެވެ. އޭނާ ބެލީ ހަޔާތުގެ ވަގުތުތައް އެހެން ކަންކަމުގައި ހޭދަކުރާށެވެ.

އެކަމަކު ސެކްރެޓަރީއަކަށް ސުހާނާ ހެދުމުން ލިބެމުން އައި ފަސޭހަތައް ގިނަވުމާ އެކު ކޮންމެވެސް ވަރަކަށް އޭނާގެ އެ މިޒާޖު ބަދަލުވާން ފެށި އެވެ. ފާތިރުގެ އާދަތައް ސުހާނާ ދަސްކުރީ ނުހަނު ފަސޭހަކަމާ އެކު އެވެ. ފާތިރު އެންމެ ގިނައިން ގުޅަން ޖެހޭ މީހުންގެ ނަންބަރުތައް އޭނާ ހިތުދަހެވެ. ފާތިރުގެ ހަރަދުގައި ބޭރުގައި ކިޔަވަން ތިބޭ ކުދިންގެ ހުރިހާ ކަމެއް ބަރާބަރަށް ކުރެ އެވެ. އެހީއަށް އެދި ލިބޭ ސިޓީތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމަން ޖެހޭ ކަންކަން ދެނެގަނެ އެވެ.

އެކަމަކު އެއީ އޮފީހުގެ މަސައްކަތްތަކެވެ. ފާތިރުގެ ގޭގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިއެއް ނުކުރެ އެވެ. މިހާތަނަށް ފާތިރުގެ ގެއަށް އޭނާ ގެންގޮސްފައެއް ވެސް ނުވެ އެވެ. ސުހާނާގެ ޒާތީ އެއްވެސް ކަމަކާ ބެހޭ ގޮތުން ސުވާލެއް ނުކުރެ އެވެ. ސުހާނާ ވެސް ހަމަ އެގޮތެވެ. އެހެންކަމުން ދެ މީހުންގެ ދެމެދު އޮތީ ހަމައެކަނި މަސައްކަތުގެ ގުޅުމެވެ.

ސުހާނާ އަތް ދޮވެގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ފާތިރު ހިނިތުންވެލި އެވެ. ސުހާނާގެ ކުރިމަތީގައި ބަހައްޓާފައި ހުރި ޖޯޑަށް ކަޅު ސައި އެޅިި އެވެ. އޭގެ ފަހުން ހަކުރެވެ. ދެން ގިރަން ފެށި އެވެ.

"ކުއްލިއަކަށް އަންނަން ޖެހުނީމާ ދަރިފުޅު ކާކާ ހަވާލުކުރީ؟ ގޭގައި މީހަކު ގެންގުޅެންތަ؟" ފާތިރު ސުވާލުކުރި އެވެ.

"މަންމަ ބަލާނެ. އޮފީހަށް ވެސް ދަނީ މަންމައާ ހަވާލުކޮށްފައި،" ސުހާނާ ބުންޏެވެ.

"އެހެންތަ؟ ތިއީ ނަސީބެއް. މިހާރު އެންމެން ވެސް ބޭނުންވަނީ ވަކިން އުޅެން. އެއްގޮތަކުން އެއީ ރަނގަޅު ކަމެއް. އެކަމަކު އާއިލާގެ އެހެން މީހެއްގެ އެހީތެރިކަން ލިބެންޏާ، އެއީ ހަމަ ނަސީބެއް،" ފާތިރު ބުންޏެވެ.

