ރިޒޭ އަލުން ގައުމީ ޓީމަށް ނަގައިފި
ރިޒޭ އަލުން ގައުމީ ޓީމަށް ނަގައިފި

އަންނަ ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުން، މި ވަގުތު ތަފާތު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް ފުރުސަތު ދީފި އެވެ.

މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވި ފަހުން ރިޒޭ އަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. ރިޒޭގެ އިތުރުން މި ފަހަރު ނެގި 20 ކުޅުންތެރިންގެ ސްކޮޑުން ވަނީ އީގަލްސްގެ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އަށް ފުރުސަތު ދީފަ އެވެ. މި ދެ ކުޅުންތެރިންނަކީ ސެޕްޓެމްބަރު މަހު ކުޅުނު ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.

ރިޒޭ ވަނީ މި ފަހަރުގެ ދިރާގު ދިވެހި ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. ރިޒޭގެ ހެޓްރިކްގެ ސިލްސިލާ އަށް ނިމުމެއް އައީ އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް ކޮޅަށް ހަތަރު ލަނޑު ޖަހައި ރިޒޭ މި ވަނީ ހަތް މެޗުން 20 ގޯލު ޖަހައިފަ އެވެ. މުޅި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 27 ލަނޑު ޖަހައިފަ އެވެ. ރިޒޭ އަށް އަލުން ގައުމީ ޓީމުން ފުރުސަތު މި ލިބުނީ އަހަރެއްހާ ދުވަސް ފަހުންނެވެ.

ސާފް މުބާރާތް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ)، ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އާއި ތިންް ވަނަ ކީޕަރު ހަަސަން ތޮލާލް (ޓޮޕްލަކް) އެވެ. މި ފަހަރުގެ ސްކޮޑުގައި ހިމެނެނީ ދެ ކީޕަރުންނެވެ. އެއީ ސާފްގެ މޮޅު ކުޅުންތެރިއާ މުހައްމަދު ފައިސަލް އާއި މާޒިޔާގެ ޒުވާން ކީިޕަރު ހުސެން ޝަރީފް އެވެ.

މި ފަހަރުގެ ސްކޮޑުން ވެސް ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތެއް ނުދެ އެވެ. މީގެ ކުރިން ދަގަނޑޭ އަށް ފުރުސަތު ނުދިން މައްސަލާގައި ގައުމީ ކޯޗު ސެގާޓް ވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދައްކައިފަ އެވެ. އެންމެ ފަހުން ސެގާޓް ބުނީ ދަގަނޑޭ ޓީމަށް ނުނެގީ މައާފަށް އެދުން ލަސްވުމުން ކަމަށެވެ. ދަގަނޑޭ ވަނީ މި ސީޒަނުގައި 35 ގޯލު ޖަހައިފަ އެވެ.

ޓީމުން މި ފަހަރު ފުރުސަތު ނުލިބުނު ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންނަށް ބަލާއިރު އީގަލްސްގެ ޒުވާން މިޑްފީލްޑަރު ހަސަން ރާއިފް (ހަންނަ) އާއި ޓީސީގެ މުހައްމަދު ސާމިރު ހިމެނެ އެވެ.

މާޒިޔާ: އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ހުސެއިން ޝަރީފް، އަހުމަދު އިމާޒް (އާއްކޮ)، ނާއިޒު ހަސަން (ދާދު)، ސަމޫހު އަލީ (ސަމުއްޓެ)

ޓީސީ ސްޕޯޓްސް ކްލަބް: އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)

ކްލަބް އީގަލްސް: ހުސެއިން ޝިފާއު (ކުރޯ)، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، މުހައްމަދު އާރިފް (ބަކާ)، އަހުމަދު ރިޒުވާން (ރިޒޭ)

ނިއު ރޭޑިއަންޓް: ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)

ކްލަބް ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، އަބްދުﷲ ޔާމީން

ވިކްޓަރީ: ހުސެއިން ނިހާން (ނިހާޓް)