ކުރިއަށްދާނީ މި ޓީމުގެ ހައްގުގައި: ގައުމީ ކޯޗު
ކުރިއަށްދާނީ މި ޓީމުގެ ހައްގުގައި: ގައުމީ ކޯޗު

ސާފް ސުޒުކީ ކަޕްގެ ކާމިޔާބަށް ފަހު ދެން ހުރި ކަންތައްތަކާ ކުރިމަތިލައިގެން އުފަލާއެކު ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ މި ޓީމުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ބުނެފި އެވެ.

ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ސާފްގެ ތަށި ރާއްޖެ އަށް ހޯދައިދިންތާ ދެ މަހެއްހާ ދުވަސް ފަހުން އަންނަ ހޮނިހިރު ދުވަހު މެލޭޝިއާގައި އެކުވެރިކަމުގެ މެޗެއްގައި އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅެން ރޭ ގައުމީ ޓީމު ވަނީ ފުރައިފަ އެވެ.

ސެގާޓް ބުނީ ސާފްގެ ކާމިޔާބީ އަށް ފަހު އޭނާގެ ހަޔާތުގެ ގިނަ ކަންތައްތަކެއް ބަދަލުވެގެން ގޮސްފި ކަމަށެވެ.

"ސާފްގެ ކާމިޔާބީގެ އުފާފާޅުކުރުމުގައި ވަރަށް ގިނަ ކަންތައްތައް ތަޖުރިބާ ކުރެވިއްޖެ. އަހަރެން ދިރިއުޅުން ވެސް ބަދަލުވެއްޖެ. އަހަރެން ބޭނުންވަނީ މި ފަދަ މާހައުލެއްގައި މި ޓީމާ އެކު ކުރިއަށްދާން. މިއީ އަހަރެން އެކަނި ހޯދި ކާމިޔާބެއް ނޫން. ކުޅުންތެރިންނާއި އެފްއޭ އާއި ސަޕޯޓަރުން ވެސް އެކުވެގެން،" ރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސެގާޓް ބުންޏެވެ.

ސާފް މުބާރާތް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. މި ފަހަރު އަލަށް ޓީމުން ފުރުސަތު ދިނީ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. އޭނާގެ އިތުރުން މި ފަހަރު ނެގި 20 ކުޅުންތެރިންގެ ސްކޮޑުން ވަނީ އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އަށް ފުރުސަތު ދީފަ އެވެ. މި ދެ ކުޅުންތެރިންނަކީ ސެޕްޓެމްބަރު މަހު ކުޅުނު ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.

"ސާފް ކާމިޔާބުކުރި ކުޅުންތެރިންނަށް އަހަރެން ވައުދުވިން މި ޓީމާ އެކު އޭ އަހަރެން ކުރިއަށްދާނީ. ބޮބީ ނުނެގީ އަނިޔާ އާއި އެހެން މައްސަލަތަކެއް ހުރުމުން. ރިޒޭ ނެގީ އޭނަ ވަރަށް ގިނަ ލަނޑު ޖަހައިފި. އެވަރަށް ލަނޑު ޖަހާ ކުޅުންތެރިއަކު ނަގަން ޖެހޭ ސަބަބެއް އޮޅުންފިލުވައިދޭން ޖެހޭނެ ހެނެއް ހިއެއްނުވޭ. ނާއިމް އާއި ޔާމިން އަކީ އަހަރެމެންނާ އެކު ގަތަރު ކޭމްޕްގައި ވެސް ކުޅުނު ކުޅުންތެރިން،" ސެގާޓް ބުންޏެވެ.

މި ފަހަރުގެ ސްކޮޑުން ވެސް ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތެއް ނުދެ އެވެ. މީގެ ކުރިން ދަގަނޑޭ އަށް ފުރުސަތު ނުދިން މައްސަލާގައި ގައުމީ ކޯޗު ސެގާޓް ވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިފަ އެވެ. ދަގަނޑޭ އަށް މި ފަހަރު ފުރުސަތު ނުދިން ސަބަބާ ބެހޭގޮތުން ސެގާޓާ ސުވާލުކުރުމުން އޭނާ ދިނީ ނުސީދާ ޖަވާބުތަކެކެވެ.