ސުހާނާގެ އާއިލާގެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. މަންމަގެ އެހީތެރިކަން ލިބުނަސް ހަގީގަތުގައި އެއީ އާއިލާ ތެރޭގައި އޮތް ކިހާ ބޮޑު މައްސަލައެއްކަން ފާތިރު ކައިރީގައި ބުނުން ވާނީ ލަދުވެތި ކަމަކަށެވެ. އޭރުން އަނެއްކާ ގޭގައި ގެންގުޅޭ މީހަކު ހޯދައިދޭން އުޅެފާނެ އެވެ. މިހާތަނަށް ކަންތައް ވީ އެހެންނެވެ. ދަރިފުޅު ބަލިވެ، ދެ ދުވަހު އޮފީހަށް ނުގޮސް ހުރެފައި ދެން ނުކުތް ދުވަހު، އެއްވެސް ސުވާލެއް ކޮށްގެން ނުވާނޭ ބުނެފައި، ހަމަޖައްސައިދިނީ އިންޑިއާގެ ބެންގަލޫރަށް މެޑިކަލް ދަތުރެކެވެ. އެދުވަހު ފާތިރު އެދުނީ ރަނގަޅު ހޮސްޕިޓަލަކަށް ގޮސް ދަރިފުޅު ދައްކައި، ސުހާނާގެ މެޑިކަލް ޗެކަޕެއް ވެސް ހަދާށެވެ. އެ ހުރިހާ ކަމަކަށް ބޭނުންވާނެ ކަމަށް ލަފާކޮށް، ޑޮލަރުން ފައިސާ ވެސް ދިނެވެ.

އެވަރުގެ ހިތްހެޔޮ، އެހެން މީހުންގެ ކަންކަމާ މެދު ވިސްނާ ވެރިއެއް ކައިރީގައި އާއިލީ ބޮޑެތި މައްސަލަތައް ކިޔައިދީފިއްޔާ ދެން ބުނާނީ، ވަކިން އުޅޭނެ ތަނެއް ދީފާނެ ކަމަށެވެ. އެކަމަކު ސުހާނާގެ ހަޔާތުގައި ކުރިމަތިވި ހާދިސާ އަށް ފަހު އޭނާ އަޒުމް ކަނޑައެޅީ އެއްވެސް މީހަކަށް ޑިޕެންޑްނުވާށެވެ. ދިރިއުޅުމުގެ ކަންކަން އަމިއްލަ އަށް ފުއްދައިގެން އުޅޭށެވެ.

ހަތަރު އަހަރުގެ ދަރިފުޅު މަންމައާ ހަވާލުކޮށްފައި އޮފީހަށް ދަނީ މިވަގުތު އެނޫން ގޮތެއް ނެތިގެންނެވެ. އޭނާގެ ދޮއްޓަށް ތިބި ތިން ބޭބެ އާއި ދެ ދައްތަގެ ހިތުގައި އޮތް ހަސަދަވެރިކަން އެހާ ބޮޑެވެ. އެކަމަކު މަންމަގެ އެހީތެރިކަމަށް ދަރިފުޅު ދޫކޮށްނުލައި، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސޭނެ އެހެން ގޮތެއް ނެތެވެ. އެހެންކަމުން، "މަންމަމެންގެ ހުރިހާ އަޅާލުމެއް އޮންނަނީ ކަލެއަށް ދޯ"އޭ ދައްތަމެން ބުންޏަސް، ހަޅޭއްލެވިޔަސް، އޭނާ ކަންބޮޑުވެގެންނެއް ނޫޅެ އެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ހުންނަނީ ހިމޭނުންނެވެ.

ފާތިރާ އެކު ލަންޑަނަށް ދާން ޖެހޭ ވާހަކަ މަންމަ ގާތު ބުމުން، އެ ވާހަކަ ދައްތަމެންނާ ހަމައަށް މަންމަ ގެންދިިޔައީ ރަނގަޅު ނިޔަތެއްގަ އެވެ. އާއިލާގެ އެއްވެސް މީހަކު މިހާތަނަށް ޔޫރަޕަށް ގޮސްފައެއް ނުވެ އެވެ. އެކަމަކު ދެން އޭނާ އަށް އަޑުއިވުނީ "އެދުމެއް ނެތި އެހާ ބޮޑު ދަތުރެއް ނުދޭނޭ" ކިޔައިގެން، ފަހަރިންނާއި ދެ ދައްތަ ދައްކަމުން ދިޔަ ވާހަކަތަކެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އޮންނަނީ ޝައްކާއި ވަހުމެވެ. އަބަދުވެސް ޝަކުވާ އެވެ.

