ބޯޓު ވެއްޓުނު އެއާލައިނުގެ ޓެކްނިކަލް ޑިރެކްޓަރު މަގާމުން ދުރުކޮށްފި
ބޯޓު ވެއްޓުނު އެއާލައިނުގެ ޓެކްނިކަލް ޑިރެކްޓަރު މަގާމުން ދުރުކޮށްފި

ޖަކާޓާ (އޮކްޓޯބަރު 31) - މަތިންދާ ބޯޓު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ޓެކްނިކަލް ޑިރެކްޓަރާއި އެހެން ބައެއް ޓެކްނިކަލް ސްޓާފުން މަގާމުން ދުރުކުރުމަށް އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އަންގަވައިފި އެވެ.

"ލަޔަން އެއާގެ ޓެކްނިކަލް ޑިރެކްޓަރު މިއަދު ވަކިކުރާނެ. އަދި ބޯޓު ފުރަން ހުއްދަ ދިން ހުރިހާ ސްޓާފުން ވެސް ވަކިކުރާނެ،" ޓްރާންސްޕޯޓް މިނިސްޓަރު ބުޑި ކުރިޔާ ސުމަދީ ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑޮނީޝިއާ އިން މިހާރު ވަނީ ބޯއިން 737 މެކްސް މަރުކާގެ ހުރިހާ ބޯޓެއް އިންސްޕެކްޓް ކުރަން އަންގައިފަ އެވެ. ވެއްޓިފައި ވަނީ މުޅިން އާ ބޯޓެކެވެ. އެކަމަކު އެ ބޯޓު ބާލީން ޖަކާޓާ އަށް ކުރި ދަތުރުގައި ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ޖަކާޓާ އިން ފުރާފައި ވަނީ އެ މައްސަލަ ހައްލުކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑޮނީޝިއާގެ އެންމެ ބޮޑު ބަޖެޓް އެއާލައިނުން މި އަހަރު ކުރީކޮޅު ވަނީ ބޯއިން 737 މެކްސްގެ 50 ބޯޓު ގަންނަކަން ހާމަކޮށްފަ އެވެ. އެ އެއާލައިނުގައި 737 މެކްސްގެ 10 ބޯޓު މިހާރު އޮވެ އެވެ. އެ ގައުމުގެ ގައުމީ އެއާލައިން ގަރޫޑާގައި އޮންނަނީ މި މަރުކާގެ އެއް ބޯޓެވެ.