31 އޮކްޓޯބަރ 2018 - 14:07

ބައިނަލްއަގްވާމީ މެޗުތަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު ނަގާއިރު މިހާރަށް ވުރެން ބޮޑަށް އިންސާފުވެރިވާން ޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ގައުމީ ޓީމުގެ 20 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ ޓީސީ ސްޕޯޓްސް ކްލަބުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އެކަމަކު ޓީސީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ)، އިޝާން އިބްރާހިމް (ސައްޓު) އަދި މުހައްމަދު ސާމިރު ފަދަ ކުޅުންތެރިންނަށް ފުރުސަތު ނުލިބެ އެވެ.
"ވަރަށް ހިތާމައާ އެކު ފާހަގަކޮށްލަން ލީގުގެ އެއް ވަނައިގައި ޓީސީ އޮތްއިރު އެ ޓީމުން ދެ ކުޅުންތެރިން އެކަމަކު ފަސް ވަނައިގައި އޮތް ޓީމުން ހަތް ކުޅުންތެރިން އަށް ކުޅުންތެރިން. މި އެއްޗެހި އެބަޖެހޭ މި އަށް ވުރެން ރަނގަޅަށް ނަގަން،" ލީގުގައި ރޭ ށ. ފޯކައިދޫ އަތުން 5-1 އިން ޓީސީ މޮޅުވި މެޗަށް ފަހު ނިޒާމްބެ ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި ފަހަރު ގައުމީ ކޯޗު ޕީޓަ ސެގާޓް މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ސްކޮޑު ނެގިއިރު އެންމެ ބޮޑަށް އިސްކަންދިނީ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމާއި ސާފްގެ ކުރިން އޮތް ގަތަރު ޓްރެއިނިން ކޭމްޕްގައި ބައިވެރިވި ކުޅުންތެރިންނަށް ފުރުސަތު ލިބޭ ގޮތަށެވެ.
ސާފް މުބާރާތް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ތިންް ވަނަ ކީޕަރު ހަަސަން ތޮލާލް (ޓޮޕްލަކް) އެވެ. މި ފަހަރުގެ ސްކޮޑުގައި ހިމެނެނީ ދެ ކީޕަރުންނެވެ. އެއީ ސާފްގެ މޮޅު ކުޅުންތެރިއާ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ޒުވާން ކީިޕަރު ހުސެން ޝަރީފް އެވެ.
ޓީމުން އަލަށް މި ފަހަރު ފުރުސަތު ލިބުނީ ރަނގަޅު ފޯމެއްގައި ހުރި އީގަލްސް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީންއަށެވެ. ޔާމީން އާއި ނާއިމް އަކީ ގަތަރު ޓްރެއިނިން ކޭމްޕަށް ފަހު ސާފްގެ ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.
ނިޒާމްބެ ބުނީ ޓީމު ނެގުމުގައި މިހާރު ކަން އޮތް ގޮތަށް ބަލާއިރު މިއީ ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.
"އެއްވެސް ގޮތަކަށް ނުކުޅެ ޕާފޯމް ނުކޮށްތިބި ކުޅުންތެރިން ވެސް ގޮވައިގެން އެ ދަނީ. މިއީ (ރަނގަޅަށް ކުޅޭ ކުޅުންތެރިންނަށް) ކުރެވޭ ވަރަށް ބޮޑު މަލާމާތެއް. ނޫނީ ކުރެވޭ ބޭއިންސާފެއް. އެކަންކަން އެބަޖެހޭ މި އަށް ވުރެން ރަނގަޅުވާން،" ނިޒާމްބެ ބުންޏެވެ.
ބައިނަލްއަގްވާމީ މެޗުތައް ކުޅުމުގެ ބޭނުމަކީ އެ އިރެއްގައި ރަނގަޅަށް ކުޅޭ ކުޅުންތެރިން ހިމަނައިގެން އެ ކުޅުންތެރިން އިތުރަށް ތަރައްގީ ކުރުން ކަމަށާއި އެ ނޫން ވިސްނުމެއްގައި އެކަން ކޮށްގެން ހަގީގަތުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ނުކުރެވޭނެ ކަމަށް ނިޒާމްބެ ދެކެ އެވެ.
"މިއީ އެއްގޮތަކަށް ވެސް ވަކި މީހަކަށް ދަތުރެއް ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ނޫން. ފްރެންޑްލީސް މި ކުޅެނީ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންނަށް އެކްސްޕޯޝާދީ އެ ކުޅުންތެރިންގެ ތަޖުރިބާ އިތުރު ކުރުމަށް. ގައުމަށް އިތުރު ކުރިއެރުން ހޯދަން. އެހެންވީމަ ގަބޫލުކުރަނީ ލީގެއްގައި އެ އިރެއްގައި ރަނގަޅަށް ޕާފޯމްކުރާ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށް،" ނިޒާމްބެ ބުންޏެވެ.
މީގެ ކުރިން ވެސް ގިނަ ކޯޗުން ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނަގާ ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ނިޒާމްބެ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަކީ ކޯޗުގެ ޒިންމާއެއް ކަމަށާއި އޭނާގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު އެ މީހަކަށް ފެންނަ ގޮތް ހާމަކޮށް އިންސާފުވެރިކޮށް ކަންތައް ކުރަން ޖެހޭނެ ކަމަށެވެ.