އާއިލާގެ އެންމެ ހަގު ކުއްޖާ އަށް ވުމުން މަންމަ އާއި ބައްޕަގެ އެހީތެރިކަން އޭނާ އަށް ބޮޑެވެ. އޭނާ ވެސް އެއްބަސްވެ އެވެ؛ އެއީ ތަފާތުކުރުމެކެވެ. ނަމަވެސް އެ ތަފާތުކުރުން އަންނަން ޖެހޭ ސަބަބެއް ވެސް އޮވެ އެވެ. ސުހާނާ އާއި އޭނާއާ ޖެހިގެން ތޮއްޓަށް ހުންނަ ބޭބެއާ ދެމެދު ދިހަ އަހަރުގެ ތަފާތެއް އެބަ ހުއްޓެވެ. އެހެންކަމުން އެހެން ކުދިން ބޮޑުވެ، މީހުންނާ އިނދެ ކުދިން ލިބުނު އިރު ސުހާނާ އުޅުނީ ސްކޫލްގަ އެވެ. އެސްޓީއޯގެ ވަޒީފާ އިން ބައްޕަ އަށް ލިބޭ އެއްޗަކުން ހުރިހާ ކުދިންނަށް ހަރަދު ކުރެވޭ ވަރެއް ނުވެ އެވެ. މީހުންނާ އިނދެ، އަމިއްލަ ދިރިއުޅުމެއް ފެށުމުން ބައްޕަގެ އެދުމަކަށް ވީ، ހުރިހާ ކުދިން ވެސް އެމީހެއްގެ ހަރަދުތައް އަމިއްލަ އަށް ހަމަޖެއްސުމަށެވެ.

ދެ ހާސް އަކަފޫޓުގެ ގޭގެ އެއް ފަޅީގައި ހުންނަނީ ދެ ކޮޓަރި އާއި މަންމަމެންގެ ސިޓިން ރޫމާއި ބަދިގެ އާއި ކާގެ އެވެ. އަނެއް ފަޅީގައި ހަތަރު ކޮޓަރި އެވެ. ބައެއް ކޮޓަރިތައް ހުރީ، ލަކުޑި ޑެކް އަޅައި، ދެ ބުރިއަށް ހަދާފަ އެވެ.

އެންމެ ދޮށީ ބޭބެ އުޅެނީ އެހެން ރަށެއްގަ އެވެ. އެހެންކަމުން އޭނާ އެންމެ ފުރަތަމަ ބޭނުންކުރި ކޮޓަރި، ބައްޕަ ދިނީ ސުހާނާ އަށެވެ. އެ ކޮޓަރި ހުންނަނީ ބައްޕަމެންގެ ކޮޓަރިއާ ޖެހިގެން، އެއް ފަޅިއެއްގަ އެވެ. އޭނާއާ ދެކޮޅު، އޭނާ ދެކެ ރުޅިއަންނަ އެހެން އެންމެން އަނެއް ފަޅީގަ އެވެ.

އެއީ އެކުވެރިކަމާއި އާއިލީ ލޯބި ނެތް އާއިލާއެކެވެ. އެއީ އެހެން މީހަކަށް ރަނގަޅު ގޮތް ވާން ނޭދޭ އާއިލާއެކެވެ. އޭގެ ސަބަބެއް ސުހާނާއަކަށް ނޭނގެ އެވެ. އޭނާ އަށް ޔަގީންވާ ކަމަކީ ބައްޕަ އާއި މަންމަ އަކީ ރަނގަޅު ބެލެނިވެރިންކަމެވެ. އެމީހުންނަށް ދެވެން އޮތް އެހީއެއް ވިއްޔާ އެހެން ދަރިންނަށް ވެސް ދޭ ކަމެވެ. މައްސަލައަކީ އޭގެ އަގުވަޒަންކުރަން ނޭނގުމެވެ.

