01 ނޮވެމްބަރ 2018 - 06:55

މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސަތިޔަމޭވް ޖަޔަތޭ" ގެ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ދެން ގެނެސްދޭނެ ފިލްމެއްގެ އިންތިޒާރުގައި ތިބި މީހުން ބައިވަރެވެ. މީގެ ކުރިން އާންމުކޮށް އެޑަލްޓް ކޮމެޑީތައް ލިޔަން މަޝްހޫރު، ޑައިރެކްޓަރުގެ "ސަތިޔަމޭވް ޖަޔަތޭ" ވެގެން ދިޔައީ ވަރަށް ވެސް ވަރުގަދަ އެކްޝަން ފިލްމަކަށެވެ.

ޖޯން އަބްހަރަމް ލީޑް ރޯލް ކުޅުނު މި ފިލްމަށް ބޮކްސް އޮފީހުގައި 107 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ވެސް ލިބިފައިވެ އެވެ. ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު، މީގެ ދެވަނަ ބައެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު އޭގެ ކުރިން މިލަޕްގެ އެހެން ފިލްމެއް ސިނަމާތަކަށް އަންނަ އަހަރު އަންނާނެ އެވެ.
އޮކްޓޯބަރު، 2، 2019 ގައި ރިލީޒް ކުރަން ނިންމާފައިވާ މިލަޕްގެ އާ ފިލްމުގެ ނަމަކީ "މަރްޖާވާ" އެވެ. މީގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުގައި ފިލްމުވެގެން ދާނީ އަނެއްކާ ވެސް އެކްޝަން ފިލްމަކަށެވެ.
ކާސްޓުންނަކީ ސިދާތު މަލްއުތުރާ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން އަންނަ އަހަރުގެ މެއި މަހު ރިލީޒް ކުރާ ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފު ކުރާ ބަތަލާ ސާރާ ސުތާރިއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "މަރްޖާވާ" ގައި އޭނާ ކުޅޭނީ ސިދާތުގެ ލޯބިވެރިޔާގެ ރޯލެވެ.
ބުޝަން ކުމާރުގެ ޓީ ސީޒީރާއި ނިކިލް އަދްވާނީ އެންމޭ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ "މަރްޖާވާ" ގެ ކުރިން ވެސް ސިދާތާއި ރިތޭޝް ވަނީ އެކުގައި މަސައްކަތްކޮށްފަ އެވެ. އެއީ 2014 ގެ "އޭކް ވިލަން" ގަ އެވެ.
"ޑަންގަލް" އަށް ފަހު ނިތޭޝް ތިވާރީ ޑައިރެކްޓް ކުރާ އާ ފިލްމު "ޗިޗޯރު" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.
ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރަދާ ކަޕޫރު ލީޑް ރޯލް ކުޅޭ ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލް ފަށަން ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.
މި ފިލްމަކީ ކޮން ކަހަލަ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމެއް އަދިއެއް ނޭނގެ އެވެ. އެކަމަކު "ޗިޗޯރު" ގެ ޕޯސްޓަރުން ފެންނަ ގޮތުން މިއީ ތަންކޮޅެއް މަޖާ ސްޓައިލްގެ ފިލްމަކަށް ވާނެ އެވެ. ފިލްމުގެ މައިގަނޑު ކެރެކްޓާތައް ޕޯސްޓަރުގައި ދައްކައިލި އިރު ކޮންމެ މީހަކު ވެސް ފެންނަން ހުރީ ތަފާތު ދެ ލުކަކަށް ޑަބަލް ރޯލްގެ ގޮތުގަ އެވެ.
ސާޖިދު ނަދިއަދްވާލާގެ ގްރޭންޑް ސަން އެންޓަޓައިންމަންޓާއި ފޮކްސް ސްޓާ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "ޗިޗޯރް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް، 30، 2019 ގަ އެވެ.
"ރާގިނީ އެމްއެމްއެސް 2" އާއި "އެލޯން" އަދި "1920 އިވިލް ރިޓާންސް" ފަދަ ބިރުވެރި ފިލްމުތައް ގެނެސް ދިން ބުޝަން ޕަޓޭލް އަނެއްކާ ވެސް ބިރުވެރި ފިލްމެއް ގެނެސް ދޭން ތައްޔާރުވެއްޖެ އެވެ.
އޭނާ މި ފަހަރު ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "އަމަވަސް" އެވެ. ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ "ޖެކްޕޮޓް" ގެ ބަތަލު ސަޗިން ޖޯޝީ އާއި "ރޮކްސްޓާ" ފަދަ ފިލްމުތައް ކުޅެފައިވާ ނަރްގިސް ފަޙްރީގެ އިތުރުން "ހޭޓް ސްޓޯރީ 4" ގެ ބަތަލު ވިވާން ބަތޭނާ އެވެ.
މި މަހުގެ 5 ވަނަ ދުވަހު ފިލްމުގެ ޓީޒާ ޓްރެއިލާ ވެސް ނެރެން ނިންމާފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 14 ގަ އެވެ.
ދަރިން ބޮޑެތިވެ، އުމުރުން ދުވަސްވާ ފަހުން ބަލިވެ އިންނަ މައެއްގެ ރޯލު "ބަދާއީ ހޯ" ގައި ކުޅުނު ނީނާ ގުޕްތާ އަށް އަނެއްކާ ވެސް ދުވަސްވީ ދެ މީހެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެއް ކުޅެން ލިބިއްޖެ އެވެ.
މިހާރު ސިނަމާތަކުގައި ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނަ "ބަދާއީ ހޯ" ގައި ކުޅުނު ރޯލާއެކު އެތައް ބައެއްގެ ލޯބި ހޯދާފައިވާ ނީނާ މި ފަހަރު ސޮއި ކުރި ފިލްމުގެ ނަމަކީ "މީތާ ޕާން" އެވެ.
މި ފިލްމުގައި އޭނާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ޓީވީ ސިލްސިލާތަކުން ވެސް ފެންނަ އަދި މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ރާޒީ" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ޝިޝިރް ޝަރްމާ އެވެ.
"މީތާ ޕާން" އަކީ މީގެ ކުރިން ކާމިޔާބު ކުރު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ދެޔާލީ މުކަރްޖީގެ ފުރަތަމަ ފީޗާ ފިލްމެވެ. ފިލްމުގެ ޝޫޓިން އަންނަ ޖެނުއަރީގައި ފަށަން ވަނީ ނިންމައިފަ އެވެ.
ފިލްމާ ބެހޭ ގޮތުން ނީނާ ބުނީ އޭނާ އަށް "މީތާ ޕާން" ގެ ސްކްރިޕްޓަ ވަރަށް ކަމުދިޔަ ކަމަށާއި ފިލްމުގެ މަސައްކަތް ފަށާނެ އިރަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.