31 އޮކްޓޯބަރ 2018 - 15:48

ފިލްމީ މަސައްކަތުގައި ވަރަށް ބިޒީކޮށް އުޅެން ޖެހި ވަގުތު ދޭން ދަތިވުމާ ގުޅިގެން ފިލްމު އެންޑް ޓެލެވިޝަން އިންސްޓިޓިއުޓް އޮފް އިންޑިއާ (އެފްޓީއައިއައި) ގެ ޗެއާމަންގެ މަގާމުން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް ބުދަ ދުވަހު އިސްތިއުދާ ދީފި އެވެ.
އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ރަޖިއަވަރްދާން ސިންގް ރާތޯޑް އަށް 63 އަހަރުގެ އެކްޓަރު ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނީ މި ފަހަކަށް އައިސް އޭނާ އިންޓަނެޝަނަލް ވަރަށް ގިނަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން ޖެހުމާއި އިންޑިއާ އިން ބޭރުގައި ވަރަށް ގިނައިން އުޅެން ޖެހިފައިވާތީ އެފްޓީއައިއައި އެކަށީގެންވާ ވަރަށް ވަގުތު ދޭން ދަތިވާ ކަމަށެވެ.
އެހެންވެ ޗެއާމަންގެ ހައިސިއްޔަތުން ނަގަން ޖެހޭ ޒިންމާތަކަށް، އަމިއްލަ މަސައްކަތުގައި މާ ބޮޑަށް ބިޒީވުމުން ވަގުތު ދޭން ދަތިވާ ކަމަށް ބުންޏެވެ. އެފްޓީއައިއައިގެ ޗެއާމަންގެ މަގާމަށް ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރު އައްޔަން ކުރީ އޮކްޓޯބަރު، 11، 2017 ގަ އެވެ.
އަނޫޕަމްގެ އިސްތިއުފާ މިނިސްޓަރު ރަޖިއަވަރްދާން ގަބޫލު ކުރައްވައި، އޭނާ ޗެއާމަންގެ މަގާމުގައި ހުރެގެން މިހާތަނަށް ކޮށް ދިން ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫޕަމް އެތައް ސަތޭކަ ފިލްމެއް ކުޅެފައިވާ އިރު އޭނާ ފާހަގަ ކުރެވެނީ ހުޅަނގުގައި މަސައްކަތް ކުރާ އިންޑިއާގެ އެކްޓަރުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކަށެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްގެ ބައޮގްރިފިކަލް ޑްރާމާ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޝޫޓިން ވެސް ދާދި ފަހުން ނިންމައިލި އަނޫޕަމް ވަނީ ހޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކާއި ޑްރާމާ ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
އޭނާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ ފެބްރުއަރީ މަހު ރިލީޒް ކުރި "އައްޔާރީ" އެވެ. "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު 7 ގަ އެވެ.
އަނޫޕަމްއަކީ ކަލާޒުން މިހާރު ދައްކާ "އިންޑިއާސް ގޮޓް ޓެލެންޓް" ގެ ޖަޖުންގެ ތެރޭގައި ހިމެނޭ ބަތަލާ ކިރަން ކޭރްގެ ފިރިމީހާ އެވެ.