އަމީނިއްޔާ ސްކޫލްގެ ގްރޭޑް 10 ނިންމި އިރު ސުހާނާ ހުރީ، އޭނާގެ ފުރަތަމަ އަދި މިހާތަނަށް ވެސް ރައްޓެހިވި ހަމައެކަނި ލޯބިވެރިޔާއާ ގުޅުން އުފެދިފަ އެވެ. ޒިޔާދު އީސާ އަކީ، މުއްސަނދި ނޫނަސް އަތްމަތި ތަނަވަސް ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ކްލާސް ކުއްޖެއްގެ 16 ވަނަ އުފަން ދުވަހުގެ ޕާޓީން ޒިޔާދާ ދިމާވި ދިމާވުމަކީ ދެ ކުދިންނަށް ވެސް ލޯބީގެ ދުނިޔޭގައި އެޅުނު ފުރަތަމަ ފިޔަވަޅެވެ. ސުހާނާގެ މައިންބަފައިން ދެކޮޅެއް ނުހަދަ އެވެ. ޒިޔާދުގެ މައިންބަފައިން އެކަން ނެގީ، އޯލެވެލް އިން ޑީ އަށް ވުރެ މަތިން އެއްވެސް ނަތީޖާއެއް ނުހޯދުނު ދަރިފުޅުގެ ދިރިއުޅުން ހަރުވުމުގެ ފެށުމެއްގެ ގޮތުގަ އެވެ. އެ މީހުން ސުހާނާ އަށް މަރުހަބާ ކީ، ހުޅުވިފައިވާ ހިތަކާ އެކުގަ އެވެ. "މި ގޭގައި މަނާވާނެ އެއްވެސް ކަމެއް ނޯންނާނެއޭ" ޒިޔާދުގެ މަންމަ ބުނިބުނުން އޭނާގެ ހަނދާނުގައި މިހާރު ވެސް އެބަ ހުއްޓެވެ.

އެއީ އެގޭގެ، އެ މާހައުލުގެ ހަގީގަތެވެ. ޒިޔާދުގެ ބައްޕަ އަކީ އުމުރުން 16 އަހަރުން ފެށިގެން ރިސޯޓެއްގައި ވަޒީފާ އަދާކުރަން ފެށި އަދި ފަހުން ޖެނެރަލް މެނޭޖަރެވެ. ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ގެއަށް އައިސް އަންހެނުންނާ އެކު ވަގުތު ހޭދަކުރެ އެވެ. ޒިޔާދުގެ ތައުލީމަށް އެ މީހުން މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ. ދުނިޔޭގައި "އުފަލުން އުޅެވެންޏާ އެއޮތީ ނިމިފަ"އޭ އަބަދު ކަހަލަ ގޮތަކަށް އެ މީހުން ބުނެ އެވެ.

ޒިޔާދުގެ ގޭގެ އެންމެ ބޮޑު ހަގީގަތްތައް ސުހާނާ އަށް ރޭކާލި އިރު އޭނާ އަށް ހުރެވުނީ ވަކިނުވެވޭ ވަރުވެފަ އެވެ. ލޯބި ގަބޫލުކުރާ އެންމެން ވެސް އެ ހާލަތަށް ކިޔަނީ "ހަގީގީ ލޯތްބެ"ވެ. ލިއުންތެރިން ސިފަކުރަނީ އެއީ ކަނު އިހުސާސެއްގެ ގޮތުގަ އެވެ. އެހެންކަމުން ސުހާނާ ހުރީ އެ ލޯބީގައި ކަނުވެފަ އެވެ. ބީރުވެފަ އެވެ. ސަލާމަތްނުވެވިފަ އެވެ.

ޒިޔާދުގެ ގޭގައި ރާ ބޮއި، މަސްތުވާ ބައެއް އެއްޗެހި ބޭނުންކުރަނީ މަންމަ އާއި ބައްޕަ އާއި ދަރިފުޅު އެކުއެކީގަ އެވެ. އެއީ އާއިލީ އުފަލެކެވެ. އެއީ އާއިލީ ގުޅުމެކެވެ. އެ ގެއިން ރާ ހުސްނުވެ އެވެ. ބައެއް ފަހަރަށް މަސްތުވާތަކެތީގެ ބުރުތައް ވެސް ،ކުރިއަށް ދެ އެވެ.

