31 އޮކްޓޯބަރ 2018 - 13:28

ދިވެއްސަކާ ކައިވެނިކޮށް، ކުއްޖަކު ލިބުނު ފަހުން ވަރިކުރުމުން ދަރިފުޅާ އެކު ހާލުގައި އުޅެމުން އަންނަ ނޭޕާލުގެ ޒާރާ އަށް ސައިކަލެއް ދޭން ލިޓަސް މޯލްޑިވްސް އިން ތައްޔާރުވެއްޖެ އެވެ.
ޒާރާ އާއި އޭނާގެ ދަރިފުޅު މުސްކާންގެ ވާހަކަ ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވާން ފެށުމާ އެކު އެތައް ބައެއްގެ ހިތަށް ވަނީ އަސަރުކޮށްފަ އެވެ.
ހަސަން ޒަކީ ނަމަކަށް ކިޔާ ޒުވާނަކު އޭނާގެ ޓްވިޓާގައި ސާރާ އާއި އޭނާގެ ދަރިފުޅު މުސްކާންގެ ވާހަކަ ކުރުކޮށް އެކަމަކު ހިތްގައިމު ގޮތަކަށް ގެނެސްދިނީ، މުސްކާން ގޮވައިގެން ތަންތަނަށް ދާން ޒާރާ އަށް ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.
ޒަކީގެ އަމާޒަކަށް ހެދީ ސްކޫލަށާއި އެހެން ތަންތަނަށް މުސްކާން އުފުލަން ސައިކަލެއް ހޯދައިދޭށެވެ. އެކަމަށް ބޭނުންވާ އެހީއަށް އެދުމުން އެތައް ބަޔަކު ވަނީ އިޖާބަދީފަ އެވެ.
ރާއްޖޭގައި މިހާރު އެންމެ ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކަމުން އަންނަ އެއް ކުންފުނި ކަމަށްވާ ލިޓަސް އިން ވެސް ޒާރާގެ ވާހަކަ އަޑުއެހީ އޯގާތެރިކަމާ އެކުގަ އެވެ. އެހެންކަމުން އޭނާ ޒާރާ އާއި މުސްކާން އަށް ސައިކަލެއް ދޭން އެ ތަނުން ވަނީ ނިންމާފަ އެވެ.
ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވީ ޒާރާއަށް ސައިކަލް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހުމުން އަންނަ ކަމަށެވެ.
"ޒާރާ ހޯދިއްޖެ މިހާރު. އޭނާގެ ވަކީލާ މިއަދު ގުޅިއްޖެ. މިއަދުގެ ވަގުތެއްގައި ބައްދަލުވުމެއް އެބަ އޮތް އެމީހުންނާ އެކީ،" އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވި ގޮތުގައި ޒާރާ އާއި މުސްކާންއަށް ދޭނެ ސައިކަލެއް ނިންމާނީ އޭނާއާ ވާހަކަދައްކައިފަ އެވެ.
ޒަކީ ލިޔެފައިވާ ގޮތުގައި ދިވެއްސަކާ ޒާރާ ކައިވެނިކުރީ 2011 ވަނަ އަހަރު އެވެ. އެ ދެ މީހުންނަށް ކުއްޖަކު ލިބުނު ފަހުން 2013 ގައި ޒާރާ ވަރިކުރި އެވެ. އޭރު ދަރިފުޅު މުސްކާންއަށް 10 މަސް ވެސް ނުވެ އެވެ.
ޒާރާގެ ފިރިމީހާ އޭނާ ފޮނުވާލަން އުޅުނީ ދަރިފުޅު އަތުލުމަށް ފަހު އެވެ. ނަމަވެސް ޒާރާ މާލެ އައީ ދަރިފުޅު ގޮވައިގެންނެވެ. އަދި އޭނާއަށް އެހީތެރިވެދިން ވަކީލުންގެ މަސައްކަތުން ދަރިފުޅުގެ ކަސްޓަޑީ ލިބުނީ 2015 ވަނަ އަހަރު އެވެ.
މާލޭގައި ވަޒީފާ އަދާކުރަމުން ދަރިފުޅު ސްކޫލަށާއި އެހެން ތަންތަނަށް ގެންދަން ޒާޒާ ބޭނުންކުރަމުން އަންނަނީ ބައިސްކަލެކެވެ. ނަމަވެސް އެ ބައިސިކަލްގެ ގޮނޑީގައި ބައިންދައިގެން ދުއްވޭ ވަރަށް ވުރެ މުސްކާން މިހާރު ބޮޑެވެ. އެހެންކަމުން އޭނާއަށް ސައިކަލެއް ހޯދައިދޭން ޒަކީ ފެށި ކެމްޕެއިން މި ވަނީ އުފާވެރި ނިމުމަކަށް އައިސްފަ އެވެ.