31 އޮކްޓޯބަރ 2018 - 21:15

ސައުދީ އަރަބިއާ އިސްކޮށް އޮވެ އަލަށް އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް) އިން ރާއްޖެ ވަކިވުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.
ސައުދީން އިސްނަގައިގެން މިދިޔަ އޮގަސްޓް މަހު އުފެއްދި ސްވާފުން ކުއްލި ގޮތަކަށް ސައުތު އޭޝިއާގެ ގައުމުތަކުން އިއްޔެ ވަކިވި ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެެރޭޝަން އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން ސްވާފުގައި ހިމެނޭ ސައުތު އޭޝިއާގެ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާން ވަނީ އިއްޔެ މެލޭޝިއާގައި ބޭއްވި ބައްދަލުވުމަށް ފަހު ސްވާފުން ވަކިވެފަ އެވެ.
އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކުއްލިއަކަށް އެވަރުގެ ބޮޑު ނިންމުމެއް ނިންމަން އުނދަގޫވުމުން އެފްއޭއެމުން ގޮތެއް ނިންމާނީ އެކްސްކޯގެ ބައްދަލުވުމަކަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެން ސްވާފުން ވަކިނުވަން. އެއީ އެވަރުގެ ނިންމުމެއް ނިންމޭނީ މަޝްވަރާތަކެއް ބޭއްވިގެން. ސަރަހައްދުގެ އެހެން ގައުމުތަކަށް އެހާ ފަސޭހައިން ވަކިވެވުނަސް އަޅުގަނޑުމެން ކަންތައް ކުރަނީ އެކްސްކޯގައި މަޝްވަރާކޮށްގެން. އެހެންވީމަ އެކަން ވެސް ކުރިއަށްދާނީ މަޝްވަރާގެ މަތިން،" ޖަވާ ވިދާޅުވި އެވެ.
އޭއެފްސީ ކޮންގްރެސްގައި ސްވާފަށް ރަސްމީ ހައިސިއްޔަތު ދިނުމަށް ވަނީ ނިންމައިފަ އެވެ. ސްވާފް އުފެއްދިއިރު ހިމެނެނީ 14 ގައުމެކެވެ. ރަސްމީކޮށް ދެކުނު އޭޝިއާގެ ހަ ގައުމު ވަކިވުމުން އެ އަދަދު އަށް ގައުމަށް ތިރިވާނެ އެވެ.
ސްވާފްގެ ސީނިއާ ނައިބް ރައީސް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. ސްވާފުގެ ރައީސަކީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތެވެ. ދެކުނު އޭޝިއާ ފަޅިން ނައިބް ރައީސްގެ މަގާމަށް އިންޑިއާގެ ސުބްރަތާ ދައްތާ އަދި ހުޅަނގު އޭޝިއާ ފަޅިން ވަޑައިގެންނެވީ ޔޫއޭއީގެ އަބްދުﷲ އަލް ޖުނައިބީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ސްވާފުން ސައުތު އޭޝިއާގެ ގައުމުތަކުން ވަކިވީ އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާގެ އެންގުމަށެވެ. އެއީ ކުރިއަށް އޮތް އޭއެފްސީ އިންތިހާބުގައި އަލް ހަލީފާ އާއި ވާދަކުރައްވަން ސްވާފުގެ ރައީސް އިއްޒަތު ނިންމަވާފައިވާއިރު، އިތުރު ދައުރަަކަށް ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަލް ހަލީފާ ދެއްވާފައިވާތީ އެވެ.
ސްވާފުގައި ރާއްޖެ އޮތުމުން ފައިދާވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އެއީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ އެހީތަކެއް އެ ޖަމިއްޔާގެ ތެރެއިން ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
މީގެ ކުރިން ސްވާފުން ބުނެފައިވާ ގޮތުގައި ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކުގެ ކުރިއެރުމުގެ ސަބަބަކީ ފުޓްބޯޅައިގެ ވަސީލަތްތަކާއި ތަމްރީނާއި ކޯޗިންގެ މައުލޫމާތު ހުރުމާއި ކޮމާޝަލް އަދި މުބާރާތްތަކުގެ ތަޖުރިބާ ހުރުމުން ކަމަށްވެފައި އަމާޒަކީ މި ޖަމިއްޔާގެ މެމްބަރު ގައުމުތަކުގައި އެކަންކަން ތަރައްގީކުރުން ކަމަށެވެ. އެއާ އެކު އެ ގައުމުތަކާ ވާދަކުރެވޭ ފެންވަރަށް ގެންގޮސް ވޯލްޑް ކަޕަށް އޭޝިއާ އިން ކޮލިފައިވާ ގައުމުތަކުގެ އަދަދު އިތުރުކުރުމަކީ އަމާޒެއް ކަމަށް ބުނެފައިވެ އެވެ.
ހުޅަނގު އޭޝިއާގެ ގައުމުތަކަށް ވުރެ ނިސްބަތުން ފުޓްބޯޅައިގައި ބަލިކަށި ގައުމުތަކެއް ހިމަނައިގެން ސައުދީ އަރަބިއާ އިން މި ޖަމިއްޔާ އުފައްދާ ސަބަބާ މެދު މީޑިއާގައި ސުވާލުތަކެއް އުފައްދާފައިވެ އެވެ. ޖަމިއްޔާ އުފެއްދުމާ މެދުއިރުމަތީގައި މިހާރު އޮތް ސިޔާސީ "ބައިބައިވުންތަކާ" ގުޅުވައިގެން ވެސް ވާހަކަތަކެއް ދެކެވުނެވެ.