ޒިޔާދާ ކައިވެނިކޮށްގެން އެ ގެއަށް ސުހާނާ ބަދަލުވީ އުމުރުން ހަމަ 18 އަހަރު ވީ ތަނާ އެވެ. ފުރަތަމަކޮޅު ކޮންްސްޓްރަކްޝަން ބޮޑު ކުންފުންޏެއްގެ ވަޒީފާ އަށް ވެސް ބަރާބަރަށް ދިޔަ އެވެ. ދުވާލުގެ ގިނަ ވަގުތު ޒިޔާދު އޮންނަނީ ނިދާށެވެ. އެއީ އޭނާގެ މައިންބަފައިންނަށް މައްސަލައެއް ނޫނެވެ. ބައްޕަ އަށް ލިބޭ މުސާރަ އިން ގޭގެ ހުރިހާ ކަމެއް، ޝަކުވާއެއް ނެތް ގޮތަށް، ހަމަޖެހެ އެވެ. ސުހާނާ ވަޒީފާ އަށް ދާން ފެށީ، އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަަނީއެއް ހޯދުމުގައި ހުރި މުހިންމުކަން ވިސްނިގެންނެވެ.

އެކަމަކު ބަލިވެއިނުމާ އެކު، ހުއްޓުމެއް ނެތި ލެވެން ފެށި ހޮޑުގެ އުނދަގޫ އޭނާ އަށް މަޖުބޫރުކުރީ އޮފީހަށް ނުގޮސް މަޑުކުރާށެވެ. މާބަނޑު މީހަކަށް ލުއި ގޮތެއް ހަމަޖައްސައިދިނުމުގެ ހެޔޮ ނިޔަތެއް އޮފީހުގެ ވެރިންގެ ނެތެވެ. ވަޒީފާގެ ގާނޫނާ ގާނޫނެކެވެ. ދެ ހަފުތާގެ ސަލާން ބުނުމާ އެކު އޮފީހުން ކަނޑާލީ އެވެ.

ފިރިހެން ދަރިފުޅު ވިހެއީ، ނުވަ މަސް ދުވަހުގެ ވޭނަކަށް ފަހު އެވެ. އެކަމަކު މާއިޝް އީސާ އަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކަށް ވި އެވެ. ޒިޔާދުގެ އިތުރުން އޭނާގެ ބައްޕަ އާއި މަންމަ ވެސް ތިބީ އިންތިޒާރުގެ ދުވަސްތައް ގުނަގުނަ އެވެ. އެހެންކަމުން މާއިޝް ވެގެން ދިޔައީ އެ އާއިލާގެ އެންމެ ބޮޑު ލޯތްބަށެވެ.

ގޭ ތެރޭގައި އޮތް ހަމަޖެހުން ނެތި، ހަމައެކަނި ދުނިޔޭގެ އުފަލުގައި ހޭދަކުރި ދުވަސްތަކަށް ބަނަކަން އައީ ޒަމާނީ ބަދަލުތަކަށް ފެތިގެން މަސައްކަތްކުރުމުގެ ގާބިލްކަން ޒިޔާދުގެ ބައްޕަގެ ނެތުމުންނެވެ. އެ އުނި ސިފަ، ރިސޯޓްގެ މެނޭޖްމަންޓަށް ވިސްނުނު ހިސާބުން އާއިލާގެ އުފާވެރިކަން ވެސް ގެއްލުނެވެ. އެހެންކަމުން އެންމެ ފަހުން ރިސޯޓް ކަނޑާލީ އެވެ. އެއީ މުޅި އާއިލާގެ އާމްދަނީ އަށް ހުއްޓުން އެރުމެވެ. ގޭގައި ކުއްޔަށް ދީފައި ހުރި ފިހާރައިން މަހަކު ލިބޭ ވިހި ހާސް ރުފިޔާ އެއްޗަކަށް ވެސް ނުވެ އެވެ.

ޒިޔާދާއި މައިންބަފައިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހޫނު އަދި ހުތުރު ޒުވާބުތައް، ކޮޓަރީގައި އޮވެގެން، ރޮމުން އަޑުއެހުން ނޫން ކަމެއް ސުހާނާއަކަށް ނުކުރެވުނެވެ. ރަލާއި މަސްތުވާތަކެތި ނުލިބި އެންމެ ދުވަހެއް ހޭދަކުރުން ވެސް އެމީހުންނަށް ވީ، އާއިލީ ހުރިހާ ލޯތްބެއް ނެތި، އެންމެ ހުތުރު ބަހުން ޒުވާބުކުރަން ޖެހޭ ސަބަބަކަށެވެ.