"ލުއިސް އެންރީކޭ ބުނިހެން އަހަރެން ވެސް ބުނާނީ. އަހަރެންގެ ޓީމުގައި ނެތް ކުޅުންތެރިއެއްގެ ވާހަކައެއް ނުދައްކާނަން. އެހެން ކުޅުންތެރިންނަކީ މާޒީ. އަޝްފާގު އަންނަނީ ވަރަށް މޮޅަށް ކުޅެމުން. އަހަރެންނަށް ވެސް ކަމުދޭ ލީގުގައި އޭނާ ދައްކާ ކުޅުން. އެކަމަކު އަހަރެމެންގެ މިހާރު އޮތީ ސަރަހައްދުގެ ޗެމްޕިއަން ޓީމު. އެ ކުޅުންތެރިންނަށް ފުރުސަތުދޭން ޖެހޭ،" ސެގާޓް ބުންޏެވެ.

ސާފަށް ސެގާޓްގެ އެހީތެރިންގެ ގޮތުގައި ގެނައި އެސިސްޓަންޓް ކޯޗު ބެލްޖިއަމްގެ ގެލާ ޝެކިލާޒޭ އާއި ޓްރެއިނަރު މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރުގެ އެއްބަސްވުން ދާއިމީ ނުކުރަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. އެހެން ކަމުން ސެގާޓްގެ އެހީތެރިންގެ ގޮތުގައި މިހާރު ތިބީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އާއި ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުއްރަހީމް އެވެ.

މެލޭޝިއާ މެޗަށް ފަހު ސެގާޓަށް ގައުމީ ކޯޗުކަން ގެއްލޭނެ ކަމަށް ދެކެވޭ ވާހަކަތަކާ މެދު އޭނާ އެހާ ބޮޑަށް އަޅާނުލާ ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެން ހުރީ އެންމެ ފުރަތަމަ މެޗަކީ ވެސް ފަހު މެޗު ކަމަށް ދެކިގެން. އަހަރެން އައިއިރު ވެސް ބުނިން އެފްއޭއެމް އާއި ރައީސް ބައްސާމް އަހަންނާ ހަވާލުކުރި މަސައްކަތާ މެދު އަހަރެން ފަހުރުވެރިވަމޭ. ޒުވާން ޓީމެއް ބިނާކުރުމުގެ މަސައްކަތް އުނދަގޫތަކަކަށް ފަހު އަހަރެން މި ފެށީ ސަރަހައްދީ ތަށި ގެނެސްގެން. އަހަންނަށް އިތުބާރު އެބައޮތް،" މުސްތަގުބަލާ ބެހޭގޮތުން ސެގާޓް ބުންޏެވެ.

މި ވަގުތު ހާލަތު އޮތްގޮތުން މެލޭޝިއާ މެޗަށް މާ ބޮޑު ތައްޔާރީތަކެއް ބޭއްވެން ނެތް ކަމަށާއި ކުޅުންތެރިން ތިބި ހާލަތު ވަޒަންކޮށްލަން ލިބުނު ވަގުތު މަދުވުމުން ތައްޔާރުވުމުގައި މައްސަލަތަކެއް ހުރިކަން ސެގާޓް ފާހަގަކުރި އެވެ.

"ފާއިތުވި ދުވަސްތަކުގައި ލީގުގައި ކުޅޭ ޓީމުތައް އޮތީ ގޯސް ހާލަތެއްގައި ރަނގަޅަށް ޕްރެކްޓިހެއް ނުކޮށް ޓީމުތައް ކުޅުނީ. ދެން ކުޅުންތެރިން ވެސް އަނިޔާގެ މައްސަލަތައް ހުރީ. މި ފަދަ ހާލަތެއްގައި އެންމެ ޕްރެކްޓިހެއް ކޮށްލުމަށް ފަހު މެޗެއް ކުޅެން އަރައިގެން އެންމެ ތަފާތެއް ނުދެއްކޭނެ. އެއީ ޖާދޫއެއް ނުހެދޭނެ އަަހަންނަށް. އެކަމަކު ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނަން،" ސެގާޓް ބުންޏެވެ.

އޭނާ ބުނީ މެލޭޝިއާ މެޗަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ދައްކާލަން ރަނގަޅު މެޗެއް ކަމަށާއި މޮޅު ކުޅުމެއް ދައްކައިފިނަމަ ރާއްޖޭގެ ކުޅުންތެރިއަކަށް އެ ތަނުގެ ކްލަބަކުން ފުރުސަތު ލިބުން ވެސް އެކަށީގެންވާ ކަމަށެވެ.