ކޮންމެ ދުވަހަކު އެލިބޭ ވަރުބަލިކަމާއި ޒިޔާދުގެ އަޅާލުން ކުޑަކަމުން އޭނާގެ ހަޔާތް އޮތީ ހިނިތުންވުމުން ދުރުގަ އެވެ. ޒުވާބު ފެށޭނެ އިރެއް ނޭނގެ އެވެ. ފެށިއްޖެ ނަމަ އޭނާ އަށް އޮތީ ކޮޓަރީގައި އޮވެގެން ރުއިމެވެ. ޒުވާބު ހުއްޓުވައި، ޒިޔާދު ކޮޓަރިއަށް ވައްދަން ދެ ދުވަހަކު ކުރި މަސައްކަތުގައި އަނިޔާ ލިބުނީ އޭނާ އަށެވެ. "މިއީ ކަލެއާ ބެހޭ ކަމެއް ނޫނޭ" ބުނެ ޒިޔާދު އޭނާގެ މޭމަތީގައި އަޅާ ކޮއްޕާލުމުން ގޮސް ޖެހުނީ ސިޓިން ރޫމްގެ ފާރުގަ އެވެ. ދެ ވަނަ ދުވަހު އޭނާގެ ކަރުގައި ހިފާ، ކޮޓަރި އަށް ވައްދައި، ހޫރާލުމުން ވެއްޓި ކޮނޑަށް ވީ ތަދު ފިލީ ހަފުތާއެއް ވީ ފަހުންނެވެ.

އޭގެ ފަހުން އެ ޒުވާބުގެ ތެރެއަކަށް އޭނާ ނުވަދެ އެވެ. އެއީ މަސްތުވުމުގެ އަލާ ކަނޑުވާނެ ގޮތެއް ނެތި އުފެދޭ ނުރައްކަލާއި ބިރުވެރިކަމެވެ.

މާއިޝް ނިންދުވަން އޮށޯތުމަކީ، ގިނަ ފަހަރަށް ސުހާނާ ވެސް ނިދުމެވެ. އެރޭ ވެސް އެކަން ވީ އެހެންނެވެ. އޭނާ އަށް ހޭލެވުނީ އެއްޗެހިތަކެއް ވެއްޓި، ތެޅޭ އަޑަށެވެ. ދެން އިވުނީ މައިދައިތަ ރޯ އަޑެވެ. ދެން ވިސްނާލި އިރު އިވުމުގެ ހިއްސު ހަމަޖެހި، އޭނާގެ ސިކުނޑި އަށް ވިސްނައިދިނީ ވަރުގަދަ ތަޅާފޮޅުމެއްގެ އަޑެވެ. ސުހާނާ ކުއްލިއަކަށް ތެދުވެ، ދޮރާ ދިމާއަށް ދުއްވައިގަތީ އެވެ. އޭރު މައިދައިތަ އެންމެ ފަހު ފަހަރަށް ހަޅޭއްލަވައި ގަތް އަޑު އިވުނެވެ.

ދޮރު ހުޅުވާފައި ނުކުތް އިރު ސިޓިން ރޫމްގައި ކޮޅަށް ހުރި އެކައްޗެއް ވެސް ނެތެވެ. ނުތެޅޭ އެކައްޗެއް ވެސް ނެތެވެ. ސިޓިން ރޫމުގެ ވެއްޓިފައި އޮތް ގޮނޑިއާ އެކު ބައްޕަ އޮތީ އަނެއް ފަރާތުގަ އެވެ. ޒިޔާދު އޮތީ ގޮނޑި ކައިރީގަ އެވެ. މަންމަ އޮތީ ޒިޔާދުގެ ގައި މަތީގަ އެވެ.

ސިޓިން ރޫމުގެ ހުދު ތަށިމުށިތަކުގެ މަތިން ލޭތައް އެކި ކޮޅުކޮޅަށް ފެތުރެމުން ދިޔަ އެވެ. ތިން މީހުން ވެސް އޮތީ މަރުވެފަ އެވެ. (ތިން ވަނަ ބައި އޮގަސްޓް 16 ގައި)